އަލިފާން

އެހީއަށް އެދުނު މީހުންގެ އަދަދު 136 އަށް އަރައިފި

  • ގެއްލުންތައް ބެލުމަށް ދެ އެސެސްމެންޓެއް ހަދަނީ
  • ގެއްލުންވި އާއިލާތަކަށް ފައިސާގެ އެހީ ދެނީ
  • ސުނާމީއަށްފަހު އެންމެ ގިނަ މީހުން އެހީއަށް އެދުނު ހާދިސާ

އިއްޔެ ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 136 މީހެއް މިހާތަނަށް އެހީތެރިކަމަށް އެދިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފި އެވެ.

އިއްޔެ ހިނގާދިޔަ ހާދިސާއާ ގުޅިގެން ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، 136 މީހެއް މިހާތަނަށް އެހީތެރިކަމަށް އެދިފައިވާ ކަމަށާއި އެ އަދަދު އިތުރުވުމަކީ އަދިވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެހީއަށް އެދޭ އެންމެންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އެހީއަށް އެދުނު މީހުންގެ ތެރޭގައި:

  • 30 ކުޑަކުދިން
  • 21 ސޫކްލް ދަރިވަރުން
  • 65 އަހަރުން މަތީގެ 66 މީހުން
  • މާބަނޑު ދެ މީހުން

މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، އިއްޔެގެ ހާދިސާއަކީ މިފަހުން ހިނގި އެންމެ ނުރައްކާތެރި ހާދިސާ ކަމަށާއި، 2004 ވަނަ އަހަރުގެ ސުނާމީއަށް ފަހު އެންމެ ގިނަ މީހުން އެހީތެރިކަން އެދިފައިވަނީ މި ހާދިސާގައި ކަމަށެވެ.

ކޯސްޓްލައިން ހާޑްވެއާގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ކައިރި ގެތަކަށާއި ފިހާރަތަކަށް ވެސް ގެއްލުންވެފައިވެ އެވެ. މިނިސްޓަރު ވިދާޅުވީ، އިމާރާތްތަކަށް ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށާއި ދެ އެސެސްމެންޓެއް ހަދަމުންދާ ކަމަށެވެ. އެސެސްމެންޓް ހަދަނީ ގެއަށް ލިބުނު ގެއްލުމާއި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން ބެލުމަށެވެ. އަދި ވިދާޅުވީ އެ ދެ އެސެސްމެންޓްގެ މަސައްކަތް މިރޭ ނިމެނޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގެއްލުންވި ގެތަކުގެ އާއިލާތަކަށް މިހާރު ވަނީ ގެސްޓް ހައުސްތަކުން ބޯހިޔާވަހިކަން ދީފައި ކަމަށާއި އެމީހުން ކެއުމާ އެހެން ހިދުމަތްތައް ވެސް ފޯރުކޮށްދެމުންދާ އަންނައިރު އެ އާއިލާތަކަށް ފައިސާގެ އެހީވެސް ދޭނެ ކަމަށެވެ.

ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމް ވިދާޅުވީ، ގެސްޓް ހައުސްތަކުގައި އާއިލާތައް ބައިތިއްބާފައި ތިބޭނީ އެ ގެސްޓް ހައުސްތަކުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި ކޮޓަރިއެއްގައި އާންމުކޮށް ތިބޭނީ ދެ މީހުން ކަމަށެވެ. އަދި ވަގުތީ ގޮތުން ބޯހިޔާވަހިކަން ސަރުކާރުން ފޯރުކޮށްދޭނެ މުއްދަތެއް ކަނޑައެޅުމަށް މިހާރު އެސެސްޓްމެންޓްތައް ހަދަމުންދާ ކަމަށެވެ. ބޯހިޔާވަހިކަމުގެ މުއްދަތު ކަނޑައެޅެނީ އެ ގެއަކަށް ލިބުނު ގެއްލުމަށް ބަލާފައި ކަމަށެވެ.