އަލިފާން

ފައިސާ ހަވާލު ނުކުރާ އާއިލާއެއް އަދިވެސް ވަގުތީ ހިޔާގައި!

ކޯސްޓްލައިން ހާޑްވެއާގައި މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. އެ ހާދިސާގައި ކޯސްޓްލައިން ވަށައިގެންހުރި ހަ ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، އެ ގެތަކުގައި ދިރިއުޅެމުންދިޔަ 80 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައިޖެހުނު މީހުން ގެންދިޔައީ ވަގުތީ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށެވެ. ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ބެލެނިވެރިކަމުގެ ދަށުން އެމީހުންގެ ތެރެއިން ވަންނާނެ ތަނެއް ނެތިފައިތިބި 80 އަށްވުރެ ގިނަ މީހުންނަށް މާލޭގެ އެކި ގެސްޓް ހައުސްތަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ. ހިފައިގެންގުޅޭ ހުރިހާ މުދަލެއް ގެއްލި ދިރިއުޅުން އަޅިޔަށްވި ބައެއް ފަރާތްތަކަށް، އަލުން ދިރިއުޅުން އާބާދުކުރުމަށް އެހީއެއްގެ ގޮތުން ފައިސާ ދޭން ވެސް ސަރުކާރުން ނިންމި އެވެ. އެގޮތުން ވަގުތީހިޔާގައި ތިބި އާއިލާތަކުގެ ތެރެއިން ބޮޑެތި ގެއްލުންތައްވި 34 އާއިލާއަކަށް ފައިސާގެ އެހީދޭން ނިންމައި ފައިސާ ހަވާލުކުރަން ފެށީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު އެވެ.

ހެޔޮއެދޭ އަމިއްލަ ފަރާތަކުންނާއި ކޯސްޓްލައިނާއި ސަރުކާރުން ގުޅިގެން ދިން ފައިސާގެ އެހީއާއެކު ވަގުތީ ހިޔާތަކުގައި ދިރިއުޅުނު މީހުން އަމިއްލަ ގެތަކަށް އަލުން ބަދަލުވެފަ ވެ. އެންމެ އާއިލާއެއް ފިޔަވައެވެ. އެއާއިލާ އަދިވެސް ދިރިއުޅެނީ ވަގުތީ ބޯހިޔާވައްސެއްގައި ސަރުކާރުގެ ބެލުމުގެ ދަށުގަ އެވެ.

ޑިސާސްޓާ މެނޭޖްމަންޓްގެ ފަރާތުން އަވަސް އަށް މައުލޫމާތުދެއްވަމުން ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުގެ އޮފިޝަލު ހިސާން ހަސަން ވިދާޅުވީ، އެއް އާއިލާ (މ. އިރާކު ވިލާ ގައި ދިރިއުޅުނު އާއިލާއެއް) ފިޔަވައި އެހެން ހުރިހާ އާއިލާއެއް އަމިއްލަ ގެތަކަށް ބަދަލުވެފައިވާ ކަމަށެވެ. އިރާކު ވިލާގެ އާއިލާ ވަގުތީ ހިޔާއެއްގައި ދިރިއުޅެނީ އެއާއިލާއަށް އަދި ފައިސާ ހަވާލުކޮށް ނުދެވޭތީ ކަމަށެވެ.

އެ އާއިލާއަށް މިހާތަނަށް ފައިސާ ނުދެވި އޮތް ސަބަބެއް އަދި އެއީ ކިތައް މީހުން ކަމެއް ވެސް ހިސާން ވިދާޅެއް ނުވެ އެވެ.

"މިހާރު ވަގުތީ ބޯހިޔާވައްސެއްގައި ދިރިއުޅެނީ އެންމެ އާއިލާއަކުން. އެ މީހުން ޑިސާސްޓަގެ ބެލުމުގެ ދަށުގައި ތިބީ އެ އާއިލާއަށް މިހާތަނަށް ފައިސާ ހަވާލުކުރެވިފައި ނުވާތީ. އެހެން ހުރިހާ ފަރާތްތަކުން ވަނީ އަމިއްލަ ތަންތަނަށް ބަދަލުވެފައި، އިރާކު އާއިލާއަށް ވެސް ވަރަށް އަވަހަށް ފައިސާ ހަވާލުކުރާނެ،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ފައިސާ ދޭންޖެހޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ހަވާލުނުކުރެވި ވަނީ އިރާކު އާއިލާގެ އިތުރުން އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ބައެއް ފިހާރަތަކަށް ކަމަށެވެ. އެ ފިހާރަތަކަށް ފައިސާ ދޫނުކޮށްގެން އުޅެނީ ބައެއް ފިހާރަތަކުގެ ވެރިފަރާތް ކަށަވަރުނުވެގެން ކަމަށެވެ. ނަމަވެސް އެކަންތައް ބަލަމުން ގެންދާ ކަމަށާއި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ވެރިފަރާތްތަކާއި ވާހަކަ ދައްކައި ހަވާލުކުރަންޖެހޭ ފައިސާ އެފަރާތްތަކާ ހަވާލުކުރާނެ ކަމަށެވެ.

ކޯސްޓްލައިން ގައި ހިނގި އަލިފާނުގެ ހާދިސާގައި ބައެއް ގެތައް ފާރާއެކު އަނދައި އަޅިއަށްވެފައިވާ އިރު، ސަރުކާރުން ފައިސާގެ އެހީ ދީފައިވަނީ އެކި ފަރާތްތަކަށް ލިބިފައިވާ ގެއްލުންތައް ބަލައި، ގެއްލުން ހިސާބުކުރުމަށްފަހު އެކަށޭނަ މިންވަރަކަށް ކަމަށް ޑިސާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ ބުނެފަ އެވެ. ހާލުގައި ޖެހުނު ފަރާތްތަކަށް ތިން މިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދުކުރާގޮތަށް ވަނީ ހަމަޖައްސާފަ އެވެ.