ޒުވާނުންނަށް ހާއްސަކޮށް "ގެދޮރުވެރިކުރުން މާލެ ޕްރޮގްރާމް" ގެ ނަމުގައި ހާއްސަ ލޯނު ސްކީމެއް ރައީސް އަބްދުﷲ ޔާމީން މިރޭ އިފުތިތާހުކޮށްދެއްވައިފި އެވެ.
"ގެދޮރުވެރިކުރުން މާލެ ޕްރޮގްރާމް" ގެ ނަމުގައި ތައާރަފްކުރި މި ލޯން ސްކީމް އިފްތިތާހުކޮށްފައިވަނީ ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ދިރިއުޅޭ ހުރިހާ ޒުވާނުންނާއި ރައްޔިތުންނަށް ދަތިވެފައި އޮތް ކަމަކީ ގެދޮރު ބިނާ ކުރުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގެ ބަހައިގެންނާއި އާއިލާގެ އެކި ފަރާތްތަކުން ބެހިގެން ނަމަވެސް ކުދި ސައިޒުގެ ގޯތިތަކެއް ޒުވާނުންނަށް ލިބިފައިވާ ކަމަށާއި ނަމަވެސް އެތަން އިމާރާތް ކުރުމަށް އެޗްޑީއެފްސީ ނުވަތަ އެހެން ފައިނޭންޝިއަލް އިންސިޓިއުޓަކަށް ވަނުމުގެ ގާބިލް ކަމެއް އެފަރާތްތަކުގެ ނެތް ކަމަށެވެ.
"އެފަރާތްތަރަށް މިރޭ އިފްތިތާހު ކުރި ސްކީމްގެ ދަށުން 20 ޕަސަންޓު ސަރުކާރުން އެޗްޑީއެފްސީގެ ހާއްސަ ފަންޑެއްގައި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ދޭނެ. އެ 20 ޕަސަންޓު ލިބުނީމަ ގެދޮރު ބިނާ ކުރަން އެބަ ފެށޭ. އެއާއެކުގައި ދެން ބޭނުންވާ 80 ޕަސަންޓު އެޗްޑީއެފްސީގެ އާދައިގެ ސްކީމުގެ ތެރެއިން ހޯދަން ފުރުސަތު ތަނަވަސް ވެގެންދޭ،" މުއިއްޒު ވިދާޅުވި އެވެ.
"ގެދޮރުވެރިކުރުން" ގެ ނަމުގައި މިރޭ ބޭއްވި މި ރަސްމިއްޔާތުގައި މި ލޯން ސްކީމް ތައާރަފު ކުރުމުގެ އިތުރުން އިސްލާމިކް ފެސިލިޓީ ލޯނު ލިބުނު ފަރާތްތަކަށް ވަނީ ލޯނު ދީފައެވެ. މީގެ އިތުރުން މާލޭގައި ޓާޓާ ކުންފުނިން އަރަބިއްޔާ އާއި ގާކޮށީގައި އެޅި ފްލެޓްތަށް ނިންމައި، ސަރުކާރާއި ހަވާލުކޮށްފައިވާ އިރު ހުޅުމާލޭ ޔޫތު ސިޓީގައި 15000 ހައުސިން ޔުނިޓު އިމާރާތް ކުރުމަށްވެސް ވަނީ ބޭރުގެ ކުންފުނިތަކާއި ހަވާލުކޮށްފަ އެވެ.