ދުނިޔެ

ސީރިޔާގައި ދާހިލީ ހަނގުރާމަ އަލުން ފެށުމާއެކު 50 މަރު!

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ހުއްޓުމެއް ގެނެސް، ސިޔާސީ ހައްލެއް ގެނައުމުގެ ނިޔަތުގައި ބާއްވަން އުޅުނު ޕީސް ޓޯކްސް ސަސްޕެންޑްވެ، ހަނގުރާމަ އަލުން ފަށައިފިއެވެ. ހަނގުރާމަ ފެށުމާއެކު އިދިކޮޅު ހަނގުރާމަވެރިންގެ އަތް ދަށުގައި އޮތް ސީރިޔާގެ އަވަށަކަށް ވައިގެ ހަމަލާތަކެއް ދީ 50 މީހުން ވަނީ މަރާލާފަ އެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ އަތް ދޮށުގައި އޮތް އަވަށެއްގެ ދެ ސަރަހައްދަކަށް ވައިގެ ހަމަލާތަކެއް ދިނުމުގެ ސަބަބުން، 50 މީހުން މަރުވި ކަމަށް ސީރިޔާގެ ރެސްކިއު ވޯކާސް އިން ވެސް ވަނީ ނޫސްވެރިންނަށް ކަށަވަރު ކޮށްދީފިއެވެ. ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ މީހުން ގިނަ ދެ މާރުކޭޓަކަށެވެ.

މި ހަމަލާތަކަކީ، ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވި ފަހުން، މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ހަމަލާކަމަށް، ސީރިޔާގެ ދާހިލީ ހަނގުރާމަ މޮނިޓާ ކުރަމުން އަންނަ ހިއުމަން ރައިޓްސް އޭޖެންސީ އަކުން ބުނެފައިވާއިރު އިއްޔެ ދިން ހަމަލާތައް ދީފައިވަނީ ރަޝިޔާގެ ބޯޓްތައް ބޭނުންކޮށްގެން ކަމެއް، ނުވަތަ ސީރިޔާގެ ބޯޓްތައް ބޭނުންކޮށްގެން ކަމެއް ކަށަވަރެއް ނުކުރެވެ އެވެ.

މިހާތަނަށް ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވި އެއްބަސްވުމާއި ޚިލާފުވި ކަމަށް ތުހުމަތު ކުރެވިފައިވަނީ ހަމައެކަނި ސީރިޔާގެ ރައީސް އަސަދްގެ ސަރުކާރު ކޯލިޝަނަށެވެ. ސީރިޔާގެ އޮޕޮޒިޝަން ޑެލެގޭޝަނުން ވަނީ ސަރުކާރުން އެއްބަސްވުމާއި ޚިލާފުވާ ކަމަށް ބުނެ، ޕީސް ޓޯކްސް ފަސްކުރަން ގޮވާލާ، ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ސީރިޔާގެ ސަރުކާރަށް އިންޒާރު ދީފައެވެ. މީގެ އިތުރުން، ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ވަނީ ކޯލިޝަނެއް އުފައްދާ، ސަރުކާރު ކޯލިޝަނުންދޭ ކޮންމެ ހަމަލައަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރުވެސް ދީފައެވެ.