މޯލްޑިވިއަން އައިޑޮލް

ކެރިއަރުގެ އެންމެ ބޮޑު ޓެސްޓު މުޖޫ ކާމިޔާބުކޮށްފި

ޓީވީއެމްގެ އެންމެ މަޝްހޫރު ޕްރޮޑިއުސަރުންގެ ލިސްޓެއް ތަރުތީބުކޮށްލާއިރު، މުޖުތަބާ ރަޝީދު ނުވަތަ އެންމެން ވެސް އޭނާ ދަންނަ ނަމުން ނަމަ، މުޖޫއެއްގެ މި ނަން އެ ލިސްޓަކަށް ނާރުވައި އެކަކު ވެސް ހިތްހަމައެއް ނުޖެހޭނެ އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ އުމުރުން ގާތްގަނޑަކަށް ފަންސަވީހަކަށް އަހަރުގައި، 1994 ވަނަ އަހަރު އޭނާ ޓީވީއެމްއާ ގުޅުނީ މިއަދު މި ފެންނަ ކަހަލަ ކާމިޔާބު ޕްރިޑިއުސަރެއްގެ ބެޖު ޖަހައިގެނެއް ނޫނެވެ.

"ޓީވީއާ ގުޅުނީ އަޅުގަނޑު ސްކޫލް ނިންމާލި ގޮތަށް. އެއީ ޓެކްނީޝަނެއްގެ ވަޒީފާ އަށް. އޭރު މުސާރައަކަށް ލިބޭނީ 910ރ. ޓެކްނީޝަނެއްގެ ވަޒީފާ ލިބުނަސް އޭރު ވެސް ލަވަ އާއި އެފަދަ ޕްރޮގްރާމްތައް ހަދަން ވަރަށް ޝައުގުވެރިވޭ،" މާ ކުރީގެ ހަނދާންތަކެއް ހާވަމުން މުޖޫ ކިޔައިދިނެވެ.

އޭނާ ބުނީ މިއަދު މި ފެންނަ "މުޖޫ" އަށް އޭނާ ބަދަލުކޮށްލީ އެ ދުވަހު އޭނާ ދެއްކި ޝައުގުވެރިކަމާއި އާ ފުރުސަތުތަކަކަށް ކުރި މަސައްކަތް ކަމަށެވެ. އެ ފުރުސަތުގެ ބޭނުން ހިފައިގެން ނުކުތް ގޮތަށް މުޖޫގެ ނަން ޓީވީއެމްގެ ބްރޭންޑް ނަމަކަށް ބަދަލުވީ އެވެ. އެ ނަމަކީ "އެމް އޭ ކަރީމް" އެވެ. އޭނާގެ ފުރިހަމަ ނަން، މުޖުތަބާ ރަޝީދު އަބްދުލް ކަރީމްގެ ނަމުން އުފެދިގެން އައި ނަމެކެވެ.

މިއަދު، މި ނަމަކީ، ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު ޓީވީ ޝޯގެ ފަހަތުގައި އޮތް ދިވެހި ޓީމަށް ތައުރީފު އޮއްސާއިރު ތައުރީފުގެ މަލަކުން ނުޖަހައި ދޫކޮށްލާ ވަރަށް ވުރެ ހާއްސަ ނަމެކެވެ. ޕީއެސްއެމްގެ ސީނިއާ ޕްރޮޑިއުސަރެއްގެ މަގާމުގައި ހުރި މުޖޫ އަކީ މި ޝޯގެ ތިން ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ހުނަރުވެރިއެކެވެ.

މުޖޫ ބުނަނީ އޭނާގެ 22 އަހަރުވީ ދިގު ކެރިއަރުގައި، މޯލްޑިވިއަން އައިޑޮލް ވަރުގެ ކަމެއް ތަޖުރިބާކޮށްފައި ނުވާ ކަމަށެވެ.

ކެރިއަރުގެ އެންމެ ބޮޑު ޓެސްޓް!

ޓީވީއެމްގެ ޕްރޮގްރާމެއްގައި އޭނާ ބޭނުންވި ގޮތަށް މަސައްކަތްކޮށްލަން ފުރުސަތު ލިބުނު ފުރަތަމަ ޝޯ އަކީ، މަޝްހޫރު "މަހްރަބު" އެވެ. އެ ޝޯގެ ސައުންޑްގެ ކަންކަމުގައި އުޅެނިކޮށް އެ ޕްރޮގްރާމަށް ލަވައެއް ޑައިރެކްޓްކުރުމުގެ ފުރުސަތު މުޖޫ އަށް ލިބިގެން ދިޔައީ ހިޔާލާއި ފިކުރު ބަންދުކުރުމެއް ނެތި ޝޯގެ ސެޓްގައި ފާޅުކުރަމުން ދިޔަ އުފެއްދުންތެރި ހިޔާލުތަކުގެ ސަބަބުންނެވެ.

އޭރު ވެސް އޭނާ އެންމެ ބޭނުންވެފައި ހުރި ކަމަކީ ލަވަ ޑައިރެކްޓްކުރުމާއި ޓީވީގެ ޝޯޓައް އުފެއްދުމެވެ. ކޮންމެއަކަސް އެ ހުވަފެން ހަގީގަތަކަށް ބަދަލުވެ، ޓީވީގެ އެކި ޕްރޮގްރާމްތަކުގައި ލަވަތައް ޑައިރެކްޓްކުރުމުގެ ފުރުސަތު މަދުން ނަމަވެސް ލިބެން ފެށީ އެވެ. އެއަށް ފަހު ޕްރޮގްރާމްތައް ވެސް ހަދަމުން، ޓީވީއެމްގެ އެންމެ ކްލެސިކް ޝޯތަކުގެ ހުންގާނު ވެސް އޭނާގެ އަތަށް އެރީ އެވެ.

އެގޮތުން "ދިވެހިންނާއި މިއުޒިކް" އަދި "ފިލްމީ އުދަރެސް" އާއި "އެހަނދާނުގައި" ފަދަ ކާމިޔާބު ޝޯތައް ފާހަގަކޮށްލެވެ އެވެ. އެހެން ނަމަވެސް މުޖޫ ބުނަނީ މޯލްޑިވިއަން އައިޑޮލްގެ ތަޖުރިބާ ހުރިހާ ގޮތަކުން ބެލި ނަމަވެސް މާ ތަފާތު ކަމަށެވެ.

"ހަޔާތުގައި މިއީ ވަރަށް އެހެން ކަހަލަ ތަޖުރިބާއެއް. ޓީވީއެމްގައި ހޭދަމިކުރި 20 އަހަރު ތެރޭގައި މިކަހަލަ މަސައްކަތެއް، މިހާ ބްރޭންޑް މަސައްކަތެއް އަޅުގަނޑު ނުކުރަން ދުވަހަކު ވެސް. މިއީ ބޭރުގެ ބަޔަކާ ގުޅިގެން ހަދާ ޕްރޮގްރާމެއް. މިއީ ބޭރުގެ ކޮންސެޕްޓެއް. އެމީހުންގެ ވަރަށް ބޮޑު ލަފަޔަކާ އެކު ހަދާ އެއްޗެއް،" މުޖޫ ބުންޏެވެ.

"ޖުމްލަ ގޮތެއްގަ އެކްސްޕީރިއަސްނަށް ބަލާއިރު ބުނެވޭނީ މިއީ ވަރަށް ބުރަބޮޑު މަސައްކަތެކޭ. ގާތްގަނޑަކަށް ނުވަ މަސް ދުވަސްވަންދެން މި ޕްރޮޑަކްޝަން ޓީމުގެ އެންމެ އިސް ހަ މީހަކު، ހަމަ ކޮންމެ ދުވަހަކީ ވެސް ވަަރަށް ބިޒީ ދުވަހެއް. އަނެއްކޮޅުން ޓީވީއެމްގެ ހަޔާތުގައި އެންމެ ބޮޑު ހޭދައެއްކޮށްގެން ހަދާ ޕްރޮގްރާމަކީ ވެސް މިއީ. ދިވެހި ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބެލި ދިވެހި ޝޯއަކީ ވެސް މިއީ ކަމަށް ގަބޫލުކުރަނީ."

ދިވެހިންގެ މަދު ބަޔަކުކޮށްފައި އޮތް ވަރަށް ބޮޑު މަސައްކަތެއް!

މުޖޫ ބުނީ މޯލްޑިވިއަން އައިޑޮލް އޭނާ އަށް ހާއްސަވާ ސަބަބުތަކުގެ ތެރެއިން މިއީ ފާހަގަކޮށްލަން ބޭނުންވާ ސަބަބެއް ކަމަށެވެ.

"ފަހުރުވެރިވަނީ ދިވެހިންގެ މަދު ބަޔަކުކޮށްފައި އޮތް ވަރަށް ބޮޑު މަސައްކަތަކަށްވާތީ. އިންޓަނެޝަނަލް ފްރެންޗައިޒަކަށްވިޔަސް 100 ޕަސެންޓް ދިވެހިންގެ މަސައްކަތެކޭ މިއީ. އަދި ބޭރުގެ ބަޔަކާ އެކު ކުރެވުނު މުޅިން އާ ތަޖުރިބާއެކޭ މިއީ. ވަރަށް ފަހުރުވެރިއޭ އެކަމަށްޓަކާ. އެއް ޑައިރެކްޓަރުގެ ގޮތުން މަަސައްކަތްކޮށްލަން ލިބުމަކީ ވެސް ވަރަށް ފަހުރުވެރިވާ ކަމެއް،" މުޖޫ ބުންޏެވެ.

"މި ޝޯއަށް ލިބޭ ތަރުހީބު. ޝޯ ބަލަން ގެއަށް ވަންނަ މީހުންނާ އެކު މަގުމަތިން އެގަޑީގައި މީހުން މަދުވުން. މީއީ އަލަށް ކުރެވުނު ތަޖުރިބާތަކެއް. މީގެ ކުރިން އަޅުގަނޑުމެން ޝޯއެއް ހަދައިގެން މިވަރުވިކަން އަޅުގަނޑެއް ނުދެނަހުރިން. މިހާ ބޮޑަށް މި ދާއިރާ ވަޅުޖެހިފައި އޮތްވައި މިވަރުގެ މަސައްކަތެއް ކުރެވުނީމަ ވަރަށް ފަހުރުވެރިވޭ ޕީއެސްއެމް ވެސް."

ނަތީޖާއާ މެދު މިއަދު ފަހުރުވެރިޔަސް މުޖޫ ބުނީ މޯލްޑިވިއަން އައިޑޮލްގެ ދަތުރުފެށިއިރު އެމީހުންގެ ޓީމަކަށް މިފަދަ ބޮޑު ޕްރޮޖެކްޓަކާ ބެހޭ މާ ގިނަ ކަމެއް ނޭނގޭ ކަމަށެވެ.

"ހުރިހާ އެއްޗެއް އެނގިގެނެއް ނޫން އަހަރެމެެން މިހުރިހާ ކަމެއް ފަށައިގަތީ. އިންޑިއާ އަށް ދިޔައީމަ މި ކިޔައިދެނީ މި ޝޯ މައިގަނޑު ގޮތެއްގައި ހަދާގޮތް. ގާލާ ރައުންޑް ހަދާގޮތް. އޮޑިޝަންތައް ކުރިއަށް ގެންދަން ޖެހޭ ގޮތް އޭރަކު އަދި ނޭނގޭ،" މުޖޫ ބުންޏެވެ.

މުޖޫ ބުނީ އައިޑޮލްގެ ތަޖުރިބާ އަށް ބަލާއިރު އެންމެ ބޮޑު ގޮންޖެހުމަކީ އަދި އެންމެ ފަހުރުވެރިވާ ކަމަކީ ވެސް ކުޑަ ޓީމަކުން މިކަން މިހައި ފުރިހަމަ އަށް ގެންދިއުމެވެ.

"އަސްލު އިންނަ ގޮތުން ނަމަ، ޑައިރެކްޓަރުން ޖެހޭނީ ހަމައެކަނި ޑައިރެކްޓްކުރަން. އެކަމަކު ރާއްޖޭގައި މާހައުލު މި އޮންނަ ގޮތުން ޑައިރެކްޓަރުން މީގައި އެހެނިގެން ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ޕްލޭންކުރި ގޮތަކަށް އެއްވެސް ކަމެއް ނުދާނެ. ރާއްޖޭގައި މީހުން މަދު. އަނެއްކޮޅުން ޕީއެސްއެމް އަކީ ދައުލަތުގެ މީޑިއާއެއް. ހަމައެކަނި މިކަމަކަށް ހާއްސަވެފައި ވެސް ނުބޭއްވޭނެ،" މުޖޫ ބުންޏެވެ.

"އިންޑިއާ އާއި ދުނިޔޭގެ އެހެން ގައުމުތަކުގައި މި ޝޯ ކުރިއަށް ގެންދާއިރު ކޮންމެ ކަމަކަށް މީހަކު އެބަހުރި، ސްކްރިޕްޓްލިޔަން، ޕްރޮޑަކްޝަން ޓީމަށް އެހީވާން މީހަކު އެބަހުރި، މިއުޒިކް ކޯޗުން ބަލަހައްޓަން ވެސް މީހަކު ހުރޭ. އެކަހަލަ ހުރިހާ ކަމަކަށް މީހަކު ހުރޭ. އެކަމަކު މި ހުރިހާ ކަމެއްގައި މިކޮޅުގައި މި އުޅެން ޖެހެނީ ޕްރޮޑަކްޝަން ޓީމު. އެހެންވީމަ އިތުރަށް ބުރަވެގެން ދަނީ މަސައްކަތް."

ފާޑުކިޔަންވާނެ!

މުޖޫ ބުނަނީ މިހެންނެވެ. އަދި އޭނާ ހެދި ހުރިހާ ޝޯއަކަށް ވެސް ފާޑުކިޔުން އަމާޒުވި ކަމަށާއި އެހެން ނަމަވެސް ފާޑުކިޔުންތެރިންނާ ކުރިމަތިލުމަކީ ދުވަހަކު ވެސް ކުރަން ބޭނުންނުވި ކަމެއް ކަމަށެވެ.

"ފާޑުކިޔަންވާނެ. ފާޑުކި، އަޅުގަނޑު ހެދި ހުރިހާ އެއްޗަށް ވެސް. އެންމެ އިސް ރޯލެއް އަދާކުރި އެ ހަނދާން، ހަތް އަހަރު ހެދިއިރު ވެސް ފާޑުކި ވަރަށް ބޮޑަށް އޭރު ވެސް. އެކަމަކު ހަމަ ޝޯ ބަލާ މީހުން ގިނައީ. އަޅުގަނޑު ހެދި ޕްރޮގްރާމްތައް މީހުން ބަލައިގަތް،" މުޖޫ ބުންޏެވެ.

"ފާޑުކިޔުންތެރިންނަށް ރައްދު ދޭ ނަމަ އެކަމަށް ނިމުނެއް ނެތް. އެހެންވީމަ އެކަމެއް ނުކުރާނެ. ފާޑުކިޔަންވާނެ."

ނަމަވެސް މުޖޫ ބުނީ ފާޑުކިޔުންތެރިންނަށް ވުރެ މޯލްޑިވިއަން އައިޑޮލް އަށް އޮހޭ ތައުރީފު މާ ބޮޑު ކަމަށެވެ.