މެކްސިކޯގެ ތެޔޮ ޕްލާންޓެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ތިން މީހުން މަރުވެއްޖެ އެވެ.
ބުދަ ދުވަހު މި ހިނގި ހާދިސާގައި ތިން މީހުން މަރުވި އިރު އިތުރު 58 މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައ ލިބިފައެވެ. މި ގޮވުމަށް ފަހު، އޮއިލް ފެސިލިޓީ ދަނީ އިވެކިއުއޭޓް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
ވަރަށް ދުރުން ތެޔޮ ޕްލާންޓުން ދުން އަރާތަން ފެންނަ ކަމަށް މެކްސިކޯގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާއިރު އެ ޕްލާންޓްގައި ހިނގި ހާދިސާގެ އަސަރު 10 ކިލޯމީޓަރު ދުރަށް ފޯރާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އޭގެ ސަބަބުން ޕްލާންޓާއި 10 ކިލޯމީޓަރު ސަރަަހައްދުގެ ތެރޭގައި ހުރި ސްކޫލްތަކާއި ވިޔަފާރި ކުރާ ތަންތަނުން މީހުން ވެސް ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
މެކްސިކޯގް މި ޕްލާންޓުގައި ބާރުގަދަ ގޮވުމެއް ގޮވީ ކީއްވެގެން ކަން އަދި ކަށަވަރުވެފައެއް ނުވެއެވެ. ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން ޕްލާންޓުން ވިހަ ދުން ބޭރު ކުރަމުން ދާތީވެ މިހާރު ވަނީ ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސް ކޮށްފައެވެ.
މެކްސިކޯގެ ފަޔާ ފައިޓިންގް އޮތޯރިޓީޒް އިން ވަނީ ޕްލާންޓްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ.