ރޭޕް މައްސަލައެއްގެ ބޮޑު ތުހުމަތަކުން ސަލާމަތްވެފައިވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް(އައިއެމްއެފް) ގެ ކުރީގެ ވެރިޔާ ޑޮމިނިކް ސްޓްރޮސްކާންގެ މައްޗަށް ބަދު އަޚުލާގީ އިތުރު މައްސަލައެއްގައި ދައުވާ އުފުލައިފި އެވެ.
އައިއެމްއެފްގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް 2011 ގައި ނިއުޔޯކް ހޮޓަލެއްގެ މެއިޑަކު ރޭޕް ކުރި ކަމަށް ބުނެ ސްޓްރޮސްކާންގެ މައްޗަށް އެ ގައުމުގައި ދައުވާ އުފުލުމާ އެކު އޭނާ ވަނީ އައިއެފްއެމްގެ ރައީސްކަމުން އިސްތިއުފާ ދީފަ އެވެ. ކޯޓުން ފަހުން ވަނީ އެ ދައުވާ ބާތިލްކޮށް، އެ ދައުވާތަކުން އޭނާ މިނިވަންކޮށްފަ އެވެ.
އެމެރިކާ ކޯޓެއްގައި އުފުލި އެ ދައުވާއިން މިނިވަންވެފައި ވަނިކޮށް ސްޓްރޮސްކާންގެ މައްޗަށް މިފަހަރު ދައުވާ އުފުލީ އޭނާ ނިސްބަތްވާ ފްރާންސްގަ އެވެ. އެ ދައުވާގައިވާ ގޮތުން ސްޓްރޮސްކާން ވަނީ ހަށިވިއްކުވާ އޭޖެންޓުންތަކަކަށް އެހީތެރިވެފަ އެވެ.
އެ ދައުވާގައިވާ ގޮތުން ސްޓްރޮސްކާން ވަނީ އޭނާގެ ވިޔަފާރީގެ ގުޅުންތައް ބޭނުންކޮށްގެން ބަދު އަޚުލާގީ އަމަލު ހިންގާ ޕާޓީތަކަށް އަންހެނުން ހޯދައި ދީފަ އެވެ.
އެ މައްސަލައިގައި ސްޓްރޮސްކާންގެ އިތުރުން އިތުރު 13 މީހެއްގެ މައްޗަށް ދައުވާ ކުރާއިރު އަންނަ ހަފުތާގެ ހޯމަ ދުވަހު އެ މީހުން ކޯޓަށް ހާޒިރުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނިއުޔޯކްގެ ހޮޓަލެއްގެ މެއިޑަކު ރޭޕް ކުރި ކަމަށް ބުނެ އުފުލި ދައުވާގެ އިތުރުން ގޭންގް ރޭޕްގެ އިތުރު ދެ ދައުވާއަކާ ވެސް ސްޓްރޮސްކާން ކުރިމަތިލާން ޖެހުނު ނަމަވެސް ފަހުން އެ ދެ ދައުވާ ވެސް ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް އޭނާއަށް އެންމެ ބޮޑު ގޮންޖެހުމެއް އައީ ހޮޓަލެއްގެ މެއިޑަކު ރޭޕް ކުރި ކަމަށް ބުނެ އުފުލި ދައުވާއާ ގުޅިގެންނެވެ.
އެ ދައުވާއާ ގުޅިގެން އައި ޕްރެޝަރުތަކާ ހެދި އޭނާ އައިއެމްއެފްގެ ރައީސްކަމުން އިސްތިއުފާ ދޭން ޖެހުމުގެ އިތުރުން އޭނާގެ ސިޔާސީ ކެރިއަރަށް ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި އެވެ. އެ ދައުވާ އެމެރިކާގައި އުފުލީ 2012 ގައި ބޭއްވި ފްރާންސްގެ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަ ކުރުމުގެ ފުރުސަތު ވަރަށް ބޮޑުވެފައި ވަނިކޮށެވެ.