ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ފަރުވާގެ މުއްދަތު ނެގި މައްސަލަ ބަލަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު 30 ދުވަހަށް އިތުރު ކޮށްދިނުމަށްފަހު އެ މުއްދަތު އަނބުރާ ނެގި މައްސަލަ ބަލަން ފަށައިފި އެވެ. މި މައްސަލަ ބަލަން ފަށާފައިވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން އަލުން މުރާޖާ ކުރުމަށް އެދިލެއްވުމުންނެވެ.

މިނިސްޓަރު އުމަރު ނަސީރު މިއަދު އަވަސްއަށް ވިދާޅުވީ، ރައީސް ނަޝީދުގެ ބޭސްފަރުވާ އަނބުރާ ނެގި މައްސަލަ މުރާޖާކުރަމުން އަންނަ ކަމަށެވެ. މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

މި މައްސަލަ އަލުން މުރާޖާކުރަން ފަށާފައި މިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސް، މުހައްމަދު ހުޝާމް އޮފީހަށް ނުނިކުމެ ގޭގައި މަޑުކުރަން އަންގަވާފައި ވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސީޕީ ހުޝާމް ގޭގައި މަޑުކުރަން އަންގާފައި ވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހިންގުން ވަގުތީ ގޮތުން މިހާރު ވަނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒިލާލާ ހަވާލުކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ ޑޮކްޓަރުންގެ ލިޔުންތައް ކަރެކްޝަނަންސްއަށް ހުށަހަޅާ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ. ޑޮކްޓަރުގެ ލިޔުންތަކަށް ބަލާފައި ކަރެކްޝަނުން 30 ދުވަހުގެ މުއްދަތެއް އިތުރަށް ދިނެވެ. ނަމަވެސް ރައީސް ނަޝީދު އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވިދާޅުވުމުން އެމަނިކުފާނުގެ ގާނޫނީ ވަކީލް ހަސަން ލަތީފު ދޮގުކުރެއްވުމާއެކު ކަރެކްޝަނުން ވަނީ އެ މުއްދަތު އަނބުރާ ނަގާފަ އެވެ. އަދި ރައީސް ނަޝީދަށް ރާއްޖެ ވަޑައިގަތުމަށް އަންގާފަ އެވެ.

ހަސަން ލަތީފު ވިދާޅުވެފައިވަނީ، އެ ލިޔުމުގައި ބޭސްފަރުވާ އަދި ނުނިމޭ ކަމަށާއި ބޭސްފަރުވާ އިތުރަށް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހިމަނާފައިވާ ކަމަށެވެ. ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދިނީ ވެސް އެ ހުރިހާ މައުލޫމާތެއް ވަރަށް ތަފްސީލުކޮށް ލިޔުމުގައި ހުރުމުން ކަމަށެވެ. އެހެންކަމުން ވަކީލުން ވިދާޅުވި ވިދާޅުމަކަށް ބަލާ، ބޭސްފަރުވާގެ މުއްދަތު ބާތިލުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ހޯއްދަވަމުން ގެންދަވާ ފަރުވާގެ ތެރެއިން ހޭނައްތައިގެން ހައްދަވަން ޖެހިވަޑަގަންނަވާ މެޑިކަލް ޕްރޮސީޖާއެއް އިއްޔެ އެމަނިކުފާނު ވަނީ ހައްދަވާފަ އެވެ.