ދުނިޔެ

ވަގަށް ނެގި ކުދިން ހޯދަން އިތިއޯޕިއާގެ ސިފައިން ދެކުނު ސޫދާނަށް

ދެކުނު ސޫދާންގެ ބައިގަނޑެއް، އިތިއޯޕިއާއަށް ވަދެ ދިން ހަމަލާތަކުގައި ވަގަށް ނަގާފައިވާ ކުދިން ހޯދުމަށް އިތިއޯޕިއާގެ ސިފައިން ދެކުނު ސޫދާންއަށް ވަދެއްޖެ އެވެ.

އިތިއޯޕިއާއަށް ދިން ހަމަލާގައި 200 އަށް ވުރެ ގިނަ މީހުން މަރުވެ، 108 ކުދިން ވަގަށް ނެގިއެވެ.

އިތިއޯޕިއާއަށް ސޫދާންގެ ބައިގަނޑަކުން ދިން ހަމަލާގެ ތެރޭގައި ކުދިން ވަގަށް ނަގައިގެން ގެންދަން އުޅުމުގައި ހުރަސް އެޅި މީހުން ވަނީ މަރާލާފަ އެވެ. މިކަމުގެ ސަބަބުން އެ ހަމަލާގައި ގިނައިން މަރުވީ އަންހެނުންނެވެ. ދެކުނު ސޫދާންގެ ބައިގަނޑު އިތިއޯޕިއާއަށް ވަދެ ކުދިން ވަގަށް ނެގީ ކޮން ސަބަބަކާހުރެ ކަމެއް އަދި މިހާތަނަށް ސާފެއް ނުުވެ އެވެ

މި ހަފްތާ ތެރޭގައި ދިން ހަމަލާގެ ޒިންމާއެއް އެއްވެސް ޖަމިއްޔާއަކުން ނަގާފައެއް ވެސް ނުވެ އެވެ.

އިތިއޯޕިއާގެ ސިފައިން ސޫދާންއަށް ވަނީ އެކުދިން ވީނުވީ ތަން އެނގިގެން ކަމަށް އިތިއޯޕިއާގެ އިންފޮމޭޝަން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. މި އޮޕެރޭޝަން ކުރިޔަށް ގެންދުމުގެ ގޮތުން ދެކުނު ސޫދާނަށް ވަދެފައިވަނީ ސޫދާންގެ ސަރުކާރުގެ ހުއްދަ ނަގައިންކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.