- ޖީއެސްޓީގެ ގޮތުގައި 1.71 ބިލިއަން ރުފިޔާ
- މިދިޔަ އަހަރު ފުރަތަަމަ ކުއާޓަރުގައި ލިބުނީ 3.72 ބިލިއަން
- ބިން ކުއްޔަށް ދީގެން 299 މިލިއަން ރުފިޔާ ލިބުނު
މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ދައުލަތައް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16.1 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ބުނެފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރު (ފުރަތަމަ ތިން މަހު) ގެ ހިސާބުތައް ދައްކާ ގޮތުން މި ކުއާޓަރުގައި ދައުލަތައް 4.32 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ 3.72 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 16.1 ޕަސެންޓް އިތުރު އަދަދެކެވެ.
މި މުއްދަތުގައި ދައުލަތައް އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ މުދަލާއި ހިދުމަތުގެ އަގު ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. ފުރަތަމަ ކުއާޓަރުގައި ޖީއެސްޓީން އާމްދަނީގެ ގޮތުގައި 1.71 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އިން 962.76 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި 480.93 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 299.76 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ބިން ކުއްޔަށް ދޭ މުއްދަތު އިތުރުކޮށްގެން 370.53 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.