ކަނޑުމަތީގެ ހާދިސާ

އަޑިއަށް ދިޔަ ދޯނީގެ މީހުން ސަލާމަތްކޮށް މާލެ ގެނެސްފި

މުދަލާއެކު ދަތުރ ކުރަމުންދަނިކޮށް އަޑިއަށްދިޔަ "ގްރޭޓް ކާގޯ" ގައި ތިބި މީހުން ސަލާމަތްކޮށް މާލެ ގެނެސްފި އެވެ. މި ދޯނީގައި ތިބި މީހުން މާލެ ގެނައިރު އެމީހުންގެ ހާލު ރަނގަޅެވެ. މިއަދު ގާތްގަނޑަކަށް 3:15 ހާއިރު އެ ދޯންޏަށް ދިޔަވާކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ދޯނީގައި ތިބި ހަތަރު މީހުން ސަލާމަތްކޮށްފަ އެވެ. ނުވަދިހަ ފޫޓުގެ އެ ދޯނީގައި ތިބީ ދިވެއްސަކާއި ތިން ބިދޭސީންނެވެ. އެމީހުން މާލެ ގެނެސްފައި ވަނީ މިރޭ 10:30 އެހާކަންހާއިރު އެވެ.

ފ. ފީއަލި ކައިރިން 11 މޭލު ބޭރުން ހިނގި މި ހާދިސާގައި މުދަލާއި ދޯނި ސަލާމަތް ކުރެވިފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ބުނީ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކުރިޔަށް ދިޔައީ ހާދިސާ ހިނގި އިރު ކޯސްޓު ގާޑުގެ އުޅަނދެއް އެ ސަރަހައްދުގައި އޮތް ކަމަށާއި އެހެންވެ ގަޑިއެއް ހާއިރު ތެރޭ އެމީހުން ސަލާމަތް ކުރެވުނު ކަމަށެވެ. އަދި ބުނީ މިފަދަ ހާދިސާތައް ހިނގަނީ މޫސުމަށް ބަލައި ވާންޖެހޭ ތައްޔާރީތައް އެކަށީގެން ވަރަށް ނުވެވޭތީގައި ކަމަށާއި މިފަދަ މޫސުމެއްގައި މެޓް އޮފީހާއި ކަމާބެހޭ އިދާރާތަކުން ދޭ އިލްތިމާސްތައް އަޑު އަހައި ރައްކާތެރިކަމާއެކު ދަތުރު ކުރަން އެދޭ ކަމަށެވެ.

މީގެ އިތުރުން ގްރޭޓް ކާގޯ ދޯނީގައި ހުރި ބައެއް މުދާ އޮޔާ ދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކުރި އެވެ. މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާ ދުވަސްކޮޅެކެވެ.