އިއްޔެ ބޯކޮށް ވާރޭވެހި ގުގުރަން ފެށި އިރު ވެސް މެޓް އޮފީހުން އޮތީ މެދު އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފަ އެވެ. އެހެން ނަމަވެސް އިއްޔެ އެމްއެންޑީއެފްގެ ކޯސްޓުގާޑް އެލާޓަށް އައީ ދ. އަތޮޅަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެނެވެ. ފ. ފީއަލި ކައިރިން ކޮންޓެއިނަރު ބަރުކޮށްގެން ދަތުރު ފެށި 90 ފޫޓުގެ "ގްރޭޓް ކާގޯ" ދޯނި އަޑިއަށްދާ ކަމުގެ އެލާޓާއެކު އެމްއެންޑީއެފް އިން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައި އޭގައި ތިބި މީހުން ސަލާމަތްކޮށް މާލެއަށް ގެނެސްދީފަ އެވެ. ނަމަވެސް އެ ދޯންޏާއި އޭގައި ހުރި މުދާ ފެން މައްޗަށް ގެނެސް ސަލާމަތް ކުރެވޭވަރެއް ނުވި އެވެ.
ދޯނިން ސަލާމަތް ކުރި މީހުން ރޭ މާލެ ގެނައި ވަގުތު އިއްޒުއްދީން ފާލަން ކައިރިން ގްރޭޓް ކާގޯގެ ކެޕްޓަން އުމުރުން 28 އަހަރުގެ އަބްދުއް ސަލާމް ބުނި ގޮތުގައި އިއްޔެގެ އެ ހާދިސާގައި އެނާ އާއި ދޯނީގައި ދެން ތިބި މީހުނަށް ވެސް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. އޭގައި އޭނާއާއެކު ތިން ބިދޭސީން ތިއްބެވެ.
"ދޯނީގައި ތިބި އިރުވެސް ވަރަށް ކަނޑު ގަދަ. އެހެން ތިއްބާ ބިޔަ ރާޅު އަރުވައިލީ ދޯނީގެ ދިރުނބާ ކޮޅަށް. އެހާ ހިސާބުން ދިޔަ ވާން ފެށީ. ދެން ދޯނި ސަލާމަތް ވާނެ ކަމުގެ އުންމީދު ކެނޑުމުން އަވަހަށް ކޯސްޓްގާޑަށް ގުޅީ. ކޯސްޓްގާޑުން ވަރަށް ގާތުން ބަރާބަރަށް ހަބަރު ބަލަމުން ދިޔައީ. އެކަމަކުވެސް ރާޅާއެކު ހަމަ އިސާހިތަކު ދޯނި އަޑިޔަށް ދިޔަ. އޭގެ ފަހުން ކަނޑުމަތީގައި އަހަރެެމެނަށް ގަޑިއެއްހާއިރަށް ތިބެންޖެހުނު،" ސަލާމް ބުންޏެވެ.
ގަދާގައި ސަލާމްމެން ދަތުރު ކުރި ދޯނީގައި މުދާހުރި، 40 ފޫޓުގެ ތިން ކޮންޓެއިނާ ހުއްޓެވެ. އެ ކޮންޓެއިނާތަކުގައި ހުރީ ލަކުޑި އެވެ. އެހުރިހާ އެއްޗެއް ކަނޑަށް ޣަރަގުވެގެން ދިޔައީ އެވެ.
"ބޯޓުގެ އިތުރުން މުދަަލަށް ބެލިޔަސް މިލިއަނެއްހާ ރުފިޔާގެ މުދާ އެދިޔައީ ފެނަށް. ހުރިހާ އެއްޗެއް އޮޔާ ގޮސްފި އެއްވެސް އެއްޗެއް ސަލާމަތްވާ ވަރެއް ނުވި،" ސަލާމް ބުންޏެވެ.
ކޯސްޓުގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ އިއްޔެގެ އެ ހާދިސާތައްފަދަ ހާދިސާތައް ގިނަ އަދަދަކަށް އާންމުކޮށް ރާއްޖޭގައި ދިމާ ވަނީ މޫސުމަށް ނުބަލައި އަދި ރައްކާތެރި ކަމަށް ވެސް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައި ދަތުރަށް އަރާތީ ކަމަށެވެ. އަދި މެޓް އޮފީހާއި ކަމާބެހޭ އެހެން އިދާރާތަކުގެ އިރުޝާދަކަށް ސަމާލު ނުވާތީ ކަމަށެވެ.
"އަޅުގަނޑުމެން ދަންނަވަން ބޭނުންވަނީ ރާއްޖޭގެ ކޮންމެ މީހަކީ ވެސް ކަނޑުމަތީ ދަތުރު ކުރަން ޖެހޭ މީހަކަށްވީ އިރު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހެއޭ މޫސުމަށް މި އަންނަ ބަދަލުތަކަށް. ކަނޑު ދަތުރު ފެށުމުގެ ކުރިން ސަލާމަތީ ގޮތުން ބަލަންޖެހޭ ހުރިހާ ކަމެއް ހުރީ ރަނގަޅަށްތޯ ބަލައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާގެން ނޫނީ ދަތުރު ނުފަށާތި. މި ހާދިސާ ހިނގައި ދިޔަ އިރުވެސް ނަސީބަކުން އަޅުގަނޑުމެންގެ ތިބީ އުޅަނދާއި ވަރަށް ކައިރީގައި. އެހެންވެ މި ކަންކަމަށް އިތުރަށް ސަމާލުވާން ޖެހޭ،" ކޮމާންޑާ ވިދާޅުވި އެވެ.