ކަނޑުމަތީގެ ހާދިސާ

މުދާ އުފުލާ ބޯޓެއް އަޑިއަށް ހިނގައްޖެ

މާލެ އިން ފުރައިގެން އދ. މަހިބަދޫއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށް ހިނގައްޖެ އެވެ.

ރިކާޑޯ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު އަޑިއަށް ދިޔައީ އަލިހުރަސް ކަނޑަށެވެ.

މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް ފުރައިގެން ދިޔަ މި ބޯޓު މިރޭ އަޑިއަށް ދިޔައިރު ބޯޓުގައި 8 މީހުން ތިއްބެވެ.

ބޯޓު އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން އދ. އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސް ބޯޓުގައި ތިބި މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

ފުލުހުންގެ ލޯންޗު މިހާރު ދަނީ މަހިބަދޫއަށް ދަތުރުކުރަމުން ކަމަށާއި ލޯންޗުގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.