ހަބަރު

އަޑިއަށްދާ މަސް ދޯންޏަކުން މީހުން ސަލާމަތްކޮށްފި

Dec 11, 2019
1

އެނބޫދޫ ފިނޮޅު ކައިރީ އޮންނަ އަޑިމަގު ފަޅުތެރޭގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއް އަޑިޔަށް ދާން ފެށުމުން ފުލުހުން ދޯނީގައި ތިބި މީހުން ސަލާމަތްކޮށްފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 10:30 ހާއިރު އަޑިމަގު ފަޅުތެރޭގައި މަސްވެރިކަން ކުރަން އުޅުނު ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން މެރީން ޕޮލިސް އެ ސަރަހައްދަށް ގޮސް އެހީވެފައިވާ ކަމަށެވެ. އެގޮތުން ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެ ބިދޭސީއަކު މާލެ ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށާފައިވާ ކަމަށާއި އެ މީހުންގެ ހާލު ސީރިޔަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

ދޯނީގައި ދެން ހުރީ ދިވެއްސަކާއި ބިދޭސީއެއް ކަމަށާއި އެ ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުންގެ އެހީގައި ދޯނި އެނބޫދޫ ފަޅު ކައިރިން ހިއްކަން ފަށާފައިވާ ސަރަހައްދަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި ވިއްސަރާގައި ދަތުރު ކުރައްވާއިރު ހުރިހާ ފަރާތްތައް ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ސަމާލުވުމަށް ދަންނަވަން، އަދި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ މި ވިއްސާރާގައި ނުކުރުމަށް ވެސް އެދެން،" އޮފިޝަލް ވިދާޅުވި އެވެ.

މިއަދު މާލެ ސަރަހައްދަށް ވަނީ ވަރަށް ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެފަ އެވެ. މިވަގުތަށް ވިއްސާރަ ހުއްޓާލާފައިވީ ނަމަވެސް މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އަދިވެސް ވިއްސާރަ ކުރާނެ އެވެ. އަދި ކަނޑުތައް ގަދަވާނެތީ ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.