ލ. ގަމުން ގޯތި ހޯދަން ބޭނުންވާ 700 އެއްހާ މީހުންނަށް ފޯމް ދޫކޮށްފައިވާ ކަމަށް ލ. ގަމު ކައުންސިލުން ބުނެފި އެވެ. ބިމުގެ ގޮތުން ތަނަވަސްކަން ލިބިފައިވާ ރާއްޖޭގެ އެންމެ ބޮޑު ރަށުގެ މީހުންނަށާއި އަތޮޅުގެ މީހުންނަށް ބިން ދޫކުރަން އެރަށުގެ ކައުންސިލުން ވަނީ 2012 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަން ފަށާފަ އެވެ. ނަމަވެސް ގޯތި ދޫކުރަން ހައުސިން މިނިސްޓްރީން ހޯދަންޖެހޭ ހުއްދަ، މިހާތަނަށް އައި އިރުވެސް ކައުންސިލަށް ލިބިފައި ނުވާތީ އެ މަސައްކަތް އޮތީ ކަމަށް ގަމު ކައުންސިލުން ބުންޏެވެ.
ރާއްޖޭގެ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފަށް ގަމު ކައުންސިލުން ގޯތި ދޫކުރަމުންދާ ކަމަށް ބުނެ ހައުސިން މިނިސްޓްރީން ވަނީ އެ އަތޮޅު ކައުންސިލަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ވަނީ ހައުސިން މިނިސްޓްރީން ގޮތެއް އަންގަންދެން ގޯތިދޫކުރުން ހުއްޓާލަން ގަމު ކައުންސިލަށް އަންގާފަ އެވެ. އަދި އެ މިނިސްޓްރީން ހުއްދަ ނުހޯދާ މިހާތަނަށް ގޯއްޗެއް ދޫކޮށްފައިވާނަމަ އެ ގޯއްޗެއް އަނބުރާ ނަގަން ވެސް ވަނީ އަންގާފަ އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ، ގޯއްޗަށް އެދޭ ފޯމް ދޫކުރަމުން ދިޔަ ނަމަވެސް އަދިވެސް އެރަށުގެ ރައްޔިތުންނާއި ކައުންސިލް އޮތީ ހައުސިން މިނިސްޓްރީގެ ހުއްދައެއްގެ އިންތިޒާރުގައި ކަމަށެވެ. ފޯމް ދޫކޮށް، ގޯތި ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީ، ހައުސިން މިނިސްޓްރީން ހުއްދަ ދޭނެ ކަމަށް ބުނަމުންދާތީ ކަމަށާއި ހުއްދަ ލިބުމާއެކު ގޯތި ދޫކުރަން ފެށޭ ވަރަށް ތައްޔާރުވެގެން ތިބުމުގެ ގޮތުން ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ގޯތި ދޫކުރަމުން ދާނަމަ އެކަން ހުއްޓާލަން ހައުސިން މިނިސްޓްރީން ފޮނުވި ސިޓީގެ ޖަވާބުގައި، އެރަށުން މިހާތަނަށް އެއްވެސް ގޯއްޗެއް އަދި ދޫނުކުރާ ކަމަށް ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ގަވާއިދާ ހިލާފަށް ގޯތި ދުލެއް ނުކުރަން. ފޯމް ތައް މި ދޫކުރަނީ. އެހެން ނަމަވެސް ހައުސިން މިނިސްޓްރީން ހުއްދަ ލިބޭނެ ކަމުގެ އުންމީދު އޮތުމުން އެކަމަށް އިންތިޒާރު އެބަ ކުރަން. ހައުސިން މިނިސްޓްރީން އަޅުގަނޑުމެންނަށް ހުއްދަ ނުދޭނެ ކަމަކަށް ނުބުނޭ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ހުއްދައަށް އިންތިޒާރުކުރި ނަމަވެސް، އެ ހުއްދަ ލިބުން ލަސް ވާނަމަ ގޯތި ދޫކުރާނެ ކަމަށެވެ. "ހުއްދައެއް ނުލިބިގެން ގާނޫނުން ކައުންސިލަށް މަނާ ނުކުރާ ކަމެއް ނުކޮށް ނުތިބޭނެ،" ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މިހާތަނަށް 700 އާ ގާތް އަދަދަކަށް ފޯމް ކައުންސިލުން ދޫކޮށްފައިވާއިރު، އެ ފޯމް ޑައުންލޯޑް ކޮށްގެންވެސް ލިބެއެވެ. ޝިޔާމް ވިދާޅުވީ ފޯމް ޑައުންލޯޑްކޮށްގެން ވެސް މީހުން ނަގާނެތީ ސީދާ އަދަދު ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް މިހާތަނަށް ކައުންސިލުން އެހާ ގިނަ ބަޔަކު ފޯމް ނަގާފައިވުމުން އެކަމަށް ގަމާއި އެ އަތޮޅުގެ މީހުން އިންތިޒާރުކުރާ މިންވަރު އެނގޭ ކަމަށެވެ.
"ގަމުން ގޯތި ދޫކުރާނެ ދުވަހެއްގެ އިންތިޒާރުގައި ތިބީ މަދު ބައެއް ނޫން. އެހެން ނަމަވެސް ބިމާބެހޭ ގާނޫނުގައި އެބަ ބުނޭ ހައުސިން މިނިސްޓްރީގެ ހުއްދައެއް ހޯދަން އެކަން ކުރުމަށް. އެހެންވެ ބިންތަކުގެ ބަޖެޓާއި އެހެންވެސް މައުލޫމާތާއެކު އެތައް ފަހަރަކު ހުއްދައަށް އެދިފަ މިވަނީ. އެހެންވީމަ ހައުސިން މިނިސްޓްރީގެ ޒިންމާއެއް އެބޭފުޅުންގެ ހިތްހަމަ ނުޖެހުމެއް އޮތްނަމަ އޮތީ ކޮން ގޮތަކަށް ކޮން ކަމަކާ މެދުތޯ ބުނުމަށްފަހު އެކަމެއް ރަނގަޅުކުރަން ބުނުމަށްފަހު ހުއްދަ ދިނުމަކީ، އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަނީ އެ މިނިސްޓްރީން ހުއްދަ ދޭނެ ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.
ގޯއްޗަށް އެދުމުގެ ފޯމް ބަލައިގަންނަން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. ފޯމް ބަލައިގަތުމުގެ ފަހު ތާރީހަކީ ފެށޭ މެއި މަހުގެ 31 އެވެ. ގޯތި ދޫކުރުމަށް ކައުސިލުން ނިންމާފައިވަނީ އަންނަ ޖުލައި މަހު އެވެ.
ގަމު ކައުންސިލުން ބުނީ ޖުލައި މަހު ދޫކުރަން ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ 700 ގޯތި ކަމަށެވެ. އޭގެ ތެރެއިން 500 ގޯތި ރަށުގެ މީހުންނަށް ދޫކުރަން ނިންމާފައިވާއިރު، އަނެއް 200 ގޯތި ދޭން ނިންމާފައިވަނީ ރަށުން ބޭރު މީހުންނަށް ކަމަށެވެ. ރަށުން ބޭރު މީހުންނަށް ދޭން ނިންމާފައިވާ ގޯތިތައް ދިނުމުގައި އެ ކައުންސިލުން ނިންމާފައިވަނީ ފޯމަށް ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ތެރެއިންވެސް ކިޔަވައިގެން ރަށަށް ހިދުމަތް ކުރެވޭ ވަރުގެ މީހުންނަށް ބޮޑަށް އިސްކަން ދިނުމަށް ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ރަށުގެ ތަރައްގީއާ މެދު ވިސްނުމަށް ފަހު ކަމަށް ކައުންސިލުން ބުންޏެވެ.
ހައުސިން މިނިސްޓްރީގެ ހުއްދައަށް ގަމު ކައުންސިލުން ގޯއްޗަށް އެދިފައިވީ ނަމަވެސް، އެ ހުއްދަ ނުލިބުނަސް ވަކި ދުވަހަކަށް ބެލުމަށްފަހު ކައުންސިލުން ގޯތި ދޫކުރާނެ ކަމަށް ކައުންސިލުން ބުނި ބުނުމާ މެދު ހައުސިން މިނިސްޓަރު ވިދާޅުވީ ގަވާއިދާ ހިލާފަށް ކަމެއް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.