އަހުމަދު ނާޒިމް

ނާޒިމް ހުރީ އިނގިރޭސިވިލާތުގައި، ގެންނަން މަސައްކަތް އެބަކުރަން: އުމަރު

ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިހާރު ހުންނެވީ އިނގިރޭސިވިލާތުގައިކަން ޔަގީންކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ނާޒިމް ރާއްޖެ ބޭރަށް ވަޑައިގެންނެވީ ބޭސްފަރުވާއަކަށެވެ. ވަޑައިގެންނެވީ ސިންގަޕޫރަށެވެ.

މިނިސްޓަރު އުމަރު މިއަދު އަވަސްއަށް ވިދާޅުވީ، ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންފައިވާ ކަމަށް ކަށަވަރުކުރެވިފައިވާ ކަމަށާއި އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އުމަރު އިތުރަށް ވިދާޅުވީ، ޓްރެވެލް ޑޮކިއުމެންޓެއްގައި ސިންގަޕޫރަށް ފޮނުވި ނާޒިމް، އެހެން ގައުމަކަށް ދަތުރުކޮށްފައިވަނީ ކިހިނަކުންތޯ ވެސް ބަލަމުންދާ ކަމަށެވެ.

ނާޒިމަށް ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަނުން އެންގީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ނާޒިމް އެދިފައިވަނިކޮށެވެ. ނާޒިމަށް އެ މުއްދަތު އިތުރުކޮށް ނުދިނުމަށް ނިންމާ ކަރެކްޝަންސްއިން އެންގީ 48 ގަޑިއިރު ތެރޭ ރާއްޖެ ވަޑައިގަތުމަށެވެ. ނާޒިމަށް ރާއްޖެ އެނބުރި ވަޑައިގަތުމަށް އެންގީ އޭނާ އިނގިރޭސިވިލާތަށް ވަޑައިގެންފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.

ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންނެވިތޯ ބެލުމަށް ކެރެކްޝަންސްއިން ވަނީ އިމިގްރޭޝަނެއް ސިޓީއެއް ފޮނުވާފަ އެވެ. ކަރެކްޝަނުން ބުނެފައިވަނީ، އެ ސިޓީއަށް ޖަވާބު ލިބިފައިވާ ކަމަށާއި ޖަވާބުގައި ވަނީ ނާޒިމް ސިންގަޕޫރަށް ވަޑައިގަތީ ޓްރެވެލް ޑޮކިއުމެންޓެއްގަ ކަމަށެވެ. އަދި އެ ޓްރެވެލް ޑޮކިއުމެންޓްގައި އިތުރު ގައުމަކަށް ދަތުރުނުކުރެވޭނެ ކަމަށެވެ.

އިމިގްރޭޝަންގެ ނާޒިމްގެ ޕާސްޕޯޓް ދޫކުރި ކަމަށް ވެސް އަޑު ފެތުރިފައިވެ އެވެ. އިމިގްރޭޝްންގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލު ވިދާޅުވެފައިވަނީ، ނާޒިމްގެ ޕާސްޕޯޓް އިމިގްރޭޝަނުން ދޫކުރި ކަމަށް ބުނެ ފަތުރާފައިވާ ހަބަރުތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ނާޒިމްގެ އަތުގައި ޑީޕީއާރްއެސްއިން ދޫކުރި ޓްރެވެލް ޑޮކިއުމެންޓްގެ އިތުރުން އެހެން އެއްވެސް ޓްރެވެލް ޑޮކިއުމެންޓެއް ނޯންނާނެ ކަމަށް ހަލީލު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އިނގިރޭސި ވިލާތަށް ނާޒިމް ވަޑައިގެން ހުންނަވަނިކޮށް މިވަގުތު އިނގިރޭސި ވިލާތުގައި ތިއްބެވި ސަރުކާރާ އިދިކޮޅު ބައެއް ފަރާތްތައް ވަނީ ނާޒިމާ ބައްދަލު ކުރަން މަސައްކަތްކޮށްފަ އެވެ.