ހަބަރު

މާކުރަތު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

Feb 2, 2015

އިހި ނެގުމުގެ މަސައްކަތުގައި އުޅުނު ރ.މާކުރަތު ދޯންޏެއްގެ ހަބަރެއް ނުވެގެން އެ ދޯނި ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފި އެވެ.

އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ބުނީ "ފެހުރިހި" ނަމަކަށް ކިޔާ ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އެއީ ފަސް މީހަކު ތިބި ދޯންޏެއް ކަމަށެވެ. ގާތްގަނޑަކަށް 60 ފޫޓް ދިގުމިނުގެ މި ދޯނީގެ ހަބަރެއް ނުވެގެން މިއަދު މެންދުރު ފަހު ކޯސްޓް ގާޑަށް އެންގުމާ އެކު މިހާރު ވަނީ ދޯނި ހޯދުމުގެ މަސައްކަތް ފަށާފައި ކަމަށް ކޯސްޓް ގާޑުން ބުންޏެވެ.

ދޯނީގެ ހަބަރެއް އެންމެ ފަހުން ވީއިރު އެ ދޯނި އޮތީ ހދ.މަކުނުދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކައިރީގައި ކަމަށް ދޯނީގެ ހަބަރެއް ނުވެެގެން ރިޕޯޓްކުރި ފަރާތާ ހަވާލާދީ ކޯސްޓް ގާޑުން ބުންޏެވެ. ކޯސްޓް ގާޑުން ބުނީ ދޯނީގައި ލާފައި ވަނީ ނޫކުލަ ކަމަށާއި ދޯނީގެ ގެގަނޑުގައި ލާފައި ވަނީ ހުދު ކުލަ ކަމަށެވެ.