ދުނިޔެ

އިކްއެޑޯ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 650 އަށްވުރެ މައްޗަށް!

އިކްއެޑޯ ބިންހެލުމުގައި ފަހުން އައި އާފްޓާ ޝޮކާއެކު މަރުވި މީހުންގެ އަދަދު 650 އަށް ވުރެ މައްޗަށް އަރައިފި އެވެ. މި ހާދިސާއާއި ގުޅިގެން 12،500 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާވެ، 58 މީހުން އަދި ހޯދައި ނުފެނެ އެވެ.

އިކުއެޑޯގެ ސަރުކާރުން މި މައުލޫމާތު ހާމަކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އިކްއެޑޯގެ ރައީސް ގައުމާއި މުހާތަބު ކުރައްވާ ވިދާޅުވެފައިވަނީ، މިދުވަސްވަރަކީ ހިތާމައިން ފުރިފަވާ ދުވަސްވަރެއް ކަމަށެވެ. އަދި އިކްއެޑޯ އޮތީ "ކްރައިސިސް" އެއް ތެރޭގައި ކަމަށް އެމަނިކްފާނު ވަނީ ވިދާޅުވެފައެވެ.

ބިންހެލުމަށް ފަހު، އިކުއެޑޯއަށް 700 އަށް ވުރެ ގިނަ އާފްޓާޝޮކްސް އައި ކަމަށް އެ ގައުމުގެ މެޓް އޮފީހުން ބުނެ އެވެ. އަދި މި އާފްޓަރޝޮކްސް ކުރިޔަށް އޮތް ހަފްތާ ތަކުގެ ތެރޭގައި ވެސް އިހްސާސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ބިންހެލުމާއި ގުޅިގެން 7000 ބިލްޑިންގް ހަލާކުވެ، 26،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ނެތިފައި ވެއެވެ.

ބިންހެލުމުގެ އަސަރުތައް އެންމެ ބޮޑަށް ކުރި ސަރަހައްދުތަކުގައި، އެހީގެ މަސައްކަތްތެރިންނާއި ސަލާމަތީ ބާރުތަކުން ބޯފެނާއި ކާތަކެތީގެ އިތުރުން ބޭސްފަރުވާ ފޯރުކޮށް ދިނުން މިހާރު ވެސް ކުރިޔަށް ދެ އެވެ.