ސީރިޔާ

ސީރިޔާގެ ހަނގުރާމާގައި 400،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި: އެންވޯއީ

ދާހިލީ ހަނގުރާމައިގެ ފަސް އަހަރު ތެރޭގައި 400،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސީރިޔާގެ ދާހިލީ ހަނގުރާމައަށް ހައްލެއް ގެނައުމަށް އިސް ދައުރެއް އަދާ ކުރައްވާ އދ، ގެ ސްޕެޝަލް އެންވޯއި ސްޓެފާން ޑި މިސްޓިއުރާ، ލަފާ ކުރައްވައިފި އެވެ.

މިއީ މިއީ އދ. ގެ ރަސްމީ އަންދާޒާއަށް ވުރެ މަތީ އަދަދެއް ކަމަށް ވެއެވެ.

ސީރިއާގެ އަހުލީ ހަނގުރާމާގައި 400،000 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް އދ. ގެ ސްޕެޝަލް އެންވޯއީ ލަފާ ކުރެއްވި އިރު ސީރިޔާއަށް ސިޔާސީ ހައްލެއް ގެންނަން އެހެން ގައުމުތަކަށާއި އެހެނިހެން ބާރުތަކަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ. މީގެ އިތުރުނ ސީރިޔާގެ ދާހިލީ ހަނގުރާމައަށް ހުއްޓުމެއް ގެނެއުމުގެ މަގްސަދުގައި ބާއްވަން އުޅުނު ސުލްހައިގެ ވާހަކަތައް ހުއްޓި ހަނގުރާމަ އަލުން ފެށިފައިވާތީ އެކަން ހުއްޓުވައި ދިނުމަށް ސަރަހައްދީ ބާރުތަކަށް ވެސް ގޮވާލެއްވި އެވެ.

މިދިއަ ހުކުރު ދުވަހު މިސްޓިއުރާ ވިދާޅުވީ 400.000 އެއީ އޭނާގެ އަމިއްލަފުޅު އަންދާޒާއެއް ކަމަށާއި އެއީ އދ. އިން ލަފާކޮށްފައިވާ އަދަދެއް ނޫން ކަމަށެވެ. އިތުރަށް ވިދާޅުވެފައިވަނީ ސީރިޔާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން 250000 މަރުވި ކަމަށް އދ. އިން ލަފާ ކޮށްފައިވަނީ މީގެ ދެ އަހަރު ކުރިން ކަމަށާއި ދެ އަހަރު ފާއިތުވެގެން ދިޔައިރު ހަނގުރާމަ އިތުރަށް ހޫނުވެ، ހަމަލާތައް އިތުރުވުމުގެ ސަބަބުން. 250000 އަށް ވުރެ މައްޗަށް މަރުވި މީހުންގެ އަދަދު އަރާނެ ކަން އެއީ ޝައްކެއް ނެތް ކަމެއް ކަމަށެވެ. އަދި ފާއިތުވި ދެއަހަރު ތެރޭގައި، ޖުމްލަ މަރުވި މީހުންގެ އަދަދު 400000 އަށް ވުރެ މައްޗަށް އަރައިފައިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އދ އިން މިހާރު ސީރިޔާގެ ދާހިލީ ހަނގުރާމައިގާ މަރުވި މީހުންނާއި، ޒަހަމްވި މީހުންގެ އިތުރުން ގެދޮރު ހަލާކުވުމުގެ ސަބަބުން ރެފިއުޖީ ކޭމްޕުތަކުގައި އުޅޭ ސީރިޔާގެ ރައްޔިތުންގެ އެއްވެސް ކަމެއްގެ ތަފްސީލެއް ނުބަލަހައްޓައެވެ.