ހަބަރު

ނަޝީދުގެ ޝަރީއަތް ފަށަން އުޅެނީ ކެންޑިޑެސީ ގެއްލުވާލަން: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތް ފަށަން އުޅެނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނަޝީދަށް ގެއްލުވާލުމުގެ ގޮތުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެޕާޓީން އެގޮތަށް ބުނީ ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ހިންގާ ޝަރީއަތުގައި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި، ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ދުވަސްތަކެއްފަހުން މާދަމާ ބާއްވަން ނިންމާފައި ވަނިކޮށެވެ. ހުޅުމާލޭ ކޯޓުގައި އޮތް ނަޝީދުގެ އަސްލު ޝަރީއަތް ކުރިއަށް ގެންދެވެން އޮތީ ހައި ކޯޓުން މައްސަލަ ނިމުމުންނެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި) ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ނަޝީދުގެ ކެންޑިޑެސީ ދުއްވާލަން ކަމަށާއި ކުއްލިއަކަށް އެ ޝަރީއަތް ކުރިއަށް ގެންދަން ނިންމީ ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ.

"މާދަމާ މި ހިންގާ ޝަރީއަތަކީ ވެސް ސީދާ ރާއްޖޭގެ މަގްބޫލު ސިޔާސީ ލީޑަރުން ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރުމުގެ ފުރުސަތު އޮވެދާނެތީވެ އެ ދޮރުތައް ބަންދުކުރަން ހިންގާ ވަރަށް ނާ އިންސާފު ޝަރީއަތެއް،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ އަންނަ އޭޕްރީލް މަހު އާ ގާނޫނުލް އުގޫބާތު އައުމާ އެކު ނަޝީދުގެ މައްޗަށް މިހާރު ދައުވާކުރާ މާއްދާ އުވިގެންދާނެ ކަމަށާއި އެހެންވެ ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އޭގެކުރިން ނަޝީދުގެ މައްސަލަ ނިންމަން ކަމަށެވެ. އަދި އެ މައްސަލައިގައި ނަޝީދުގެ އިތުރުން ދައުލަތުން ދައުވާކުރާ ބައެއް ބޭފުޅުންނަށް ވަޒީރުކަން ދީފައިވުމަކީ އެ ބޭފުޅުންގެ މައްޗަށް ކުރާ ދައުވާއާ މެދު ސަރުކާރުން މާބޮޑަށް އަޅާނުލާ ކަން އަންގައިދޭ ކަމެއް ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

ހުޅުމާލޭ ކޯޓުގެ ބެންޗުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަނީ އަޑުއެހުމެއް ނުބާއްވާތާ ދޮޅު އަހަރު ފަހުންނެވެ.