އަހުމަދު ރިލްވާން

ރިލްވާން މައްސަލާގައި ހައްޔަރުކުރި ދެމީހުން ގޭ ބަނދަށް ބަދަލުކޮށްފި

މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރު ކުރި ދެ މީހުން ގޭ ބަނދަށް ބަދަލުކޮށްފި އެވެ.

އެ މައްސަލާގައި މިމަހު ކުރީކޮޅު ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. ފުލުހުން ބުނީ އެމީހުންގެ ބަނދާއި މެދު ގޮތެއް ނިންމެވުމަށް ކޯޓަށް ހާޒިރު ކުރުމުން މިދިޔަ ހުކުރު ދުވަހު އެމީހުން ގޭ ބަނދަށް ބަދަލު ކުރަން ނިންމަވާފައިވާ ކަމަށެވެ.

ރިލްވާން ގެއްލުވައިލި މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ، ކުޑަހެންވޭރަށް ނިސްބަތްވާ އަޒްލިފް ރައޫފް ވަނީހައްޔަރު ކުރުމަށް ފަހު ކޯޓުން ދޫކޮށްލާފައިވަނިކޮށް ރާއްޖެއިން ބޭރަށް ގޮސްފައި އެވެ. އޭނާ ސީރިޔާ ހަނގުރާމައިގައި މަރުވި ކަމުގެ އަޑުތައް ވެސް ފެތުރުނެވެ.

ފުލުހުން އެ ދުވަހުން ފެށިގެން ކުރި ތަހުގީގުތަކަށް ފަހު ދާދި ފަހުން ބޭއްވި ޕްރެސްގައި ބުނެފައި ވަނީ، ރިލްވާން އެރުވި ކަމަށް ތުހުމަތު ކުރެވޭ ރަތްކުލައިގެ ކާރުގެ ޑިކީގެ ތެރޭގައި އަޅާފައި އޮތް ކާޕެޓެއްގެ ތެރެއިން ފެނުނު ފަސް އިސްތަށިން ކުރެ، އެއް އިސްތަށިން ނެގި ޑީއެންއޭ ސާމްޕަލް ރިލްވާން މަންމަގެ ޑީއެންއޭ އާ ދިމާވާ ކަމަށެވެ. އަދި އޭނާ ގެއްލުނު ރޭ ކުޑަހެންވޭރު ގޭންގަށް ނިސްބަތްވާ، ސުވައިދު ކިޔާ މީހަކު މާލޭގައި ރިލްވާންގެ ފަސްފަހަތުން ގޮސް ފާރަލީކަން ސީސީޓީވީ ފްޓޭޖްތަކުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.