ބޭރު ކުޅިވަރު

ޝޫލާ ވުލްފްސްބާގަށް، ކުއަޑްރާޑޯ ޗެލްސީ އަށް

ޗެލްސީ އަށް ކުޅެމުންދިޔަ ޖަރުމަންގެ ގައުމީ ޓީމުގެ ފޯވަޑް އަންދްރޭ ޝޫލާ ޖަރުމަންގެ ވުލްފްސްބާގަށް ބަދަލުވެއްޖެ އެވެ. ޝޫލާ ވުލްފްސްބާގަށް ބަދަލުވީ 22 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ.

ޝޫލާ ވުލްފްސްބާގަށް ބަދަލުވުމާއެކު، ފިއޮރެންޓީނާ އަށް ކުޅެމުންދާ ކޮލަމްބިއާގެ މިޑްފީލްޑަރު ހުއާން ކުއަޑްރާޑޯގެ ޓްރާންސްފާ ފުރިހަމަކޮށް، ކުއަޑްރާޑޯ ޗެލްސީ އަށް ބަދަލުވެފައިވާ ކަމަށް އެ ކްލަބުން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ.  ކުއަޑްރާޑޯ ވިއްކާލަން ފިއޮރެންޓީނާ އާއި ޗެލްސީއާމެދު އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އެ ޓްރާންސްފާ ޗެލްސީ އަށް ފުރިހަމަނުކުރެވި އޮތީ ޝޫލާގެ ޓްރާންސްފާ ނިންމާނުލެވިގެންނެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ކޮލަމްބިއާގެ ޓީމުން ވިދާލި ކުއަޑްރާޑޯ ޗެލްސީ އަށް ބަދަލުވީ 27 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ.

ޝޫލާ ،24، ބަޔާ ލޭވަކޫސަން އިން ޗެލްސީ އަށް 2013 ވަނަ އަހަރު ބަދަލުވީ 18 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ. ޗެލްސީ އަށް ޝޫލާ ވަނީ 14 ލަނޑު ޖަހައިދީފަ އެވެ.

މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަންގެ ޓީމުގައި ހިމެނޭ ޝޫލާ އަކީ ޗެލްސީގެ ފުރަތަމަ 11 އިން ގަވައިދުން ޖާގަ ލިބޭ ކުޅުންތެރިއެއް ނޫނެވެ. -- ބީީބީސީ