ރައީސް އަބްދުﷲ ޔާމީން

ގައްދާރުވެއްޖެނަމަ ޝަރަފުގެ ނިޝާން އަތުލެވެން ޖެހޭ: ރައީސް

ސިފައިންގޭގައި ލިބޭ ތަމްރީނުތަކާއި ވަސީލަތްތަކުގެ ނާޖައިޒު ފައިދާ ސިފައިންގެ ގެއިން ޝަރަފުވެރިކަމާއެކު ވަކިވުމަށްފަހު ބޭނުންކޮށްގެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ، ސިފައިންގެ ޔުނީފޯމްގެ ކަރާމަތަށް ގެއްލުންވާ ގޮތަށް ރިޓަޔާކުރެއްވުމަށްފަހު އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސިފައިން ވިސްނަން ޖެހެނީ ގައުމުގެ ހާލަތާ މެދު ކަމަށާއި ގާނޫނު ދެމެހެއްޓުމުގައި ސިފައިން ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އަދި ގާނޫނީ އަސާސީއަށް ސިފައިން ވެސް ބޯލަނބަން ޖެހޭނެ ކަމަށެވެ. ރައީސް ވިދާޅުވީ، ސިފައިންގެ ތެރޭގައި އަސްކަރީ ކޯޓެއް އުފެދެން ޖެހޭ ކަމަށެވެ. ސިފައިންގެ ޔުނިފޯމްގައި ޝަރަފުވެރި މެޑަލްތަކާއެކު އެ ޔުނިފޯމަށް ލިބެންޖެހޭ ހައްގު ޝުކުރު ލިބޭ ގޮތަށްތޯ ރިޓަޔާކުރައްވާ ބައެއް ސިފައިން އަމަލުކުރަމުންދަނީ އެއީ އަމިއްލައަށް ކޮށްލަން ޖެހޭ ސުވާލެއް ކަމަށެވެ.

"މިކަންކަން ސިފައިންނަށް ގަބޫލުކުރެވޭ އުސޫލުތަކާ ހިލާފަށް ހުންނަ ކަމަށް ވަންޏާ ޝަރަފުގެ ނިޝާން އަތުލެވޭނެ ގޮތްތައް ހުންނަން ޖެހޭނެ، އެއީ ސިފައިންގެ މުއައްސަސާއަށް ދެވޭ ގަދަރާއި ކަރަމާތަށް އުނިކަން ގެނެސްދޭ ފަރާތްތައް، ގައުމަކަށް ދެވޭނެ އެންމެ ބޮޑު ހިޔާނާތަކީ ގައުމާ މެދު ގައްދާރުވުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އަސްކަރިއްޔާގައި އުޅެފައި ކުރާ ކުށްތަކަކީ އެކަން ޖިނާއީ ކޯޓަކުން ބެލިގެންވާނެ ކަންކަމެއް ނޫން ކަމަށާއި، އެކަންކަން ބަލަން ޖެހޭނީ އަސްކަރީ ކޯޓަކުން ކަމަށެވެ. ޝަރަފުގެ ނިޝާން ދެވޭ ފަދައިން ނިޝާންގެ ކަރަމާތް ހިފެހެއްޓުމުގެ ޒިންމާ ވެސް ނަގަންޖެހޭނެ ކަމަށާއި ސިފައިންގެ ސުލޫކު ހިފަހައްޓަންޖެހެނީ ހަމައެކަނި ޔުނިފޯމްގައި ސިފައިންގޭގައި މަސައްކަތްކުރާއިރު ނޫން ކަމަށެވެ.

ސިފައިންގެ ތެރެއިން ސިފައިންގެ ވެރިއެއް ހަތިޔާރު ނެރުމަކީ ސިފައިންގެ ދުވަހު ހިމޭންކަން ގެންނަން ޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަސްކަރިއްޔާގައި ނިޒާމްތައް ހަަމަޖެހިފައި ހުންނަންޖެހޭނީ އާމަރީން ހަތިޔާރު ނުނެރެވޭނެ ގޮތަށް ކަމަށާއި އެ ހަތިޔާރު ނެރުމަކީ އެއްވެސް ރައްޔިތަކަށް އޮތް ހައްގެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ހަތިޔާރު ގެންގުޅުމުގެ ހުއްދަ ހަމައެކަނި ސިފައިން ލިބިދޭއިރު ގެއެއްގެ ތެރެއިން ހަތިޔާރު ފެނިއްޖެނަމަ އެ މައްސަލައެއް ނުބަލާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ގައުމުގެ ސިއްރުތަކަކީ އަމިއްލަ ފައިދާއަށް ބޭރުކޮށްގެންވާނެ ސިއްރުތަކެއް ނޫން ކަމަށާއި ނަމަވެސް މިހާރު މިވަނީ އެފަދަ ކަމެއް ބަޔަކު ކޮށްފައިވުމުން އޭގެ ހިތްދަތިކަން ތަޖުރިބާކުރެވިފައި ކަމަށެވެ. މި ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަމުން ދެ ބޭފުޅަކު ވަކިކުރަން ޖެހުނު ސަބަބާމެދު ވެސް ވިސްނަން ޖެހޭ ކަމަށެވެ. ރައީސް އިޝާރަތްކުރެއްވި ދެ ބޭފުޅުންނަކީ ވެސް ސިފައިންގެ ގެއިން ރިޓަޔާކުރައްވާފައި ތިއްބެވި ދެ ބޭފުޅުންނެވެ.

މީގެއިތުރަށް ރައީސް ދަތުރުކުރެއްވި ލޯންޗުގައި ގޮވާތަކެތި ހަރުކޮށް ގޮއްވާލާފައިވާއިރު އެއީ ސިފައިން ވިސްނަންޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ވުޖޫދުގައި ނެތް މައްސަލައެއް އުފަންކޮށް، ކުރީގެ ޕީޖީ މުހުތާޒު މުހުސިން ރައީސް ހައްޔަރުކުރަން މަސައްކަތްކޮށް އިންގިލާބެއް ގެނައުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކީ އަސްކަރިއްޔާއަށް ބަލައިގަނެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. ދައުވާކުރަން ހުރި ބޭފުޅެއް މަގާމުން ދުރުކުރުމުން އިލްމާއި ތަޖުރިބާގެ ބޭނުން ހިފާ މިފަދަ ކަމެއް ކުރުމުން ރައީސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަކީ އެންމެ ހަރުކަށި އަދަބު ދެވިގެންވާނެ ކުށެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ރައީސްކަމުގައި ހުންނަ މީހާ ކުރާ ކޮންމެ ކަމަކަށް ސިފައިން އެއްބާރުލުން ދީގެން ނުވާނެ ކަމަށެވެ. ކަމެއް ގޯސްކޮށް ކުރައްވާނަމަ އެކަމެއް ރަނގަޅުކުރުމަށް އަންގަން ޖެހޭނެ ކަމަށެވެ.