ހޮލީވުޑް

ފިފްޓީ ޝޭޑްސް އޮފް ގްރޭއި: ރާއްޖޭގައި މަނާކުރާނެތަ؟

ޕޯން ވެބްސައިޓްތައް މަނާކުރުމުގެ ކެމްޕޭނަކަށް ރަސްމީ ފަރާތްތައް ތައްޔާރުވަމުންދާ ކަމުގެ ޚަބަރު މިފަހުން ފެތުރުނެވެ. އެންމެފަހުން އެކަމެއް ވެސް ނުކުރާނެ އެވެ.

ބައެއް މީހުން ސަމާސާއަކަށް ހަދައިގެން ބުނަނީ ޕޯން ވެބްސައިޓްތައް ރާއްޖޭގައި މަނާކޮށްފި ނަމަ އިންޓަނެޓުގެ ސްޕީޑް ވަރަށް ވެސް ރަނގަޅުވާނެ ކަމަށެވެ. ކޮންމެއަކަސް އެ ވާހަކައެއް ނޫނެވެ.

ނުކުންނަން އުޅޭ ފޯރިގަދަ ފިލްމެއްގެ ވާހަކަ އެވެ. އިނގިރޭސި ވިލާތުގެ ވާހަކަ ލިޔުންތެރިޔާ އީއެލް ޖޭމްސްގެ "ފިފްޓީ ޝޭޑްސް އޮފް ގްރޭއި" ގެ އަސްލަށް ޔުނިވާސަލް ޕިކްޗާސް އިން ހަމަ އެ ނަމުގައި އުފައްދާފައިވާ ފިލްމުގެ ޝޯތައް ފަށަން ތައްޔާރުވަމުން އަންނައިރު މި ފިލްމާ މެދު ދިވެހިން ދެކޭ ގޮތް ވެސް ބަލައިލާން ޖެހޭނެ ނޫން ހެއްޔެވެ؟

މި ވާހަކަ އާއި ފިލްމުގައި ސިފަކޮށް، ދައްކުވައިދޭ މަންޒަރުތަކަކީ ދިވެހިން ނިކަން ގަޔާވާ މަންޒަރުތަކެއް ކަމަށް "ފިރާޑުގެ ގަލަމުން ދިވެހި ރާއްޖެ" ފަދަ ތާރީޚީ ފޮތެއްގެ ގަނޑުތައް އުކާލިޔަސް އެނގޭނެ އެވެ.

އެހެންވީމަ މި ފިލްމު މަނާކުރުމަކީ ދިވެހިން އެހާ ތާއީދުކުރާނެ ކަމެއް ކަމަކަށް ވެސް ނުބެލެވެ އެވެ. 

ދެން މި ފިލްމުގައި ވަނީ ކިހިނެތްތޯ ބަލާލަމާ ހިނގާށެވެ.

މިއީ ނިކަން ވަރުގަދަ އެރޯޓިކް ތްރިލާ އެކެވެ. މިއީ ޒުވާން ފިރިހެނަކާއި ޒުވާން އަންހެނަކު ލޯބީގެ ކޯރަކަށް ގެނބިގެން ގޮސް ހިނގާ ކަންތައްތަކެއްގެ ވާހަކަ އެވެ. އިޝްގީ ލޯތްބާއި ޖިންސީ އަރާމާއި އޭގެ ލައްޒަތުގެ ވާހަކަ އެވެ.

މި ހުރިހާ ތަފްސީލަކަށް ނުގޮސް ކުރު ގޮތަކަށް ބުނަނީ ނަމަ މި ފިލްމަކީ ގާތްގަނޑަކަށް "ސޮފްޓް ޕޯން" އެކެވެ. އަދި ފާހަގަކޮށްލަން ޖެހެނީ މި ފިލްމު މި ފިލްމަށް ވުމުގެ އަސްލު ވެސް ގުޅިފައި ވަނީ ފިލްމާއި ވާހަކައިގެ ވެސް މި ސިފައާ ކަމެވެ.

"ފިފްޓީ ޝޭޑްސް" އަކީ އޭގެ ލިޔުންތެރިކަމަށް ފާޑުކިޔުންތެރިން ސުމެއް ދިނަސް ފަންސާސް އެތައް ބަހަށް ތަރުޖަމާކޮށް ދުނިޔޭގައި ރިކޯޑް ހަދާފައިވާ ފޮތެކެވެ. މި ފޮތުގެ 100 މިލިއަނަށް ވުރެ ގިނަ ކޮޕީސް ވިކި މަގްބޫލު ފޮތަކަށް ބަދަލުވުމަކީ އެންމެފަހުން މި ވާހަކަ ބޮޑު ސްކްރީނަށް އަންނަ މައިގަނޑު ސަބަބު ވެސްމެ އެވެ.

މި ފޮތަކީ އާރު ރޭޓެޑް، އެރޯޓިކް ތްރިލާއަކަށް ބަލާއިރު މިދިޔަ 15 އަހަރުގެ ތާރީޚުގައި ވެސް އެންމެ ހަލުވިކޮށް ވިކި ހުސްވި ފޮތެވެ.

މި ފިލްމު ރަސްމީކޮށް ޕްރިމިއާކުރާނީ ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި މި މަހުގެ 11 ވަނަ ދުވަހު އެވެ. އެމެރިކާގައި ޝޯތައް ފަށާނީ 13 އިގަ އެވެ.

އެމެރިކާގެ މޯޝަން ޕިކްޗާ އެސޯސިއޭޝަނުން މި ފިލްމު ކްލެސިފައިކޮށްފައި ވަނީ އާރް ރޭޓިންއަކުންނެވެ. މާނަ އަކީ ފިލްމުގައި ކުޑަކުދިންނާ ނުގުޅޭ މަންޒަރާއި އަޑާއި އަހުލާގު އެކުލެވިގެންވާ ކަމެވެ. މިހާ ތިލަކޮށް މި ފިލްމު ފާސްކޮށް ދިނުމުން، ޕޯނޯގްރެފީއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ދެކޮޅަށް އަޑު ވެސް އުފުލަމުންނެވެ.

އެގޮތުން އެމެރިކާގެ މަޝްހޫރު ޖަމިއްޔާއެއް ކަމުގައިވާ މޯރާލިޓީ އިން މީޑިއާ އިން ބުނެފައި ވަނީ މޯޝަން ޕިކްޗާސް އިން މި ފިލްމު 17 އަހަރުން ދަށުގެ ކުޑަކުދިންނަށް މަނާ ފިލްމެއްގެ ގޮތުގައި ކަނޑައަޅާފައި ނުވަނީ ޖިންސީ އަނިޔާތަކަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ކަމަށެވެ. އެމީހުން ބުނެފައި ވަނީ ކުޑަކުދިންނަށް އެއްގޮތަކަށް ވެސް ބެލިގެން ނުވާނެ ފިލްމަކަށް މި ފިލްމު ހަދަން ބާރު އަޅަން ޖެހޭ ކަމަށެވެ.

މި ފިލްމާ ދެކޮޅު މިފަދަ ހިޔާލުތަކެއް އާންމުވަމުން އަންނައިރު ވާހަކަ ފޮތާ ދެކޮޅަށް ވެސް މިފަދަ އަޑުތައް އުފުލި އެވެ. އެގޮތުން އެމެރިކާގެ ބައެއް ލައިބްރަރީތަކުގައި މި ފޮތް މަނާ ވެސް ކުރި އެވެ.