ސީރިޔާ

ސީރިޔާއިން ތުރުކީއަށް ރޮކެޓް ހަމަލާތަކެއްދީ މީހަކު މަރާލައިފި

ސީރިޔާއިން ތުރުކީއަށް ރޮކެޓް ހަމަލާތަކެއްދީ މީހަކު މަރާލައިފި އެެވެ. މި ހަމަލާގައި 26 މީހުން ޒަހަމްވެފައިވާއިރު މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ބޯޑަރު ކައިރިން ކިލިސްއަށެވެ.

ތުރުކީގެ ކިލިސްއަށް ފޮނުވާލާފައިވަނީ ހަތަރު ރޮކެޓު ކަމަށް އޮފިޝަލުން ވަނީ ކަށަވަރު ކޮށްދީފައެވެ. މި ހަމަލާގެ ސަބަބުން، ކިލިސްގެ އާންމުންނާއި ރެފިއުޖީން ވަނީ ރޮކެޓު ހަމަލާތަކުގެ ޝިކާރައަކަށް ވުމުގެ ބިރުބޮޑުވެފަ އެވެ.

އިއްޔެ ދެން ހަމަލާގައި މީހަކު ވަނީ މަރުވެފައިވާއިރު ރޭގެ އިރާކޮޅު ދެ ހަމަލާއެއް ގެތަކަށް ވަނީ އަމާޒުކޮށްފައެވެ. މި ހަމަލާގެ ސަބަބުން، ބައެއް ގެތައް ހަލާކުވެ، 16 މީހުން ޒަހަމްވިއެވެ. މި ރޮކެޓް ހަަމަލައާ އެކީ، ތުރުކީގެ ސިފައިންވަނީ އަނބުރާ ސީރިޔާއަށް ހަމަލާތަކެއް ވެސް ދީފައެވެ. ނަމަވެސް މިކަމުގެ މާ ބޮޑު ތަފްސީލެއް ސާފުވެފައެއް ނުވެ އެވެ.

ރޭގެ އިރާކޮޅު ދެ ރޮކެޓު ފޮނުވާލި ފަހުންވެސް އިތުރު ދެ ރޮކެޓެއް ތުރުކީއަށް ސީރިއާއިން ފޮނުވާލިއެވެ. މި ދެ ރޮކެޓު ގޮސް ޖެހުނީ ތުރުކީގެ ކިލިސްގެ މިސްކިތަކަށެވެ. މި ހަމަލާގައި އިތުރު 10 މީހަކު ޒަހަމްވެ އެކަކު މީހަކު މަރުވިއެވެ. ނަމަވެސް މަރުވި މީހާގެ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ރޮކެޓް ހަމަލާތަކުގައި ހަލާކުވި މިސްކިތަކީ، ގަވަރުނަރު އޮފީހާއި 100 މީޓަރު ދުރުގައި ހުރި މިސްކިތެކެވެ. ރޮކެޓް ހަމަލާތައް ފޮނުވާލާފައިވަނީ ގަވަރުނަރު ޖަލްސާއެއްގައި އިންނެވި ވަގުތެއްގަ އެވެ.