ދުނިޔެ

އައިއެސްއާ ދެކޮޅު ހަނގުރާމާގައި ލިބުނީ ކިހާވަރެއްގެ ކުރިއެރުމެއް؟

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގައުމާ މުހާތަބުކުރައްވައި ދެއްވި ތަގުރީރެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ގުޅިފައިވާ ލަޝްކަރެއް އެކުލަވާލައްވައި، ހަނގުރާމަ އިއުލާނުކުރެއްވިތާ މިހާރު ފަސް މަސްވީ އެވެ.

"އަހަރެމެން އެމީހުން ލަދުގަންނުވާލާނަން. އަދި އެންމެފަހުން ބަލިކޮށް ނައްތާލާނަން. މިކަން ކުރާނީ ފުރިހަމަ ރޭވުންތެރިކަމާ އެކު ކުރިއަށް ގެންދާ ހަރާތެއްގެ ދަށުން،" އެ ތަގުރީރުގައި އޮބާމާ ވިދާޅުވެފައި ވަނީ މިހެންނެވެ.

އޮބާމާގެ މި ތަގުރީރަށް ފަހު އެމެރިކާ އިން އިރާގުގެ އަސްކަރިއްޔާ އަށް އައިއެސްއާ ދެކޮޅަށް އެއްބާރުލުން ދީ އައިއެސްގެ މަގާމުތަކަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ވެސް ބައިވެރިވާން ފެށި އެވެ. ހަނގުރާމަ މަތީ ޖެޓްތަކުގައި ގޮސް އެމެރިކާގެ ސިފައިން އައިއެސްގެ މަގާމުތަކަށް ބޮން ވެސް އެޅި އެވެ.

ނަމަވެސް ވަކި ހިސާބަކުން ދެން ފެނުނީ އެމެރިކާގެ މި ފޯރިގަނޑު ކެނޑިގެން ދިޔަ މަންޒަރެވެ. އައިއެސްއާ ދެކޮޅު ހަނގުރާމާގެ ކުރީ ސަފުގައި އެމެރިކާ މާ ބޮޑު ރޯލެއް ކުޅޭ މަންޒަރެއް މިހާރަކު ނުފެނެ އެވެ.

ފަހަރެއްގައި ޔުކްރެއިންއާ ރަޝިއާ ވިއްދާލާފައި އޮތްވަރުން އެމެރިކާ އަށް ސީރިއާ އާއި އިރާގުގެ މައްސަލަ މިހާރު އެހާ މުހިންމު ނުވަނީ އެވެ. އެމެރިކާގެ ކުރިމަތީގައި ރަޝިއާ އަކީ އައިއެސް އަށް ވުރެ ވެސް ނުބައި ބައެކެވެ. އެހެންވީމަ އެމެރިކާ އިން މިހާރު ވެސް ތެޅިފޮޅެނީ ޔުކްރެއިންގެ ސިފައިންނަށް ހަތިޔާރު ފޯރުކޮށް ދިނުމަށެވެ.

ކޮންމެއަކަސް އައިއެސްއާ ދެކޮޅަށް އެމެރިކާ އާއި އެހެން ގައުމުތަކުން ފެށި ހަނގުރާމާގައި އެދެވޭ ކާމިޔާބީތަކެއް ލިބެމުންނެއް ނުދެ އެވެ. އެމެރިކާ އިން ވައިގެ މަގުން ދިން ހަމަލާތަކާ ގުޅިގެން އައިއެސްގެ ސަފުތަކުގެ ކުރިއެރުންތައް ކޮންމެވެސް ވަރަކަށް ހުއްޓުމަކަށް އައެވެ.

އެމެރިކާގެ އެހީއާ އެކު ސީރިއާގެ ކޮބާނީ އަވަށުން ވެސް ވަނީ އިހަށް ދުވަހު އައިއެސްގެ ހަނގުރާމަވެރިން ފައްސާލައިފަ އެވެ. ނަމަވެސް މިއީ ހަގީގީ ކުރިއެރުންތަކެއް ނޫނެވެ.

އެމެރިކާ އިން ބުނަނީ ގުޅިފައިވާ ފައުޖުތަކުން އައިއެސްއާ ދެކޮޅަށް ހިންގާ ހަރަކާތުގައި 6000 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލެވިއްޖެ ކަމަށެވެ. އައިއެސްގެ މެމްބަރުންގެ އަދަދަކީ 9000 އާއި 18،000އާ ދެމެދުގެ އަދަދެއް ނަމަ މިއީ އެމެރިކާ އާއި ގުޅިފައިވާ ފައުޖަށް ލިބުނު ވަރަށް ވެސް ބޮޑު ކާމިޔާބީއެކެވެ.

ނަމަވެސް އައިއެސް އަކީ އާދައިގެ ހަނގުރާމަވެރި ޖަމާއަތެއް ނޫނެވެ. ހަނގުރާމަވެރިންގެ ބޮޑު ކިއްލާއެކެވެ. މި ގްރޫޕަށް ނިސްބަތްވާ ހަނގުރާމަވެރިންގެ އަދަދު އެންމެ މަދުވެގެން ވެސް 30،000 އަށް އަރާ ކަމަށް އެމެރިކާގެ ރަސްމީ ފަރާތްތައް ވެސް އެއްބަސްވެ އެވެ.

މިސާލަކަށް އެމެރިކާ އާއި ގުޅިފައިވާ ސިފައިންގެ ހަމަލާތަކުގައި މަހެއްގެ މައްޗަށް އައިއެސްގެ 1،200 ހަނގުރާމަވެރިން މަރަމުން ދިޔަޔަސް ކާމިޔާބު ހޯދަން ފަސޭހައެއް ނުވާނެ އެވެ. ސަބަބަކީ ކޮންމެ މަހަކު އިތުރު 1000 ހަނގުރާމަވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިއެސްއާ ގުޅެމުންދާ ދިއުމެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމަ މީގެ ތިން އަހަރު ކުރިން ފެށުނުފަހުން ވެސް 90 ގައުމަކުން 19،000 ހަނގުރާމަވެރިން ގޮސް އައިއެސްއާ ގުޅިފައިވެ އެވެ. އަނެއްކޮޅުން އައިއެސް އިން އިރާގާއި ސީރިއާގައި ހިފާފައިވާ ސަރަހައްދަށް ބަލާއިރު އެމީހުންގެ ބާރުގެ ދަށުގައި ތިބި އާންމުންގެ އަދަދު ވެސް އަށް މިލިއަނަށް އެބަ އަރަ އެވެ.

މީގެ އިތުރުން އައިއެސް ވަނީ އަލްޖީރިއާ އާއި ޕާކިސްތާނުގައި ވެސް އެމީހުންގެ ގޮފިތައް ހިންގަން ފަށައިފަ އެވެ. ލީބިއާ އާއި މިސްރުގައި ވެސް އައިއެސްގެ ހަނގުރާމަވެރިން ވަނީ ހަމަލާތައް ދޭން ފަށައިފަ އެވެ. ޔަމަނުގައި ވެސް އައިއެސް ދަނީ ބާރުގަދަކުރަމުންނެވެ.

އެހެންވީމަ ތަޖުރިބާކާރުން ބުނަނީ އެމެރިކާގެ ސިފައިން އަލުން ހަނގުރާމައިގެ މައިދާނަށް ނެރެގެން ނޫނީ މިކަން ކާމިޔާބު ނުވާނެ ކަމަށެވެ. ނަމަވެސް އެމެރިކާ މިހާރު އޮތީ އެފަދަ ނުރައްކަލެއްގެ ތެރެއަށް ފުއްމާލާ ކަހަލަ ވިސްނުމެއްގައެއް ނޫނެވެ. އިރާގު ހަނގުރާމަ ނިންމާލުމަށް ފަހު އެމީހުން އަފްޣާނިސްތާނުން ވެސް އެ ފައިބަނީ އެވެ.

އެމެރިކާގެ ސަފުތައް މިގޮތަށް ފަހަތަށް ޖެހެމުންދާއިރު އައިއެސް ދަނީ އެމީހުންގެ ފިޔަގަނޑު މުޅި ދުނިޔޭގައި ފަތުރަމުންނެވެ. ދެން ވާނީ ކިހިނެތް ހެއްޔެވެ؟