ރައީސް އަބްދުﷲ ޔާމީން

ރައީސް، ކޯސްޓްގާޑް ޝިޕް "ހުރަވީ" އަށް ޒިޔާރަތް ކުރައްވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބަނދަރު ސަރަހައްދުގައި މިހާރު ބަނދަރުކޮށްފައިވާ ކޯސްޓްގާޑް ޝިޕް "ހުރަވީ" އަށް، ރައީސުލް ޖުމްޖޫރިއްޔާ އަދި ކޮމާންޑަރު އިން ޗީފް، އަބްދުﷲ ޔާމީން މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

މި ޒިޔާރަތުގައި، އިތްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ރައީސް ސޮއި ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި، ކޯސްޓްގާޑް ޝިޕް "ހުރަވީ" އަށް ޒިޔާރަތް ކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށާއި، މި އުޅަނދަކީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދާއި ދިފާއީ ކަންކަން، ކަނޑުގެމަގުން ބެލެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އުޅަނދެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.

ހަމައެހެންމެ، މި އުޅަނދުގައި މަސައްކަތްކުރައްވާ ކަލާސީންނަކީ، ކަމުގެ ތަމްރީނު ލިބިފައިވާ، ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެއް އުފުލަމުން ގެންދަވާ، ހީވާގި އަދި މުރާލި ބައެއްކަން ހަނދުމަފުޅު ކުރައްވާކަމުގައާއި، އެ މަސައްކަތުގައި ބައިވެރިވާ އެންމެހައި ފަރާތްތަކަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާ ކުރެއްވެވިއެވެ.

މީގެއިތުރުން ގައުމީ މި މުހިންމު މަސްއޫލިއްޔަތު އުފުލުމުގައި ތެދުވެރިކަމާއެކު ސާބިތުވެތިއްބެވުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ.

"ހުރަވީ" އަށް، ރައީސް ކުރެއްވި މި ޒިޔާރަތުގައި، އިންޑިޔާގެ ރައީސް ސޮއިކުރައްވާފައިވާ އިންޓަރނޭޝަނަލް ފްލީޓް ރިވިއު ޗާޓް ވަނީ އެމަނިކުފާނަށް އަރުއްވާފައެވެ.

ރައީސްގެ އަރިހުގައި، މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އާދަމް ޝަރީފް އުމަރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އަހްދު ޝިޔާމްއާއި، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ އަކިލޭޝް މިޝްރާ ބައިވެރިވެވަޑައިގެންނެވިއެވެ.