ޕާކިސްތާން

ލައްޑޫ ކައިގެން ޕާކިސްތާނުގައި 23 މީހުން މަރުވެއްޖެ

ހަލާކުވެ ތަޣައްޔަރުވެފައިވާ ހުރި ލައްޑޫ ކައިގެން ޕާކިސްތާނުގައި 23 މީހުން މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ ފޮނި އެއްޗެހި ވިއްކާ ފިހާރައަކުން ވިއްކި ލައްޑޫ ކައިގެން 23 މީހުން މަރުވި މައްސަލަ ޕާކިސްތާނުގެ ފުލުހުން މިހާރު ވަނީ ބަލަން ފަށާފައެވެ. އެ އަދަދަށް މީހުން މަރުވިކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ލައްޑޫ ކައިގެން މަރުވި މައްސަލަ ފުރަތަމަ ރިޕޯޓު ކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ. މި ހާދިސާގައި ޕަންޖާބް ސަރަހައްދުގައި ދިރިއުޅޭ މީހަކު އޭނާގެ ދަރިފުޅުގެ އުފަންދުވަސް ފާހަގަކުރަން ވެގެން، ގަތް ލައްޑޫ ކައިގެން އޭގެ އަސަރު 77 މީހަކަށް ކުރި އެވެ. އެ މީހާގެ އިތުރުން، އޭނަގެ ތިމާގެ 11 މަރުވި ކަމަށް ފުލުހުނ ވަނީ ބުނެފައެވެ، އަދި ފަސް މީހެއް ހާލަ ސީރިއަސްވި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ މި ފިހާރައިގެ ދެ ވެރިންގެ އިތުރުން، މަސައްކަތްކުރާ މީހަކު ހައްޔަރު ކޮށްފައެވެ. އަދި ފޮނި އެއްޗެހި ވިއްކި ފިހާރައިގެ ވެރިންގެ މައްޗަށް ފުޑް ކޮންޓްރޯލް އެންޑް ޕޮއިޒަނަސް ސަބްސްޓެންސެސްގެ ގާނޫނުގެ ދަށުން ވަނީ ދައުވާ ކުރަން ފޮނުވާފަ އެވެ.

އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މި ލައްޑޫތައް ކޮންޓެމިނޭޓް ވީ ޕެސްޓިސައިޑްގެ އަސަރުކޮށްގެނެވެ. އަދި ޕެސްޓިސައިޑްގެ އަސަރު އެ ފިހާރަ ތެރޭގައި ހުރުމުން، ލެބް ޓެސްޓު ހަދަން ފަށާފައިވާ ކަމަށެވެ.