ހަބަރު

މާކުރަތު ދޯނީގެ ހަބަރެއް ނުވީ ހުރިހާ ފަޅުވެރިންގެ ފޯނު ނިވުމުން: އެމްއެންޑީއެފް

Feb 3, 2015
1

މިދިޔަ ހުކުރު ދުވަހުން ފެށިގެން ހަބަރެއް ނުވެގެން އިއްޔެ ހޯދަން ފެށި ރ.މާކުރަތު ދޯންޏާ މިހާރު ގުޅިފައިވާ ކަމަށާއި އެ ދޯނީގެ ހަބަރެއް ނުވީ ހުރިހާ ފަޅުވެރިވެރިންގެ ފޯނުގެ ބެޓެރީ ޗާޖް ހުސްވެ ފޯނުތައް ނިވިގެން ކަމަށް ފަޅުވެރިޔަކާ ހަވާލާދީ އެމްއެންޑީއެފް އިން ބުނެފި އެވެ.

ސިފައިން ކުރިން ބުނެފައި ވަނީ މި ދޯންޏަށް ކިޔަނީ "ފެހުރިހި" ކަމަށެވެ. ނަމަވެސް މިއަދު ބުނީ އެއީ މީހުން އާންމުކޮށް އެ ދޯންޏަށް ކިޔާ ނަން ކަމަށާއި އެކަމަކު އަސްލު ނަމަކީ "އަޒުމް" ކަމަށެވެ.

ފަސް މީހުން ތިބި މި ދޯންޏަކީ އިހި ހިފުމުގެ މަސައްކަތްކުރާ ދޯންޏެކެވެ. ދޯނި ހޯދަން ފެށީ މިދިޔަ ހުކުރު ދުވަހު މަކުނުދޫ ކައިރީ އޮވެފައި ދޯނީގެ ފަޅުވެރިޔަކު އާއިލާގެ މީހަކާ ފޯނުން ވާހަކަ ދެއްކި ފަހުން އެ ދޯނީގެ އެއްވެސް މީހަކާ ނުގުޅިގެން ރިޕޯޓްކުރުމާ ގުޅިގެންނެވެ. ދޯނިން ގުޅުނު މީހާއާ ހަވާލާދީ ކޯސްޓް ގާޑުން ބުނީ ހުރިހާ ފަޅުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށާއި ދޯނި މިހާރު އޮތީ ރ.ވާދޫ ފަރު ބޭރުގައި އިހީގެ މަސްވެރިކަމުގައި ކަމަށެވެ.

މި ދޯނީގެ ހަބަރެއް ވީއިރު ދޯނި ހޯދުމަށް ކޯސްޓް ގާޑުން ވަނީ މަކުނުދޫ ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައިފަ އެވެ.