ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ދެން ބޭއްވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށާއި ނަމަވެސް މަޝްވަރާގައި ބޭރުގެ ފަރާތްތައް ބައިވެރި ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާޓީ ޓޯކްސްގައި ސަރުކާރު ފަރާތުން އިސްކޮށް ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޝައިނީ މިއަދު މިހެން ވިދާޅުވި އިރު ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީއާއި އަދާލަތު ޕާޓީ އިން މިހާތަނަށް ބައިވެރިވެފައެއް ނުވެއެވެ. އަދި އަދި ރައީސް މުހައްމަދު ނަޝީދާއި އިމްރާން އަބްދުﷲ އަށް ބައިވެރިވެވޭނެ ގޮތަށް މަޝްވަރާތައް ބާއްވައިދޭނެ ކަމަށް ބުނެ ސަރުކާރުން ގޮތެއް ނިންމުުން ވެސް އެ ދެ ޕާޓީން އެކަމަށް ސަމާލުކަން ދީފައެއް ނުވެއެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން އައީ މަޝްވަރާ ކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމް ކޮށް ސިޔާސީ ލީޑަރުން ދޫނުކޮށްލަނީސް މަޝްވަރާ ނުކުރާނެ ކަމަށެވެ.
މިއަދު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ޝައިނީ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރަނގަޅު ޕާޓީ ޓޯކްސް އެއް ކުރިޔަށް ގެންދަން ކުރަން ޖެހޭ މަސައްކަތް ކަމަށާއި އެގޮތުން މަޝްވަރާތަކުގައި އެމްޑީޕީއާއި އަދާލަތު ޕާޓީ ބައިވެރި ކުރަން ގިނަ މަސައްކަތް ކުރެވި މިހާރު ވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ ބޭރުގެ ފަރާތްތައް ބައިވެރި ކުރުވައިގެން މަޝްވަރާތައް ކުރިޔަށް ގެންދަން ވީހާވެސް އަވަހަށް މަޝްވަރާތައް ކުރިޔަށް ގެންދެތޯ ބަލާނާން،" ޝައިނީ ވިދާޅުވި އެވެ.
މަޝްވަރާތަކުގައި އަދާލަތާއި އެމްޑީޕީ ނޫން އެހެން ހުރިހާ ޕާޓީއަކުން ވަނީ އެއްބާރުލުން ދީފަ އެވެ.