އެމްޕީއެލް ސަރަހައްދުގައި އޮތް އާގު ބޯޓަކުން މުދާ ބޭލުމުގައި ހަރަކާތްތެރިވި މީހެއްގެ ގައިމައްޗަށް މުދާ ޕެލެޓެއް ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ. ފުލުހުން ބުނީ މިހާރު އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވަ ކަމަށެވެ.
ޒަހަމްވެފައި ވަނީ އާރްކޭއެލްގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ހދ. ކުޅުދުއްފުށީ ފެހިކުރި، އާދަމް އިބްރާހިމް 57، އެވެ.
އައިޖީއެމްއެޗުން ބުނީ އާދަމް އިބްރާހިމް އެ ހޮސްޕިޓަަލަށް ގެންގޮސްފައި ވަނީ މެންދުރު ފަހު 1:25 ގައި ކަމަށާއި ގެންދިޔަ އިރު އޭނާގެ ހެޔަށް ގޮތް ނުވެ ވާހަކަ ވެސް ދައްކާ ކަމަށެވެ. އެހެން ނަމަވެސް ބޮލުގެ ބައެއް ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު އެނޫން ޒަހަމްތައް ވެސް ހަށިގަނޑަށް ލިބިފައިވާ ކަމަށެވެ. އޭނާގެ އަރިކަށީގެ ބައެއް ކަށިތަކުގައި ރެނދުލާފައިވާ ކަމަށް ވެއެވެ.
"މިހާރު އޭނާއަށް އިމަޖެންސީގައި މިދަނީ ފަރުވާ ދެމުން،" އައިޖީއެމްއެޗް މީޑީއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވި އެވެ.
އެމްޕީއެލްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު އާތިފު ވިދާޅުވީ އެމީހާއަށް އަނިޔާވީ މުދާ ބާލަން އުޅުމުގެ ތެރޭގައި މުދާތައް ހިމެނޭ ޕެލެޓެއް ކަހާލައިގެން ކަމާއި އެމީހާއަށް ލިބުނު ގެއްލުންތަކުގެ ތަފުސީލް އެމްޕީއެލްއަށް އަދި ސާފުވެފައި ނުވާ ކަމަށެވެ.