ހާއްސަ އިނާމް

ކަނޑައަޅާ ފެންވަރަށް އުފައްދާ އެއްޗެހިން މިއަހަރު ހާއްސަ އިނާމް ދޭނީ ހަތަރު ދާއިރާއަކުން

Apr 26, 2016

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުގެ ތެރޭގައި ހިމެނޭ ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން މިއަހަރު ހަތަރު ދާއިރާއަކުން އިނާމު ދޭން ހާއްސަ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ވަނީ އިނާމު ދިނުމަށް މިއަހަރު ހުޅުވާލަން ހަމަޖެއްސި ދާއިރާތައް އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

- ފުރާވަރުގެ ޢުމުރުގެ ކުދިންނަށް އިސްލާމީ ރީތި އަހުލާގުގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތް.
މި މުބާރާތާބެހޭ ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.

- ކުޑަކުދިންނަށް ދިވެހިބަހުން [ނާވިލު] ލިޔުމުގެ މުބާރާތް
މި މުބާރާތާބެހޭ ކަންކަން ކުރިއަށް ގެންދަވާނީ، ދިވެހިބަހުގެ އެކެޑަމީންނެވެ.

- ނާށި ބޭނުންކޮށްގެން ތަކެތި އުފެއްދުމުގެ މުބާރާތް
މި މުބާރާތާބެހޭ ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.

- ރާއްޖޭގެ ތާރީހީ ހާދިސާތަކުގެ މައްޗަށް ލިޔެފައިވާ ވާހަކައެއް ނުވަތަ ހާދިސާއެއް އަޞްލަކަށް ބަލައިގެން ނުވަތަ ދިވެހި ފޯކްލޯއެއްގެ މައްޗަށް ބިނާކޮށް އަޞްލު ނުގެއްލޭގޮތަށް، ވިޒްއަލް އާޓްސް އަދި ޕާފޯމިން އާޓްސް ބޭނުންކޮށްގެން ބާއްވާ މުބާރާތް
މި މުބާރާތާބެހޭ ކަންކަން ކުރިއަށް ގެންދަވާނީ، ނޭޝަނަލް ސެންޓާ ފޮރ ދި އާޓްސްއިންނެވެ.

މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރްޞަތު ހުޅުއްވައިލައްވައި، އެކަމުގެ ތަފްޞީލުތައް، ކަމާބެހޭ އިދާރާތަކުން މިހާރުވަނީ އިޢުލާނު ކުރައްވާފައެވެ. މި މުބާރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ކަމާބެހޭ މުއައްސަސާއަކުން ހުށަހަޅުއްވާނީ، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅުއްވި ފަރާތެކެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުގައި ހިމެނޭ އެހެން ދާއިރާތަކަށް ނަން ހުށަހެޅުމުގެ ފުރްޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހުޅުވާލާނީ އަންނަ ޖޫންމަހު އެވެ.