ބޭރު ކުޅިވަރު

ޔުނައިޓެޑުން ޖެނުއަރީ ޓްރާންސްފާގައި ގެނައީ ބޯލްޓަންގެ ޒުވާން ޑިފެންޑަރެއް

ޖެނުއަރީ މަހުގެ ޓްރާންސްފާ ދޮރު ހުޅުވުމާއެކު، މެންޗެސްޓާ ޔުނައިޓެޑުން ޑިފެންޑަރެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް މީޑިއާތަކުން ބުނަމުންދިޔަ އެވެ. ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުންދާ ޖަރުމަންގެ ޑިފެންޑަރު މެޓް ހަމެލްސް އާއި ޕީއެސްޖީގެ ބްރެޒިލް ޑިފެންޑަރު މާކީިނިއޮސް އަދި ވެލެންސިއާގެ އާޖެންޓީނާ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އަކީ ޔުނައިޓެޑުން ޝައުގުވެރިވާ ޑިފެންޑަރުން ކަމަށް ރިޕޯޓްތަކުން ބުނަމުންދިޔަ އެވެ. އެކަމަކު ޖެނުއަރީ މަހުގެ ޓްރާންސްފާ ދޮރު ރޭ ބަންދުވިއިރު، ޔުނައިޓެޑާ ގުޅުނު ޑިފެންޑަރަކީ ނަން މަޝްހޫރު ކުޅުންތެރިއެއް ނޫނެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ބޯލްޓަން އިން ޔުނައިޓެޑަށް ރޭ ބަދަލުވީ ޒުވާން ޑިފެންޑަރު އެންޑީ ކެލެޓް އެވެ.

ކެެލެޓް ،21، ބޯލްޓަންގެ ސީނިއާ ޓީމަށް މިހާތަނަށް ކުޅުނީ ހަތަރު މެޗެވެ. މި ސީޒަންގެ ކުރީކޮޅު އޭނާ ވަނި ލޯނު އެއްބަސްވުމެއްގެ ދަށުން ތިން ވަނަ ޑިވިޝަންގެ ޕްލައިމައުތު އެގައިލް އަށް ކުޅެފަ އެވެ.

ކެލެޓް ޔުނައިޓެޑަށް ބަދަލުވިއިރު، ޔުނައިޓެޑަށް ކުޅެމުންދިޔަ ޒުވާން ޑިފެންޑަރު ސައިދީ ޔަންކޯ ވަނީ ބޯލްޓަން އަށް ބަދަލުވެފަ އެވެ. ޔަންކޯ ޔުނައިޓެޑްގެ ސީނިއާ ޓީމަކަށް ނުކުޅެ އެވެ.

ބޯލްޓަންގެ އެކަޑަމީން ނިކުތް ކުޅުންތެރިއެއް ކަމަށްވާ ކެލެޓް ބޯލްޓަންގެ ސީނިއާ ޓީމަށް ކުޅެން ފެށީ މިދިޔަ އަހަރެވެ.

ކެލެޓް އަކީ ޖެނުއަރީގެ ޓްރާންސްފާގައި ޔުނައިޓެޑަށް ބަދަލުވި ތިން ވަނަ ކުޅުންތެރިޔާ އެވެ. ބާސެލޯނާގެ ކުރީގެ ގޯލްކީޕަރު ވިކްޓާ ވަލްޑޭސް އާއި ޒުވާން ޑިފެންްޑަރު ސާދިގު އަލް ފިތޫރީ ވަނީ މީގެ ކުރިން ޔުނައިޓެޑާ ގުޅިފަ އެވެ. -- ބީބީސީ