ލައިފްސްޓައިލް

އަމިއްލައަށް މަރުވުމުގެ ކުރިން: ނިޝާންތައް ދެނެގަންނާނީ ކިހިނެތް؟

Apr 27, 2016
1

އަމިއްލަ އަށް މަރުވާން އުޅެފާނެ ނުވަތަ ފުރާނަ އަށް ގެއްލުންކޮށްފާނެ ކަމުގެ އެންމެ ފަސޭހަ ނިޝާނަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ -- ޑިޕްރެޝަން އެވެ. ޑިޕްރެޝަން އަކީ އޭގައި ސުއިސައިޑް ރިސްކް ވަރަށް ވެސް ބޮޑު ނަފްސާނީ މައްސަލައެކެވެ. މިފަދަ ހާލަތެއްގައި ހުންނަ މީހަކު ދައްކާ ވާހަކައަކަށް ވަރަށް ސަމާލުވާން ޖެހޭނެ އެވެ. ވަކިން ހާއްސަކޮށް އެމީހެއްގެ ހިޔާލާއި ފިކުރު ގޮސް ގުޅިލާމެހިފައި ވަނީ މަރާ ރައްޓެހި ހިސާބެއްގައި ކަމުގައި ވަނީ ނަމަ އެފަދަ މީހަކަށް ދޭން ޖެހޭ ސަމާލުކަން ދެ ގުނަ އަށް އިތުރުކުރަން ޖެހޭނެ އެވެ.

ކަންމިހެން އޮތްއިރު، އެފަދަ ނުރައްކަލަކަށް ފުންމާލަށް ތައްޔާރުވެގެން ހުންނަ މީހަކު ސަލާމަތްކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ މި މައްސަލައެއްގެ ރިސްކް ފެކްޓާސްތައް ބަލައި ސުއިސައިޑްގެ އިންޒާރު ދޭ ނިޝާންތަކަކީ ކޮބައިކަން ދަސްކުރުމެވެ. ފަހަރެއްގައި އޭރަށް، މީހެއްގެ ފުރާނަ ސަލާމަތްކުރެވިދާނެ އެވެ. -- އެއަށް ވުރެ ވަކި ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ހެއްޔެވެ؟

އަމިއްލަ އަށް މަރުވެދާނެ ކަމުގެ ނުރައްކާ ބޮޑީ ކިހާވަރަކަށް؟

އަމިއްލަ އަށް މަރުވެދާނެ ނުވަތަ ފުރާނަ އަށް ގެއްލުންދީފާނެ ކަމުގެ ނުރައްކާ އެކި އުމުރުގެ މީހުންނާއި ދެ ޖިންސުގެ މީހުންގެ މެދުގައި ރިކޯޑްކުރެވިފައިވާ ގޮތް ތަފާތެވެ. އަދި ނަސްލީ ގޮތުން ތަފާތުކަމެއް ހުންނަ މީހުންނާއި އިޖުތިމާއީ ގޮތުންނާއި ސަގާފީ ގޮތުން އޮންނަ ތަފާތު އޭގައި ވެސް އޮވެ އެވެ.

އަމިއްލަ އަށް މަރުވާ މީހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު 90 ޕަސެންޓް މީހުންގެ ސަބަބަކީ ކްލިނިކަލް ޑިޕްރެޝަން އެވެ. ނުވަތަ އެފަދަ ކޮންމެވެސް އެހެން ނަފްސާނީ މައްސަލައެކެވެ. އާންމުކޮށް ސުއިސައިޑް ކޮމިޓްކުރާ މީހުންގެ ސިފަތަކަށް ބަލާއިރު ވަރަށް ގިނަ މީހުންނަކީ އެބިއުސިވް ނުވަތަ އަނިޔާ ތަހައްމަލްކުރަން ޖެހިފައިވާ މާހައުލެއްގައި އުޅެން މަޖުބޫރުވެފައިވާ ބައެކެވެ. މަސްތުވާތަކެއްޗަށް ގޮސް ހުސްވެފައިވުމާއި ނަފްސާނީ އެހެން މައްސަލަތަކުގެ ޝިކާރައަކަށް ތިމާވެގެން ދިއުމަކީ ވެސް މި ދަންނަވާ، ސުއިސައިޑް ރިސްކް ބޮޑުކޮށްދޭ ކަމެކެވެ.

މީގެ އިތުރުން ނަފްސަށް ގެއްލުންވާ ވަރުގެ ހާދިސާތަކެއް ތަޖުރިބާކޮށްފައިވާ މީހަކު ކްލިނިކަލް ޑިޕްރެޝަންގެ އަޅަކަށްވެއްޖެ ނަމަ ވެސް ސުއިސައިޑް ރިސްކް އެމީހެއްގެ ދިރިއުޅުމުގައި ވަރަށް ބޮޑެވެ.

އިތުރު ކޮން ސަބަބުތަކެއް ހެއްޔެވެ؟

  • މީގެ ކުރިން އަމިއްލަ އަށް މަރުވާން މަސައްކަތްކޮށްފައިވުން
  • އާއިލާގައި ނަފުސާނީ މައްސަލަ އުޅުން ނުވަތަ މަސްތުވާތަކެތީގެ މައްސަލަ އޮތުން
  • އަމިއްލަ އަށް މަރުވެފައިވާ މީހަކު ނުވަތަ މަރުވާން މަސައްކަތްކޮށްފައިވާ މީހަކު އާއިލާގައި އުޅުން
  • އާއިލާ ތެރޭގައި ހަމަނުޖެހުމާއި މާރާމާރީ އާންމުވެފައި އޮތުން
  • ޖިސްމާނީ އަނިޔާ ނުވަތަ ޖިންސީ އަނިޔާ އާންމުވެފައިވުން
  • އަމިއްލަ އަށް މަރުވާން މަސައްކަތްކުރާ މީހެއްގެ އަމަލުތަކާ މާ ރައްޓެހިވުން

އަމިއްލަ އަށް މަރުވާން މަސައްކަތްކޮށްފާނެ ކަމުގެ އިންޒާރު!

މީހަކު ދައްކާ ވާހަކައަކުން އެމީހެއްގެ ފިކުރާއި ނަފުސު ވެއްޓިފައިވާ ދަރަޖަ ދެނެގަނެވިދާނެ އެވެ. މީހަކު އަމިއްލަ އަށް މަރުވާން މަސައްކަތްކޮށްފާނެ ކަމުގެ އިންޒާރުތަކަށް ބަލާއިރު އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ދިނުން މުހިންމީ އެމީހެއްގެ ހިސްޓްރީއަށެވެ. އާންމުކޮށް އަމިއްލަ އަށް މަރުވެގެން ދަނީ ކުރިން އެފަދަ ކަމެއް ކުރުމަށް މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ މީހުންނެވެ.

  • އަބަދުވެސް އަމިއްލަ އަށް މަރުވުމާ ބެހޭ ގޮތުން ވާހަކަ ދައްކައި ހެދުން ނުވަތަ އެކަމާ ވިސްނުން
  • ކްލިނިކަލް ޑިޕްރެޝަން -- ފުން ހިތާމަ، ޝައުގުވެރިކަން ގެއްލުން، ނުނިދި ނުކެވި ހާލު އިތުރަށް ގޯސްވުން
  • ފުރާނަ އަށް ގެއްލުންވެދާނެ ފަދަ އަމަލުތަކަށް ދޮރު ހުޅުވައިލުން -- އެކްސިޑެންޓްވާން މަސައްކަތްކުރުން
  • ކުރިން ލޯބިވި ކަންކަމަށް ނުވަތަ ތަކެތި މަތިން ފޫހިވުން
  • އުއްމީދު ގެއްލިފައިވާ ވާހަކަ އާއި ތިމާގެ އަގެއް ނެތް ކަމަށް ގަބޫލުކޮށް ވާހަކަ ދެއްކުން
  • ތިމަންނައާ ނުލާ މިވެނި ކަމެއް ރަނގަޅުވާނެއޭ ނުވަތަ ތިމަންނަ ނެތަސް ވަރިހަމައޭ ކިޔާ ވާހަކަ ދެއްކުން
  • ފުން ހިތާމައެއްގެ ތެރޭގައި އުޅެފައި ކުއްލިއަކަށް މައިތިރިވެ އުފާވެރިކަމެއް ފާޅުކުރުން
  • މީހުންނަށް ގުޅައި ނުވަތަ މީހުންނާ ބައްދަލުކޮށް ފަހުގެ ސަލާންކުރުން

މި ސިފަތައް ފާހަގަކުރެވިއްޖެ ނަމަ ހަދާނީ ކިހިނެތް؟

މިފަދަ ސިފަތަކެއް މީހެއްގެ ކިބައިން ފާހަގަކުރެވިއްޖެ ނަމަ އެމީހަކު ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭނެ އެވެ. އެމީހަކު ދައްކަން ބޭނުންވާ ވާހަކައަކަށް ނުވަތަ ކިޔައިދޭން ބޭނުންވާ ވާހަކައެއް ކަނުލާ އަޑުއަހަން ޖެހޭނެ އެވެ. އަމިއްލަ އަށް އިސްނަގައިގެން އެ މީހަކާ ވާހަކަ ދައްކައި ވެގެން އުޅޭ ގޮތް އޮޅުން ފިލުވުން ވެސް ބުއްދިވެރިވާނެ އެވެ.

އެކަމަކު އަމިއްލަ އަށް މަރުވުމާ ބެހޭ ގޮތުން ހޫނު ބަހުސަކަށް ނުވަތަ ޒުބާކަށް ދިއުން ބުއްދިވެރިއެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހާ އަށް ވިސްނައިދޭންވީ ތިމަންނަގެ ދެ އަތް އެ މީހަކަށް ހުޅުވިފައިވާ ކަމާއި އެމީހަކު ދައްކަން ބޭނުންވާ ވާހަކައެއް އަޑުއެހުމަށް ތައްޔާރަށްހުރި ކަމެވެ. އެކަމަކު ދިރިއުޅުމުގެ އަގާއި މުހިންމުކަމާ ބެހޭ ގޮތުން މާ ސީރިއަސް ވާހަކަތަކެއް ދައްކަން ނަހަދައްޗެވެ.

އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ، ސުއިސައިޑް އެޓެމްޕްޓްކޮށްފާނެ ކަމަށް ބެލެވޭ މީހަކަށް ފަރުވާކުޑަކޮށްލައިގެންނުވާނެ ކަމެވެ. އަމިއްލަ އަށް މަރުވެދާނެ ނުވަތަ ފުރާނަ އަށް ގެއްލުން ދީފާނެ ކަމަށް ބެލެވޭ މީހާ އަކީ ސީރިއަސް މައްސަލައެކެވެ. އެފަދަ ސިފަތަކެއް މީހެއްގެ ކިބައިން ފެނިއްޖެ ނަމަ ޕްރޮފެޝަނަލް އެހީ ހޯދުމަކީ އެންމެ ބުއްދިވެރި ގޮތެވެ.