ލައިފްސްޓައިލް

ދަރިފުޅުގެ ކިބައިން ޑިޕްރެޝަންގެ އަލާމާތްތައް ދެނެގަތުން މުހިންމު

Apr 27, 2016

ފަހަރެއްގައި ބައެއް މީހުންގެ ހިތަށް އަރައިފާނެ އެވެ. ކުޑަކުދިން ޑިޕްރެސްވާންވީ ކޮންކަމަކައިގެން ހެއްޔެވެ؟ އެކަމަކު ހަގީގަތަކީ މިއީ އެހައި ފަރުވާ ކުޑަކޮށްލަންވީ މައްސަލައެއް ނޫން ކަމެވެ.

ކުޑަކުދިންނަކީ އާންމުކޮށް ނިކަން ގިނަ ވަގުތު ސަކަރާތާއި މަޖަލުގައި ހޭދަކުރާ ބައެކެވެ. މި އުފާވެރި ވަގުތުތަކުގެ ތެރެއިން އިރުކޮޅަކަށް ނުވަތަ ދެ ތިން ގަޑިއިރަށް ކުއްޖަކު ކަމަކާ ހިތްހަމަނުޖެހިގެން ދެރަވެފައި ހުއްޓައި ފެނިގެން އެ މައްސަލައެއް ފަހަރެއްގައި އެހާ ބޮޑު ކަމަކަށް ނުވެދާނެ އެވެ. އެކަމަކު އެ ހިތާމަވެރި މޫނާއި މޮޅިވެރިކަން އެ ކުއްޖެއްގެ އާންމު ދިރިއުޅުމުގައި އާންމު ކަމަކަށް ވެއްޖެ ނަމަ އެއީ ވަރަށް ކަންބޮޑުވާން ޖެހޭނެ މައްސަލައެކެވެ.

ސަބަބަކީ އާންމު ހަރަކާތްތައް ދޫކޮށް ޝައުގުވެރިވާ މަސައްކަތްތައް ދޫކޮށް ސްކޫލްގެ މަސައްކަތްތަކާއި އާއިލާއާ އެކު ހޭދަކުރެވޭ ވަގުތުތައް މަތިން ދަރިފުޅު ފޫހިވެއްޖެ ކަމުގައި ވަނީ ނަމަ އެ ފެންނަން ފަށަނީ ޑިޕްރެސިވް އިލްނެސްގެ އިޝާރާތްތަކެކެވެ.

ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހެނީ، ޑިޕްރެޝަން އަކީ ހަގީގަތެއް ކަމެވެ. ޑިޕްރެޝަން އަކީ ބައްޔެއް ކަމެވެ. އަދި ފަރުވާ ދީގެން ރަނގަޅުކުރެވޭ ބައްޔެއް ކަން ވެސްމެ އެވެ.

ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ ދަރިފުޅު ދެނެގަތުން

އެކި ކުދިންގެ މެދުގައި ޑިޕްރެޝަންގެ އަލާމާތްތައް ތަފާތުވެ އެވެ. ވަރަށް ގިނަ ފަހަރަށް ކުދިންގެ މެދުގައި ޑިޕްރެޝަން ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަައިނުގަނެވިފައި އޮންނަނީ ނުވަތަ ޑިޕްރެޝަން ހުންނަ ކުއްޖެއްގެ ކިބައިން ވެސް އެކަން ފާހަގަކުރަން އުނދަގޫވެފައި އޮންނަނީ، ކުއްޖާ ހެދި ބޮޑުވަމުން އަންނައިރު ތަފާތު އެތައް އިހްސާސްތަކަކާއި ޖަޒުބާތުތަކެއްގައި ޖެހި ނަފްސާނީ އެތައް ހަރުފަތެއް ވެސް އޭނާ ގިރާކުރަން ޖެހޭތީ އެވެ.

އާންމުގޮތެއްގައި ޑިޕްރެޝަން ހުންނަ ކުއްޖެއްގެ ކިބައިން އެކަން ދެނެގަންނަނީ އެ ކުއްޖެއްގެ ރުޅިގަދަކަމަށް ބަލައިގެންނާއި ރުޅިގަދަވެގެން ދައްކާ އަމަލުތަކުންނެވެ. ނުވަތަ ބައެއް ކުދިންނަނީ ޑިޕްރެސްވުމުގެ ސަބަބުން ވަރަށް މަޑުން ވެސް ތިބެދާނެ ކުދިންނެވެ. މޫޑް ބަދަލުވުމާއި ހިތާމައިން މޮޅިވެރިވުމަކީ ވެސް ޑިޕްރެޝަންގެ އަލާމާތްތަކެވެ.

އިތުރު ކޮން އަލާމާތްތަކެއް ހެއްޔެވެ؟

  • އަވަހަށް ރުޅި އަންނަގޮތްވުން ނުވަތަ ރުޅިގަދަވުން
  • ފުން ހިތާމައެއްގެ ތެރެއަށް ގެނބިގެން ދިއުން ނުވަތަ އުއްމީދު ގެއްލިފައިވުން
  • އެހެން ކުދިންނާ ދުރުގައި އެކަހެރިވެގެން އުޅުން
  • ބާކީކޮށްލުމުގެ ހިތްދަތިކަން ބޮޑުވުން
  • ކެއުމަށް އަންނަ ބަދަލު - ކެއުން އިތުރުވުން ނުވަތަ އާދަޔާހިލާފަށް ނުކެއުން
  • ނިދީގެ މައްސަލަ ބޮޑުވުން - ނުނިދުން ނުވަތަ މާ ގަދަ އަށް ނިދުން
  • ހަޅޭލަވައިގެން ރޮއިގަތުން
  • ކަމަކަށް ސަމާލުކަން ދިނުމުގައި ސިކުނޑި ބަލިކަށިވުން
  • މީހާގެ އަގެއް ނެތް ކަމަށް ވިސްނައި އަބަދުވެސް ނަފުސު ކުށްވެރިކުރުން
  • އަމިއްލަ އަށް މަރުވާން ވިސްނުމާއި އެގޮތަށް އަމަލުކުރުން

މިފަދަ އަލާމާތްތަކެއް އާންމުކޮށް ތަޖުރިބާކާރުން ފާހަގަކުރި ނަމަވެސް މި ހުރިހާ އަލާމާތްތަކެއް ނުވަތަ މިފަދަ އަލާމާތްތަކެއް ޑިޕްރެސްޑް ކުއްޖެއްގެ ކިބައިން ނުފެނި ވެސް ހިނގައިދާނެ އެވެ. ހުރިހާ ކަމެއް ވެސް ހާލަތާއި ވަގުތާ އަދި ތަނަކާ ގުޅިގެން އަންނާތީ އެވެ.

ޑިޕްރެޝަންގެ ނުރައްކާ ބޮޑުވަނީ ކިހާ ހިސާބަކުން؟

ކުޑަކުދިންނަށް ބަލާއިރު ޑިޕްރެޝަންގެ މައްސަލަ ބޮޑު ކަމަށް ދިރާސާތަކުން ދައްކަނީ 10 އަހަރުން ދަށުގެ ފިރިހެން ކުދިންގެ މެދުގަ އެވެ. ނަމަވެސް 16 އަހަރުން މަތީގެ އަންހެން ކުދިންގެ މެދުގައި ވެސް ޑިޕްރެޝަންގެ މައްސަލަ ވަރަށް ބޮޑު ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި އުމުރުން މަތިވާ ވަރަކަށް މައްސަލަ ގޯސްވާ ކަމަށް ވެސް ދައްކަ އެވެ.

ޑިޕްރެޝަންގެ ވާހަކަ ދައްކާއިރު ފާހަގަކޮށްލަން ޖެހޭ ވަރަށް މުހިންމު ނުކުތާއެއް މީގައި އެބައޮތެވެ. އެއީ ޑިޕްރެޝަންގެ މައްސަލަ އަކީ ފަރުވާނުކޮށް ހައްލު ނުހޯދޭނެ މައްސަލައެއް ކަމެވެ. އެހެންވީމަ މިއީ އެއްގޮތަކަށް ވެސް ފަރުވާކުޑަކޮށްލެވިގެންވާނެ މައްސަލައެއް ނޫނެވެ.