ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ހިންގާ ހުޅުމާލޭ ކޯޓުގެ ބެންޗުގެ ސައްހަކަމުގެ މައްސަލަ ހައި ކޯޓުން ބެލުމާ މެދު އަންނަ ހަތުފާގައި ގޮތެއް ނިންމާނެ ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދު ބުނެފި އެވެ.
ހުޅުމާލޭ ކޯޓުގެ ބެންޗު ސައްހަ ނޫން ކަމަށް ބުނެ ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ހައި ކޯޓުން ބެލުމާ މެދު ގޮތެއް ނިންމަނީ އެ މައްސަލައިގެ ދައުވާލިބޭ ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނެގި އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ. ޖޭއެސްސީން ނެގި ނުކުތާގައި ބުނެފައިވަނީ ހުޅުމާލޭ ކޯޓުގެ ބެންޗު އެ ކޮމިޝަނުން ކަނޑައެޅީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށާއި އެ ކޯޓުގެ ލަފާގެ މަތިން ކުރާ ކަމެއްގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް އެ އިޖްރާއީ ނުކުތާއާ މެދު ވާހަކަ ދައްކައި ނިމުމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ ނުކުތާއާ މެދު ގޮތެއް ނިންމުން ކަމަށެވެ. އަދި އެ އަޑުއެހުން އަންނަ ހަފުތާގައި އޮންނާނެ ކަމަށް ފަނޑިޔާރު އައްބާސް ވިދާޅުވި ނަމަވެސް ވަކި ދުވަހެއް ވިދާޅެއް ނުވެއެވެ.
އެ ނުކުތާއާ ގުޅިގެން ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ބެންޗް ކަނޑައެޅުމުގައި ސުޕްރީމް ކޯޓުން ދީފައިވާ ލަފައެއް ކަމަށް ބުނެ ޖޭއެސްސީން ހުށަހެޅި ސިޓީއަކީ ޖުޑިޝަލް ކައުންސިލްގެ ނިންމުމެއް ކަމަށެވެ. އަދި އެ ސިޓީ ސުޕްރީމް ކޯޓުގެ ލެޓާހެޑްގައި އޮތީ ޖުޑިޝަލް ކައުންސިލަކީ ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ތަނެއް ކަމަށް ވާތީ ކަމަށް އަފީފް ވިދާޅުވި އެވެ.
އަފީފް ވިދާޅުވި ގޮތުގައި ޖުޑިޝަލް ކައުންސިލަކީ ޝަރުއީ ނިންމުންތައް ނިންމުމުގެ ބާރު އޮންނަ ތަނެއް ނޫން ކަމަށެވެ. އެހެންވެ ހުޅުމާލޭ ކޯޓުގެ ބެންޗަކީ އެ ކައުންސިލްގެ ލަފާގެ މަތިން އުފައްދާފައި އޮތް ބެންޗަކަށް ވާތީ އެ މައްސަލަ ހައި ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް އަފީފް ވިދާޅުވި އެވެ.
ނަޝީދުގެ ވަކީލުންނަށް ރައްދު ދެއްވައި، ޖޭއެސްސީގެ ވަކީލް ވިދާޅުވީ އެ ކައުންސިލަކީ ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ތަނަކަށް ވާތީ އެ ލަފައަކީ ސުޕްރީމް ކޯޓުގެ ލަފައަކަށް ވާނެ ކަމަށެވެ. އަދި އެ ސިޓީއަކީ ސައްހަ ސިޓީއެއް ކަމަށް ޖޭއެސްސީގެ ވަކީލް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ނަޝީދުގެ ވަކީލުން ވަނީ ހުޅުމާލޭ ކޯޓުގައި އާ ބެންޗެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ހައި ކޯޓުގައި އެދިފަ އެވެ. ނަޝީދުގެ ވަކީލުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޝަރީއަތުގެ މަޖިލީހުގައި އެ އަމުރަށް އެދޭށެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ވަގުތީ އަމުރަށް އެދެންޖެހޭނީ އާންމު އުސޫލުގެ ދަށުން އެކަމަށް ވަކި ފޯމެއް ފުރިހަމަ ކުރުމަށް ފަހު ކައުންޓަރަށް ހުށަހަޅައިގެން ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގެ އެ އަމުރަށް އެދުމަށް ނަޝީދުގެ ވަކީލުން ތަކުރާރުކޮށް މަސައްކަތް ކުރެއްވި ނަމަވެސް ފަނޑިޔާރުން ވިދާޅުވީ އެ ފުރުސަތު އެގޮތަށް ނުދެއްވޭނެ ކަމަށެވެ. އަދި އާންމު އުސޫލުގެ ދަށުން ކައުންޓަރަށް އެ ފޯމް ހުށަހެޅުމުން އެ އަމުރާ މެދު ފަނޑިޔާރުން ގޮތެއް ނިންމާނެ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ދޮޅު އަހަރު ކުރިން ވެސް ހައި ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. އޭރު އެ މައްސަލަ ކުރިއަށް ގެންގޮސްފައި ވަނިކޮށް ހައި ކޯޓުގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ސަސްޕެންޑް ކުރުމާ ގުޅިގެން އެ ޝަރީއަތް ވަނީ މަޑުޖެހިފަ އެވެ. މިއަދުގެ އެ މައްސަލައިގެ އަޑުއެހުންތައް އަލުން ފެށީ އާ ބެންޗަކާ އެކުގަ އެވެ.
ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ދައުވާ ކޮށްފައި ވަނީ ވެރިކަމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަަލައިގަ އެވެ. އެ މައްސަލާގައި ކޮށްފައި ވަނީ ކުށެއް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ހައްޔަރު ކުރުމުގެ ދައުވާ އެވެ.