ރާއްޖެ ކުޅިވަރު

ދިވެހި ފުޓްބޯޅައިގެ ފިޔަގަނޑު ހުޅުވާލެވޭނީ ކޮންއިރަކުން؟

Apr 27, 2016
8

އެޑިޓަރުގެ ނޯޓް: އަޙްމަދު ތާރިޤް (ޓޮމް) ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. ނިއުރޭޑިއަންޓާއި ރާއްޖޭގެ ގައުމީ ޓީމަށް މޮޅަށް ކުޅެ ގިނަ ކާމިޔާބީތައް ކްލަބަށާއި ގައުމަށް ހޯދައިދީނެވެ. ފުޓްބޯޅައިގައި ގޯލްޖެހުމަށްފަހު އޭނާގެ ގެންގުޅުނު ފިޔަގަނޑު ހުޅުވައިލުމުގެ ސެލެބްރޭޝަން ވެފައި ވަނީ ރާއްޖޭގެ ފުޓްބޯޅަގެ ސެލެބްރޭޝަން ބްރޭންޑަކަށެވެ. ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު ޓޮމްއަކީ ރާއްޖޭގެ ފުޓްބޯޅައަށް މަތީ ފެންވަރަށް އުފުލަމަށް އަބަދުވެސް ވާހަކަ ދައްކަވާ ބޭފުޅެކެވެ. ދިވެހި ފުޓްބޯޅަ ތަރައްގީ ކުރަން ކުރަންޖެހޭ މަސައްކަތް ހަރުދަނާ ކުރުމަށް އޭނާއަށް ފެންނަ ބައެއް ކަންކަން އަބަދު ވެސް ފާހަގަ ކުރައްވަ އެވެ. މިއީ އެފަދަ ބައެއް ކަންކަން ފާހަގަ ކުރައްވާ ޓޮމް "އަވަސް" އަށް ލިޔުއްވާފައިވާ ލިޔުމެކެވެ. ޝާއިއުކޮށްފައި މިވަނީ ޓޮމްގެ ލިޔުއްވުމަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލަ އެވެ. --


ފާއިތުވެ ދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން އެފްއޭއެމުން ފުރަތަމަ ޑިވިޝަންގެ ކުލަބުތަކާއެކު ބޭއްވި ބައްދަލުވުމެއްގައި، މަހިބަދޫ ސްޕޯޓްސް ކުލަބުގެ އޮފިޝަލެއްގެ ގޮތުން އަޅުގަނޑު ބައިވެރިވީމެވެ. ބައްދަލުވުމުގައި ފުޓްބޯޅަ އިދާރާ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ތިއްބެވި އެންމެ އިސްފަރާތްތައް މައުލޫމާތު ދެމުން ދެއެވެ. ކުލަބުތަކުން މާބޮޑު ބަހެއް ނުބުނެއެވެ. ބައްދަލުވުމުގެ ކުރިން އެހެން ކުލަބުތަކުގެ މަންދޫބުންނަށް ދެމުންދިޔަ މަޢުލޫމާތު އެނގެނީ ކަމަށްވެސް ވެދާނެއެވެ. ނޫނީ، މާލީ ގޮތުން ގާހަކަ ދުވެލީގައި ތިބި ކުލަބުތަކުގެ ސްޕީޑް ބާރުވާނެ ކަމުގެ އުއްމީދާއެކު ތިބެވުނީއެވެ.

"ހައްދަވަން ވީ ގޮތަކީ ޖާޒީ ނަމްބަރާއި ދިމާ މަތީގައި ނިއުރޭޑިއަންޓުން ހެންވޭރު ޖަހާދެންވީ، އެގޮތުން ކޮންމެ ކުލަބަކުން އެ ކުލަބު ނިސްބަތްވާ އަވަށެއް ޖަހާނީ، އޭރުން ސަޕޯޓަރުން އަވަށު ފޯރީގައި އައިސް ދަނޑަށް ވަންނާނެ" އެފްއޭއެމްގެ އޭރުގެ ވަގުތީ ރައީސް ވިދާޅުވިއެވެ.

ފުޓްބޯޅަ ސީޒަންފެށިގެން ދިޔައީ ނިއުރޭޑިއަންޓުން ހެންވޭރު، މާޒިޔާއިން މާފަންނު ޓީމުގެ ގޮތުގައެވެ. އަދި އެހެން ޓީމުތައްވެސް ހަމަ އެބީދައިން އަވަށް ތަކުގެ ޓީމުތަކުގެ ގޮތުގައެވެ. ގިނަބަޔަކަށް ދަނޑަށް ވަނުމުގެ ފުރުސަތު ދިނުމުގެ ގޮތުން ލީގުގެ ފުރަތަމަ ބުރުގައި ދަނޑަށް ހިލޭ ވަދެވޭގޮތްވެސް ހަމަ ޖެހިގެންދިއެވެ. އުއްމީދުކޮށްގެން ހުރެވުނީ ފުޓްބޯޅަ އުޖާލާވާނެ ކަމަށެވެ. ނަމަވެސް، ލީގުގެ ދެތިން މެޗް ބަލާލަން ދަނޑަށް ވަދެފައި ދެރަވެސްވިއެވެ. ވާދަވެރި މާޒިޔާއާއި ނިއުރޭޑިއަންޓް ކުޅޭ މެޗާއި، މަހިބަދޫއާއި ބީޖީ ކުޅޭ މެޗެކޭ ސަޕޯޓަރުންގެ ނިސްބަތުން ތަފާތެއް ނެތެވެ. ދުއިސައްތައެއްހާ މީހުންވެސް ހަމަ ނުވެއެވެ. އެފްއޭއެމުން ބޭއްވި ބައްދަލުވުމުގައި އަޅުގަނޑަށް ފެންނަ ހިޔާލުވެސް ދިނީމެވެ. ތިގޮތަށް މީހުން ދަނޑަށް ވަންނާނެކަމަށް ނުދެކޭކަމަށާއި، ކުލަބު ފުޓްބޯޅައިގެ ފޯރި ދަށަށްދިޔަ ސަބަބުތައް ނުހޯދައި، މައްސަލަ ޙައްލުވާނެ ކަމަށް ނުދެކޭކަމަށް ބުނީ ދިވެހި ފުޓްބޯޅައިގެ ކުރިމަގު އުޖާލާވާން ހިތާއި ރޫޙުން އެދޭތީއެވެ.އއެ

ފުޓްބޯޅައިގެ މާސްޓަރ ޕްލޭން އެކުލަވާލުން

ދިވެހި ފުޓްބޯޅައިގެ މިސްރާބާއި، ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި، އެ ލަނޑުދަނޑިތައް ޙާސިލް ކުރާނެ ގޮތުގެ ތަފްސީލީ ޕްލޭން އެކުލަވާނުލައި ކުރިއަށް ދިއުމަކީ ހުންގާނު ބިންދައިގެން ގޮސްފައިވާ ރިޔަލު ދޯންޏެއްގެ މިސާލެވެ. އެ ދޯނިދާނެ މިސްރާބު ކެޔޮޅުމީހާއަކަށް ކަނޑައަޅާކަށް ފަސޭހައެއް ނުވާނެއެވެ. ދުވާނީ އަބަދުވެސް ފައްސެއަށެވެ. ދޯނީގައި ހުރި ހަރުމުދާ އިޚުތިޔާރުން ބޭރުން ކަނޑަށް އުކާވެސް ލާނެއެވެ. ދިވެހިފުޓްބޯޅައިގެވެސް ހާލަތަކީ މިއަދު މިއެވެ. ދާނެ މިސްރާބެއް ނެތެވެ. ނިންމާ ނިންމުންތަކުގެ ނަތީޖާއަކާމެދު ފަރުވާލެއް ނެތެވެ. އެ ސީޒަނެއްގައި ކުޅޭނެ މެޗްތަކުގެ އަދަދާއި، މުބާރާތުގެ އަދަދު ކަނޑައެޅިގެންދަނީ، ހައިބޮޑުވެފައި ހުންނަ މީހަކަ ތައްޓަށް ބަތް އަޅާ އުސޫލުންނެވެ. ދެފަހަރު އަޅައިގެން ނުފުދިއްޖެނަމަ ތިންވަނަ ބުރަށް އަޅައެވެ.

ހާލަތު ވަޒަންކޮށް ދެނެގަތުން

ދިވެހިފުޓްބޯޅައިގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުޙިއްމު މަސައްކަތެވެ. އެންމެ ފުރަތަމަ ކަމަކަށް، ފުޓްބޯޅަ މިހާރު އޮތް ހާލަތު ވަޒަންކުރުމުވެ. މައްސަލަތައް ހުރިދާއިރާތައް ހޯދުމާއި، މާކެޓް ދިރާސާ ކުރަން ބޭނުންވާ މަޢުލޫމާތު އެއްކުރުމުވެ. ފުޓްބޯޅައިގެ ފޯރި ދަށަށްދާން ދިމާވި ސަބަބުތަކާއި، ކުޅުމުގެ ވައްޓަފާޅިއާއި، ސަރަޙައްދުގެ ފުޓްބޯޅައާއި، އޭޝިޔާގެ ފުޓްބޯޅައިގެ މައިދާނުގައި ދިވެހިރާއްޖެ އޮތް ހިސާބު ބެލުމެވެ. މިގޮތުން، މިހާރުގެ ޙާލަތު ވަޒަންކުރުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި، ރާއްޖޭންބޭރުގެ ކޮންސަލްޓަންޓުންގެއެހީގައި ދިރާސާނިންމައި، އެ ދިރާސާގެ މައްޗަށް ބިނާކޮށް، ދާންވީ މިސްރާބުތަކާއި، ޙާސިލްކުރާނެ ލަނޑުދަނޑިތައް ކަނޑައެޅުން މޮޅު އިތުރުވެގެންވެއެވެ.

ފިލޯސަފީ

ދިވެހިން އުފެދުމުގައި އިސްކޮޅާއި، ސްޕީޑާއި އަދި ހަށިގަނޑުގެ ސްޓްރެންތު ފަދަ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ދިވެހިންކުޅޭނެ ފުޓްބޯޅައިގެ ފިލޯސަފީ ކަނޑައެޅުމުގައި ބޭރުގެ ކަމާއިބެހޭ ފަންނީ މާހިރުންގެ ލަފާހޯދުމާއި، އެ ލަފާގެ މައްޗަށް ބިނާކޮށް ޕްލޭންތައް އެކުލަވާލަން ޖެހެއެވެ. ދިރާސާ ކުރަންޖެހެނީ ދިވެހިންގެ ހުނަރުގެ އެންމެ ބޮޑަށް ބޭނުން ކުރެވޭނީ ކޮން ފަލްސަފާއެއްގެ މައްޗަށް ކުޅުންތެރިން ތަމްރީނުކޮށްގެން ތޯ ބެލުމަށެވެ. އެފްރިކާގެ ޤައުމުތަކުގެ ކުޅުންތެރިން ކުޅޭ ފިޒިކަލް ފުޓްބޯޅައާއި، ސްޕޭންގެ ޓިކީ ޓަކާ ފުޓްބޯޅައިގެ ޕްލޭންތައް ހާސްބައި ތަފާތެވެ.

ކޯޗާސް ޑިވެލޮޕްމަންޓް

ކޯޗުން ތަމްރީނު ކުރާނެ ގޮތްތަކާއި، ކޯޗުން އިތުރަށް ތަރައްޤީކޮށް ތަމްރީނު ދެވޭނެ ގޮތްތަކަކީވެސް މާސްޓަރ ޕްލޭނުގައި ހިމެނެންޖެހޭ މުހިއްމު ބައެކެވެ. ރާއްޖޭން ބޭރުން ސްކޮލަރޝިޕް ހޯދައިދިނުމާއި އިތުރު ތަމްރީން ޕްރޮގްރާމްތަކުގައި ފޮނުވަންޖެހެއެވެ. މުޅިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުޓުބޯޅަ އިދާރާ ޤަބޫލް ކުރާ ފެންވަރުގެ ކޯޗުންތަމްރީންކޮށް އެ ފަރާތްތަކަށް ލައިސަންސް ލިބޭނެ މަގު ފަހިކޮށްދިނުމާއި، ތަމްރީނު ކުރެވޭ ކޯޗުންނަށް ފުޓްބޯޅަ މައި އިދާރާގެ ޓެކްނިކަލް ޑިޕާޓްމަންޓްގެ އިރުޝާދު އަބަދުވެސް ލިބިގެންދާނެ ދޮރުތައް ހުންނަންވާނެއެވެ. ނަތީޖާއަކަށް ވާންވާނީ، ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުޑަކުދިންނާއި އުމުރު ފުރާގެ ޓީމުތަކުގެ ޕްރެކްޓިސްތައް ދަނީ ކޮލިފައިޑް ކޯޗުންގެ އިރުޝާދުގެ ދަށުންކަމާއި، އެފް.އޭ.އެމް ގައިޑްލައިނާ އެއްގޮތަށް ކަމެވެ.

ހުނަރުވެރި ކުޅުންތެރިން ހޯދުމާއި ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުން

ޤަބޫލް ކުރައްވަންތޯއެވެ. ދިވެހިރާއްޖޭގެ ސީނިޔަރ ޤައުމީޓީމްގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނަކީ ދިވެހިރާއްޖޭގައި ތިބި އެންމެ ހުނަރުވެރި 25 ކުޅުންތެރިންނަށް ނުވުމުގެ ފުރުސަތު ބޮޑެވެ. ދިވެހިރާއްޖޭގެ ޤައުމީ ސްކޮޑް އެކުލަވާލެވެނީ އެ ވަގުތެއްގައި ފުރަތަމަ ޑިވިޝަންގައި ކުޅޭ ކުޅުންތެރިންގެ ތެރެއިންކަމަށް ވެފައި، ތަފާތު ސަބަބުތަކާއިހުރެ، ފުރަތަމަ ޑިވިޝަންގައި ކުޅުމުގެ ފުރުސަތު ނުލިބި، ނުވަތަ ހުނަރު ފާހަގަ ނުކުރެވި ހުރި ކުޅުންތެރިން ތިބުމަކީ އެންމެ އެކަށީގެންވާ ކަމެކެވެ. ވުމާއެކު، ހުނަރުވެރި ކުޅުންތެރިން ޅަ އުމުރުފުރާގައި ދެނެގަންނާނެ ގޮތްތަކަކާއި، އަދި އެފަދަ ހުނަރުވެރި ކުޅުންތެރިން ޤަވާއިދުން ތަމްރީނު ކުރާނެ އުސޫލުތަކެއް އެކަށައަޅައި، އެ ގޮތުގެ މަތީން ތަމްރީން ދެވޭނެ ގޮތްތައް ހޯދަންޖެހެއެވެ. ދިވެހިރާއްޖޭގެ ހުނަރުވެރި ކުޅުންތެރިން އުފެދޭ ރަށްރަށާއި އަވަށްތަކަށް އިތުރަށް ސަމާލުކަންދީ، އުފެދޭ ހުނަރުވެރި ކުޅުންތެރިން ޕްރޮފެޝަނަލް ފުޓްބޯޅައަށް ނުކުތުމަށް ހިތްވަރު ދޭނެ ގޮތްތަކަށް ހޯދަން ޖެހެއެވެ. ނަތީޖާއަކަށްވާނީ، ޤައުމީ ފުޓްބޯޅަ ޕޫލްއަށް ހުނަރުވެރި ގިނަ ކުޅުންތެރިންލިބި، ދިވެހި ޤައުމީ ސްކޮޑް ވަރުގަދަ ވެގެން ދިއުމެވެ.

މުބާރާތްތަކުގެ ތާވަލާއި، އިންފްރާސްޓްރަކްޗާ ތަރައްޤީކުރުން

މުބާރާތްތަކުގެ ތާވަލްތަކާއި ބާއްވާނެ މުބާރާތްތަކުގެ އަދަދުތަކަކީވެސް ކަނޑައެޅި ބަޔާންކޮށްފައިވާ ކަންކަމަށް ވާންވާނެއެވެ. ފުޓްބޯޅައިގެ ރީޖަނަލް އިދާރާ ތަކުގެ ޝަރުތަކަށް ވަނީ 10 މަސްދުވަހު ފުޓްބޯޅަ ކުޅުމެވެ. ވުމާއެކު، ދިވެހިރާއްޖެއަށް އެންމެ ފައިދާވާނެ، ގިނަ ބަޔަކު ޝާމިލް ވާނެ ގޮތަށް ދިވެހިރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރު ބައްޓަން ކުރުމާއި، ރަށްރަށުގެ ވާދަވެރިކަމުގައި ފުޓްބޯޅައިގެ ފޯރި އިތުރުކުރާނެ ގޮތްތަކެއް ކަނޑައަޅަންވާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގައި ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ހޯދާނެ ގޮތްތަކާއި، ފީފާގެ ގޯލް ޕްރޮޖެކްޓް ފަދަ ޕްރޮޖެކްޓުން އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރާނެ ޕްލޭނެއް އެކުލަވާ ލާފައި އޮންނަންވާނެއެވެ.

ޓެކްނޮލޮޖީއާއި ސްޕޯޓްސް ސައިންސް

ދުނިޔޭގެ ތަފާތު ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުޅުންތެރިން ކުރިއަރަމުންދާ ދިއުން ބަލާއިރު، ދިވެހިރާއްޖެއަށް އެންމެ ކަމުދާ ޓެކްނޮލޮޖީއެއް އެކަށައަޅައި، ޒުވާން ކުޅުންތެރިންގެ ޕްރޮފައިލްތައް ބަރާބަރަށް ބަލަހައްޓަމުން ގެންދެވޭނެ ގޮތަށް ފުޓްބޯޅަ އިދާރާގެ އިދާރީ ހިންގުން ވަރުގަދަ ކުރުން ބޭނުން ތެރިއެވެ. ހަމައެއާއެކު، ފުޓްބޯޅަ ކުޅުންތެރިންގެ ޑާޓާ ބޭސްއެއް ހަދައި، އަޕްޑޭޓްކުރަމުން ގެންދަންޖެހެއެވެ. މީގެ އިތުރުން، ފުޓްބޯޅައިގެ އިދާރާގެ ސްޕޯޓްސް ކުލިނިކު އިތުރަށް ތަރައްޤީކޮށް، ކުޅުންތެރިން އަވަހަށް ރިހިބިލިޓޭޓް ކުރެވޭނެ ގޮތްތައް ރޭވިފައި ހުންނަންވާނެއެވެ. ހަމައެއާއެކު، ދުނިޔޭގެ ސްޕޯޓްސް ސައިންސް އިދާރާތަކުގެ މެމްބަރަކަށްވެ، އެތަންތަނުގެ އެކްސްޕާޓުންގެ ފަންނީ ލަފާހޯދުމަކީވެސް ބޭނުންތެރިކަމެކެވެ.

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މާސްޓަރ ޕްލޭންއެއް އެކުލަވާލެވޭނީ، ފުޓްބޯޅަ އާއިލާގެ ހުރިހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާއާއި އެކުކަމަށް ޤަބޫލުކުރެވޭ ހިނދު، ގިނަބަޔެއްގެ ޚިޔާލު މިކަމުގައި ބޭނުންކުރުމަކީ މިފަދަ ޕްލޭންއެއް ކާމިޔާބު ކުރަން ބޭނުންތެރި މުހިއްމު ކަމެކެވެ. ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތާއި އަދި ދިވެހިރާއްޖެއަށް މިފަދަ ޕްލޭނެއްގެ ބޭނުންތެރިކަމާބެހޭ ގޮތުން، ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކާމިޔާބު ކޯޗް މައުރޫފް އަޙްމަދު (މާއްޓޭ) އާއެކު ބަދަލު ކުރެވުނު ޚިޔާލުތަކުގެ ތެރެއިން މާއްޓޭގެ ވިދާޅުވި އެވެ. " ޓޮމް، ޖޯން ކްރައިފްގެ ދަނބިދަރިފުޅު ޓޮޑް ބީން ގެ އިންޓަވިއު ކިޔާލާބަލަ، ވަރަށް އިންޓްރަސްޓިންވާނެ" ޓޮޑް ބީން އަކީ ޖޯން ކްރައިފްއާއެކު ސާދަ އަހަރު އެއްކޮށް މަސައްކަތްކޮށްފައިވާ، 'ކުރައިފް ފުޓްބޯލް'ގެ ކޯ ފައުންޑަރ މެމްބަރެވެ. ދުނިޔޭގެ ފުޓްބޯޅައަށް އިންޤިލާބެއް ގެނުވި ޖޯން ކްރައިފްގެ ކޮންސަލްޓެންސީ ފާރމް ފަދަ ފާމްއެއްގެ އެހީއާއެކު ދިވެހި ފުޓްބޯޅައިގެ ފިޔަގަނޑު ހުޅުވާ ނުލެވޭނެތޯއެވެ؟