ހަބަރު

ރާއްޖެ ފުދުންތެރި ގައުމަކަށް ވުމުން ލާމަރުކަޒީ ނިޒާމު ކާމިޔާބު ވާނެ: އަދީބު

Feb 3, 2015
1

ފުދުންތެރި ގައުމަކަށް ރާއްޖެ ވުމުން ލާމަރުކަޒީ ނިޒާމު ރަނގަޅަށް ހިނގައިގަނެ ކާމިޔާބު ވާނެ ކަމަށް، ވަގުތީ ގޮތުން ހޯމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އިންސްޓިޓިއުޓް އޮފް ގަވާނެންސް އެންޑް ޑިވެލޮޕްމެންޓްސް އިން ކައުންސިލަރުންނަށް ހާއްސަކޮށްގެން ހިންގި ޑިވެލޮޕްމަންޓް މެނޭޖްމެންޓް ސެޓްފިކެޓް ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ މިއަދު ފެންނަ މަންޒަރަކީ ފަރުތަކާއި ގިރިތައް ބޭނުން ވެގެން ކައުންސިލްތަކާއި ސަރުކާރު އަދި މުއައްސަސާތައް ވެސް ތަޅާފޮޅާތަން ކަމަށެވެ. އަދި އެގޮތަށް ދިމާވަނީ ރާއްޖޭގައި ހުރި ވަސީލަތްތައް މަދުވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެ ތަރައްގީ ކުރަން ކަމަށާއި އެކަމުގެ ތެރެއިން ގިނަ ވަސީލަތްތަކެއް ހޯދާ ރާއްޖެ ފުދުންތެރި ގައުމަކަށް ހެދޭނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމު ހިންގުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވަސީލަތްތައް މަދުވުން، އަޅުގަނޑު ގަބޫލުކުރަނީ ގައުމު ފުދުންތެރި ގައުމަކަށްވެ ތަރައްގީވެގެން ދާއިރު މިކަންތައްތައް ހަމަޖެހިގެންދާނޭ. މި ނިޒާމަކީ އިރާދަ ކުރެއްވިއްޔާ ކާމިޔާބު ނިޒާމަކަށް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ގޮތުން، ޓުއަރިޒަމްގެ ދާއިރާގެ ބައެއް މަސައްކަތްތަކަށް ހުއްދަ ދޫކުރުމުގެ މަސައްކަތް ކައުންސިލްތަކާ ހަވާލު ކުރަން ޓުއަރިޒަމްގެ އާ މާސްޓާ ޕްލޭންގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ރަށް ރަށުގައި ގެސްޓް ހައުސްތައް ހެދުމުގެ ހުއްދަ ދޭނީ އެ ރަށެއްގެ ކައުންސިލުން ކަމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގެސްޓް ހައުސް ހަނދާ ބިންތައް ކަނޑައަޅަނީ މިހާރު ވެސް ކައުންސިލުން ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ކައުންސިލްތައް ބާރުވެރި ކުރުވަން ކުރަމުން އަންނަ މަސައްކަތްތައް. މި ސަރުކާރުން މި އަންނަނީ އެކަމަށް މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ލޯކަލް ގަވަނެންސާ ގުޅޭ ގޮތުން މީހުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ އެ ކޯހުގައި 31 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ. މީގެ ކުރިން ވެސް ކުރިއަށް ގެންގޮސްފައިވާ އެ ކޯހުގައި މިހާތަނަށް 800 އަށް ވުރެ ގިނަ ފަރާތުން ތަމްރީން ހޯދާފައިވެ އެވެ.