ރައީސް އަބްދުﷲ ޔާމީން

އެވޯޑާއެކު މާލެ ވަޑައިގަތުމުން ރައީސަށް ހޫނު މަރުހަބާއެއް!

އިންޑިޔާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލް ކަލާމްގެ ހަނދާނުގައި އިންޑިޔާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އިން ދޭ "ޑރ. ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވަނަންސް 2016" އެވޯޑާއެކު ރައީސް އަބްދުﷲ ޔާމީން މިރޭ ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އެވޯޑާއެކު ރައީސް ޔާމީން މިއަދު މާލެ ވަޑައިގެންނެވިއިރު، އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދަށް އެމަނިކުފާނަށް ސަޕޯޓްކުރާ ގިނަ ބަޔަކު ވަނީ އެއްވެފަ އެވެ. އަދި ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ސަރަހައްދަށް ވަޑައިގެން ތިއްބެވި އެވެ.

މާލެ ވަޑައިގަތުމުން ރައީސް ޔާމީނަށް އިއްޒުއްދީން ފާލަމުން މަރުހަބާ ދަންނަވާފައިވަނީ، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމާއި އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޕީޕީއެމްގެ މަޖިލިސް މެންބަރު ރިޔާޒު ރަޝީދެވެ. ރައީސް ވަނީ އެ ސަރަހައްދުގައި ތިބި އާންމުންނާ ބައްދަލުކޮށް ސަލާމްކުރައްވާފަ އެވެ.

ރައީސް މަރުހަބާ ދެންނެވުމަށް ފާލަން ސަރަހައްދުގައި ކުރިއަށް ގެންދިޔަ ކުލަގަދަ ރަސްމިއްޔާތުގައި މޯލްޑިވިއަން އައިޑޮލްގެ ހިމެނުނު އަމާން އާއި ސޯދިގު އަދި އަޒްލީމާ ވަނީ ލަވަ ހުށަހަޅައިދީފަ އެވެ. މީގެ އިތުރުން ބޮޑުބެރުގެ ހުށަހެޅުންތައް ވެސް ވަނީ ހުށަހަޅައިދީފަ އެވެ.

ރައީސް ޔާމީނަށް ކަލާމް އެވޯޑް އެރުވި އިރު ބަލާފައިވަނީ އެ މަނިކުފާނު ރާއްޖެ ކޮށްދެއްވާފައިވާ ހިދުމަތްތަކަށާއި ރާއްޖެ ހިންގެވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށެވެ.