އަލަށް ކައިވެނިކުރާ ކޮންމެ ދެމަފިރިއަކަށް ފްލެޓެއް ލިބޭ ވާހަކަ ދައްކާނީ އެއަށް ފަހު އެވެ. އެންމެ ފުރަތަމަ ވެސް، ކައިވެނިކުރަން އެންމެ ރަނގަޅު އުމުރަކީ ކޮބައިތޯ ބަލައި، އެ ހިސާބުން ފަށައިގަންނަމާ ހިނގާށެވެ. ސަބަބަކީ ސައިންސާއި ތަޖުރިބާކާރުންގެ ވާހަކައިގައި ނަމަ ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުން ދިގު މުއްދަތަކަށް ދެމިގެން ދިއުމުގެ ފަހަތުގައި އެންމެ މުހިންމު ރޯލެއް ކުޅޭ އެކައްޗަކީ ކައިވެނިކުރާ ދެ މީހުންގެ އުމުރެވެ.
އެހެންވީމަ ފްލެޓް ލިބޭ ތަނުން ދެ މީހުން ވަރިވެއްޖެ ނަމަ އެކަންވާނީ ގައުމީ ބޮޑު މައްސަލައަކަށް ނޫން ހެއްޔެވެ؟ ސައިންސްވެރިން ބުނަނީ ކީކޭތޯ ބަލައިލަމާ ހިނގާށެވެ.
ފަހުގެ ދިރާސާތަކުން އަދި ތަޖުރިބާކާރުންގެ ވާހަކަތަކުން ވެސް އެންމެ ރަނގަޅު އުމުރެއް ކަމަށް ދައްކަނީ 28 އަހަރާއި 32 އަހަރާ ދެމެދެވެ. ކައިވެނީގެ ފުރަތަމަ ފަސް އަހަރު ދެ މީހުންގެ ގުޅުން ހަރާބުވެ ދެ މީހުން ވަރިވާން ބޭނުން ނުވަނީ ނަމަ 28 އަހަރާއި 32 އަހަރާ ދެމެދުގެ ހިސާބެއްގައި ކައިވެނިކުރުން ވަރަށް ވެސް ބުއްދިވެރި ކަމަށް ދިރާސާތަކުން ދައްކަ އެވެ.
މިއީ ހަމައެކަނި ސްޓެޓިސްޓިކްސްތަކެކެވެ. މީގެ ނަތީޖާ ކޮންމެހެން އަމިއްލަ މީހާގެ ހަޔާތުގެ ވާހަކައާ ދިމާވާކަށް އަދި ނުޖެހެ އެވެ. އެހެން ނުވެ ވެސް ހިނގައިދާނެ އެވެ.
އެހެންވީމަ، އުމުރުން 32 އަހަރުން މައްޗަށް ގޮސް އަދިވެސް މީހަކާ ނީދެ ތިބި މީހުން އެއްގޮތަކަށް ވެސް ރުޅިގަދަވާނެ ކަމެއް ނެތެވެ.
ހަމަ ބުއްދި ލިބޭ ހިސާބަކީ އެއީ!
ސައިންސްގެ ވާހަކަ އަކީ މިއީ އެވެ. ފުރާވަރަކީ އެންމެ ކޫސަނި ލޯބީގެ ވާހަކަތައް އަހަރެމެންގެ ހަޔާތަށް އުފަންކުރުވާ ހިސާބެވެ. އެކަމަކު 20 އަހަރުން މައްޗަށް ދިއުމުން ނުވަތަ 30 އަހަރުން މައްޗަށް ދާ ހިސާބުން ތިމާގެ ވިސްނުމާއި ފިކުރަށް ލޯބީގެ އަސަރުކުރާ ގޮތް ވަރަށް ބޮޑަށް ތަފާތުވެގެންދެ އެވެ.
ވަކިން ހާއްސަކޮށް އުމުރުން 28 އަހަރާއި 32 އަހަރާ ދެމެދުގެ އުމުރުގައި މީހުން ލޯބި ސިފަކުރާ ގޮތް ތަފާތެވެ. ދެ މީހަކަށް އެކުގައި އުޅެވިދާނެކަން އަމިއްލަ އަށް ދިރާސާކޮށްލުމުގެ ގާބިލުކަމާއި މީހަކާ އެކު ފޫހިނުވެ އުޅެވިދާނެކަމުގެ އިހްސާސް ވެސް އެންމެ ރަނގަޅަށް މި ހިސާބުގައި ކުރެވޭނެ އެވެ. މިއީ ލޯބީގައި ކަނުކޮށްލާ ޒާތުގެ ހޯމޯންސްތަކުން ވެސް ސިކުނޑި ފުދޭވަރަކަށް މިިވަންކޮށް ތާޒާކޮށްލާ ހިސާބަކަށްވީމަ އެވެ.
އަނެއްކޮޅުން އުމުރުން 28 އަހަރަކީ ވަރަށް ގިނަ މީހުން ޒިންމާދާރު މީހުންނަށް ބަދަލުވާ ހިސާބެވެ. ވަޒީފާއެއް ހޯދައިގެން އަމިއްލަ ފައި މައްޗަށް ތެދުވެ ދިރިއުޅުމުގެ ހަގީގީ ބުރަ އިހްސާސްކުރެވެން ފަށާ ހިސާބަކީ އަސްލު މިއީ އެވެ. އެހެންކަމުން ދިރާސާކުރާ ފަރާތްތަކުން ބުނަނީ މިއީ ކައިވެންޏެއް ފަށަން ވިސްނާ ނަމަ އެންމެ ބުއްދިވެރި ހިސާބު ކަމަށެވެ.
މީގެ އިތުރުން 32 އަހަރުން މައްޗަށް ނުދިއުން ވެސް ވަރަށް މުހިންމުވެ އެވެ. ވަކިން ހާއްސަކޮށް ދަރިން ހޯދައިގެން އާއިލާއެއް ބޮޑުކުރުމަށް ވިސްނާ ދެ މީހަކު ނަމަ އުމުރުން މާ ދުވަސްވަންދެން މަޑުކޮށްގެން ނުވާނެ އެވެ.