ސީރިޔާ

ސީރިޔާގެ ހޮސްޕިޓަލަކަށް ދިން ވައިގެ ހަމަލާގައި 16 މީހަކު މަރުވެއްޖެ

ސީރިޔާގެ އަވަށެއް ކަމަށްވާ އެލެއްޕޯގެ ހޮސްޕިޓަލަކަށް ނުރައްކާތެރި ވައިގެ ހަމަލާއެއް ދީފިއެވެ. ސީރިޔާގެ ސަރުކާރު ކޯލިޝަނުން ދިން ވައިގެ ހަމަލާގައި 16 މީހަކު ވަނީ މަރުވެފަ އެވެ.

އެލެއްޕޯގައި ހުންނެވި އޮފިޝަލަކު ވަނީ ސަރުކާރު ކޯލިޝަނުން އަލް ގުދްސް ހޮސްޕިޓަލަށް ވައިގެ ހަމަލާއެއް ދިން ކަން ކަށަވަރު ކޮށްދެއްވާފަ އެވެ. މި ހަމަލާގައި ހޮސްޕިޓަލް މަސައްކަތްތެރިންގެ އިތުރުން، އާންމުންގެ ބަޔަކު ވެސް މަރުވިއެވެ. އަދި މީގެ އިތުރުން، މި ހަމަލާގައި އެލެއްޕޯގެ ހުރި ހަމައެކަނި ކުޑަ ކުދިންގެ ޑޮކްޓަރު ވެސް ވަނީ މަރުވެފަ އެވެ.

މި ހަމަލާއަށް ފަހު ރެސްކިއު ވޯކަރުން ގެންދަނީ ހަމަލާދިން ސަރަހުއްދުގައި މަސައްކަތް ކުރަމުންނެވެ. އެ ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނެފައި ވަނީ ހަމަލާގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުއްސުރެ ސީރިޔާގެ ސަރުކާރު ކޯލިޝަނުން އާ ކުރި ހަމަލާތަކުގައި 100 އަށް ވުރެ ގިނަ އާންމު ރައްޔިތުން މަރުވި ކަމަށް އެކި ޖަމާއަތްތަކުންނާއި ނޫސްތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ. ސަރުކާރުން ހަމަލާތައް އާ ކުރުމުން، ސީރިޔާގެ އޮޕޮޒިޝަން ޑެލިގޭޝަނުން ވަނީ ސަރުކާރަށް އިންޒާރު ދީ މަޝްވަރާގައި ބައިވެރި ނުވާނެ ކަމަށް ބުނެފައެވެ. އަދި އާންމުންނަށް އަމާޒުކޮށްގެން ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.