ޓޫރިސްޓް އެރައިވަލް

އިނގިރޭސީން އިތުރުވެ، ޔޫރަޕު މާކެޓުން ރާއްޖެއަށް ބޮޑު ކުރިއެރުމެއް!

Apr 28, 2016
3
  • މިދިޔަ މަހު ޔޫރަޕު މާކެޓު 8.4 ޕަސެންޓް އިތުރު
  • އިނގިރޭސި މާކެޓު 19 ޕަސެންޓް މައްޗަށް
  • ޖުމްލަ ޓޫރިސްޓުންގެ އަދަދު 2.4 ޕަސެންޓް އިތުރުވި

މިދިޔަ މަހު އިނގިރޭސިވިލާތުން އައި ޓޫރިސްޓުންގެ އަދަދު އިތުރުވެ، ޔޫރަޕު މާކެޓުން ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

މިދިޔަ މަހު އާއްމުކުރި ޓޫރިސްޓުން އެރައިވަލް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މާޗު މަހު ޔޫރަޕުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 58،918 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރުގެ މާޗް މަހު އައި ޓޫރިސްޓުން އަދަދަކީ 63،882 އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 8.4 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ 55 ޕަސެންޓް ހިއްސާ ކުރަނީ ވެސް ޔޫރަޕުންނެވެ. މި ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޔޫރަޕުން 179،943 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީން- މާޗް މަހުގެ ނިޔަލަށް ޒިޔާރަތްކުރި 166،188 ޓޫރިސްޓުނާ އަޅާ ބަލާއިރު 8.3 ޕަސެންޓް އިތުރު އަދަދެކެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން މިދިޔަ މަހު 11،095 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 9،256 ޓޫރިސްޓުންނާ އަޅާބަލާއިރު 19.9 ޕަސެންޓް އިތުރު އަދަދެކެވެ.

ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރަޝިޔާއިން ރާއްޖެއަށް 4،461 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއީ މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެއަށް ޒިޔާރަތްކުރި 4،048 ޓޫރިސްޓުންނާ އަޅާބަލާއިރު 10.2 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ޖަރުމަނުވިލާތުން މިދިޔަ މަހު 13،268 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތްކުރި 12،203 މީހުންނާ އަޅާބަލާއިރު 8.7 ޕަސެންޓް އިތުރު އަދަދެކެވެ.

ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް ރާއްޖެއަށް އެންމެ ފުރަތަމަ ޓޫރިސްޓުން ޒިޔާރަތް ކުރި އިޓަލީވިލާތުގެ މާކެޓުން ވަނީ ދަށަށް ގޮސްފަ އެވެ. އިޓަލީން މިދިޔަ މަހު 9،086 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު، މިދިޔަ އަހަރުގެ މާޗު މަހު 9،725 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ 6.6 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދުވެސް ވަނީ 13 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހު ރާއްޖެއަށް ޖުމްލަ 115،131 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއީ މިދިޔަ އަހަރުގެ މާޗު މަހު ޒިޔާރަތްކުރި 112،427 ޓޫރިސްޓުންނާ އަޅާ ބަލާއިރު 2.4 ޕަސެންޓް އިތުރު އަދަދެކެވެ.