ބޭރު ކުޅިވަރު

ކޯޗާ މައްސަލަ ޖެހުނަސް ސެމްޕްޑޯރިއާގައި އެޓޫ މަޑުކުރާނެ

ސެމްޕްޑޯރިއާގެ ކޯޗު ސިނީސާ މިހައިލޮވިޗްއާ މައްސަލަ ޖެހުނު ނަމަވެސް، ސެމްޕްޑޯރިއާގައި އަލަށް ގުޅުުނު ކެމަރޫންގެ ފޯވަޑް ސެމުއެލް އެޓޫ އެ ޓީމުގައި މަޑުކުރަން ނިންމައިފި އެވެ.

ޖެނުއަރީ މަހުގެ ޓްރާންސްފާގައި އެވަޓަން އިން ސެމްޕްޑޯރިއާ އަށް ބަދަލުވި އެޓޫ އާއި އެ ޓީމުގެ ކޯޗު މިހައިލޮވިޗްއާ މައްސަލަ ޖެހުނީ އެ ޓީމުން ބޭއްވި ފަރިތަކުރުމެއްގައި އެޓޫ ބައިވެރިނުވުމުންނެވެ. މިހައިލޮވިޗް ބުނީ އޭނާ ބޭއްވި "އެކްސްޓްރާ" ޓްރެއިނިންގައި އެޓޫ ބައިވެރިނުވުމަކީ އެ ކްލަބަށް އެޓޫ "އިހުތިރާމް ކުޑަކުރުން" ކަމަށެވެ.

މި މައްސަލަައިގައި އެޓޫ ސެމްޕްޑޯރިއާ ދޫކޮށްލާނެ ކަމަށް އަޑުފެތުރުނު ނަމަވެސް، އެޓޫ ވަނީ އެ ޓީމުގައި މަޑުކުރަން ނިންމައިފަ އެވެ.

"މި މައްސަލަ މާބޮޑެއް ނުވޭ،" އެޓޫއާ ގާތް ފަރާތެއް ބީބީސީއާ ވާހަކަދައްކަމުން ބުންޏެވެ. "އެޓޫ އަށް ނެތް އެހެން ކްލަބަކަށް ދެވޭކަށް ވެސް. ފީފާ ގަވައިދުގެ ދަށުން އެއް ސީޒަނެއްގައި އެންމެ ގިނަ ވެގެން ކުޅެވެނީ ދެ ކްލަބަށް."

އިޓާލިއަން ލީގުގައި އާދިއްތަ ދުވަހު ޓޮރީނޯ އަތުން 5-1 އިން ސެމްޕްޑޯރިއާ ބަލިވި މެޗަށް ފަހު މިހައިލޮވިޗް ވަނީ ހޯމަ ދެ ޓްރެއިނިން ސެޝަން ބާއްވައިފަ އެވެ. އެކަމަކު ހެނދުނު އޮތް ޓްރެއިން އަށް ފަހު އެޓޫ ދެވަނަ ޓްރެއިނިން ސެޝަން އަކަށް ހާޒިރެއްނުވެ އެވެ.

މިހައިލޮވިޗް ބުނީ އެއްވެސް ކަހަލަ އުުޒުރެއް ނެތި އެޓޫ ޓްރެއިނިން އަށް ހާޒިރުނުވުމަކީ އެ ކްލަބަށް "އިހުތިރާމް ކުޑަކުރުން" ކަމަށެވެ.

"އޭނާ އަހަންނާ ވާހަކައެއް ނުދައްކާ ހެނދުނު ޓްރެއިނިން ނިންމާފައި ދިޔައިރު. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވޭ،" މިހައިލޮވިޗް ބުންޏެވެ. -- ބީބީސީ