ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ފެށުން ރަނގަޅުކޮށް، ފައިދާއަށް 90 ޕަސެންޓް ކުރިއެރުން!

Apr 28, 2016
1
  • ތިން މަސް ދުވަހުގެ ފައިދާ 281 މިލިއަން ރުފިޔާ
  • އާންމު ވިޔަފާރިތަކަށް ދޫކުރި ލޯނު ހަތް ބިލިއަން ރުފިޔާގައި
  • އިންވެސްޓްމަންޓަށް 300 މިލިއަން ރުފިޔާ

ގައުމީ ބޭންކް، ބީއެމްއެލްގެ މިއަހަރުގެ ފެށުން ރަނގަޅުކޮށް، އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ބޭންކްގެ ސާފު ފައިދާ 90 ޕަސެންޓް މައްޗަށް ޖައްސައިފި އެވެ. ބޭންކުން ސިފަ ކުރަނީ މިއީ އެ ބޭންކުގެ ފެށުން އެންމެ ރަނގަޅު އަހަރުގެ ގޮތުގަ އެވެ.

ބީއެމްއެލް އިން މިއަދު އާންމު ކުރި މިއަހަރުގެ ފުރަތަމަ ކުއާޓާ، ފުރަތަމަ ތިން މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓެކްސްއަށް ދައްކާ ފައިސާ އުނިކުރުމުގެ ކުރިން އެ ބޭންކަށް ފުރަތަމަ ތިން މަސް ދުވަހު ވަނީ 281 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 110,959 ރުފިޔާގެ ފައިދާއަށް ވުރެ 90 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ބޭންކުން ބުންޏެވެ. އާންމު ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނުގެ އަދަދު ވެސް ފުރަތަމަ ކުއާޓާގައި 7.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ އިރު ގާނޫނުގެ ދަށުން ބޭންކުން ބަހައްޓަން ލާޒިމް ކުރާ ރައުސްމާލުގެ މިންވަރު ވެސް އެއަށް ވުރެ މާބޮޑުތަން އިތުރުކޮށް ބީއެމްއެލް އިން އަންނަނީ ބަހައްޓަމުންނެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ހިންގާ، 300 މިލިއަން ރުފިޔާގެ ޕްރޮގްރާމްގެ ދަށުން، މިދިޔަ ކުއާޓާގައި އާ ދެ ބްރާންޗް، ފަސް ސެލްފް ސާވިސް ބޭންކިން ސެންޓަރު، އިޔާދަކުރަނިވި ހަކަތައަށް އިންވެސްޓްމަންޓަށް ދޭ، ގްރީން ލޯން ފަންޑް ތައާރަފް ކުރި އެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮންލައިންކޮށް ރައްކާތެރިކަމާއެކު ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ބީއެމްއެލް ޕޭމަންޓް ގޭޓްވޭ ތައާރަފް ކުރީ ވެސް މިއަހަރުގެ ފުރަތަމަ ކުއާޓާގަ އެވެ.

ބޭންކުން ނެރުނު ސްޓޭޓްމަންޓެއް މި ކާމިޔާބީތަކާ ގުޅޭ ގޮތުން އެތަނުގެ ސީއީއޯ އަދި އެމްޑީ، އެންޑްރޫ ހީލީ ވިދާޅުވީ މާލީގޮތުން މިދިޔަ އަހަރު ލިބުނު ކުރިއެރުންތައް 2016 ވަނަ އަހަރު ވެސް ފެންނަން ފެށުމަކީ މުޖުތަމައުގެ ލާބައާއި މަންފާއަށް ޓަކައި އިންވެސްޓްކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އެގޮތުން އެންމެ ބޮޑު އެއް ކާމިޔާބީ އަކީ ބޭންކްގެ ބްރާންޗެއް ކޮންމެ އަތޮޅެއްގައި ވެސް ހުޅުވައި ކޮންމެ ރަށަކުން ވެސް ފައިސާ ނެގޭނެ އިންތިޒާމްތައް ހަމަޖެއްސުން ކަން ހީލީ ފާަގަ ކުރައްވާފައިވެ އެވެ.

"އެންމެ ވާދަވެރި ޕްރޮޑަކްޓްތަކާއެކު ލޯނުގެ އިންޓްރަސްޓް ރޭޓް މިފަހުން ވަނީ ކުޑަކުރެވިފައި. މި ކުރިއެރުންތަކުގެ ސަބަބުން އިންވެސްޓްކުރުމާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހިތްވަރު ލިބިގެންދޭ،" ހީލީ ވިދާޅުވެފައިވެ އެވެ.

ދާދިފަހުން ބޭންކުންވަނީ މިދިޔަ ވަނަ އަހަރު އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހާމަކޮށްފައެވެ. މި ހިސާބުތަކަށް ބަލާއިރު ޖެހިޖެހިގެން ތިން ވަނަ އަހަރަަށް ބޭންކުގެ ބޯޑުންވަނީ ރިކޯޑް އަދަދަކަށް ހިއްސާގެ ފައިދާ ބަހަން ހުށަހަޅާފަ އެވެ. ބޭންކުން ނިންމާފައި ވަނީ ހިއްސާއަކަށް ފައިދާގެ ގޮތުގައި 17 ރުފިޔާ ބަހާށެވެ.