ރިޕޯޓް

ކޭޝްފްލޯ އާއި ފައިދާ އެކައްޗެއްތަ؟ ކޭޝްފްލޯ ނުބެލެހެއްޓުމުގެ ނުރައްކާ!

Apr 28, 2016
3

މިއީ ވިޔަފާރިއާއި ބެހޭ ތަފާތު އެކި މަޢުލޫމާތު ކިޔުންތެރިންނަށް ގެނެސްދިނުމުގެ މަޤްޞަދުގައި އަޅުގަނޑު ލިޔަންފެށި ދެމެހެއްޓެނިވި ގޮތެއްގައި މިމަސައްކަތް ކުރިއަށް ގެންދިއުމުގައި މާތްﷲ ގެ ޙަޟްރަތުން ވާގިއެދޭ ޙާލުއެވެ. އަދި ކިޔުންތެރިންނަށް މި ލިޔުމުން ކުޑަ މިންވަރެއްގެ ފައިދާއެއް ނަމަވެސް ކުރާނެކަމުގެ އުންމީދުގައެވެ.

ރާއްޖޭގައި މިހާރުވެސް ވިޔަފާރި އާއި އިޤްތިޞާދާއި ބެހޭގޮތުން އެކި ލިޔުންތެރިން ލިޔާ ލިޔުންތައް ފެންނަން ހުރެއެވެ. ނަމަވެސް ވިޔަފާރި ހިންގުމުގެ ދާއިރާ، ނުވަތަ މެނޭޖްމަންޓް ދާއިރާއާއި ބެހޭގޮތުން މާގިނަ ލިޔުންތަކެއް ދިވެހިބަހުން ލިޔެވިފައިވާ ކަމަކަށް އަޅުގަނޑަކަށް އެނގިފައެއް ނެތެވެ. މިގޮތުން މި ލިޔުންތަކުގައި އަލިއަޅުވާލަން އަޅުގަނޑު ގަސްދު ކުރަނީ، ވިޔަފާރި ހިންގުމުގެ އިޤްތިޞާދީ ދާއިރާއަށްވުރެ، ވިޔަފާރި ހިންގުމުގެ މެނޭޖްމަންޓް ދާއިރާއަށެވެ. ވަކިން ޙާއްޞަގޮތެއްގައި އަޅުގަނޑު އަލި އަޅުވައިލަން ގަސްދުކުރަނީ ރާއްޖޭގައި ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގުމުގައި ދިމާވާ އެކިކަހަލަ މައްސަލަތަކަށާއި، އެފަދަ ވިޔަފާރިތައް ހަރުދަނާ ކުރުމަށް އެހީތެރިކަމަކަށް ވެދާނެކަމަށް އަޅުގަނޑަށް ފެންނަ، މެނޭޖްމަންޓާބެހޭ އެކި މަޢުޟޫޢުތަކަށެވެ. މިގޮތުން ފުރަތަމަ އަޅުގަނޑު ލިޔުމަށް ގަސްދުކުރާ މަޢުޟޫއަކީ، ކޭޝް ފްލޯ ނުވަތަ ނަގުދު ފައިސާގެ ގޮތުގައި ލިބޭ އެއްޗަކާއި، ވިޔަފާރީގެ ފައިދާ އާއި ބެހޭގޮތުންނެވެ.

ވިޔަފާރީގައި ކޭޝް ފްލޯއާއި ފައިދާ އަކީ އެކައްޗެއް ނޫންކަން އޮޅުމަކީ ވަރަށްވެސް ނުރައްކައުތެރިކަމެކެވެ. އެހެންނަމަވެސް މި އޮޅުމަކީ އަދި ކޭޝްފްލޯ ރަނގަޅަށް ބަލަހައްޓަން ނޭގުމަކީ، ވަރަށް ގިނަ ކުދި ވިޔަފާރިތަކަށް ދިމާވާ މައްސަލައެކެވެ. އެމައްސަލައެއްގެ ސަބަބުން އެފަދަ ވިޔަފާރިތައް މައްސަލަގަނޑެއްގެ ތެރެއަށް ވަދެގެންދާ މައްސަލައެކެވެ.

އެންމެ ފުރަތަމަވެސް ކޭޝް ފްލޯ އަކީ ކޮބައިތޯ ބަލާލަމާ ތޯއެވެ. ކޭޝް ފްލޯ އަކީ، ވިޔަފާރި މުޢާމަލާތުތަކުގެ ތެރެއިން އެ ވިޔަފާރިއަކަށް ލިބޭ ނުވަތަ އެތެރެވާ ފައިސާއާއި އެ ވިޔަފާރިއަކުން ޚަރަދުކުރާ ނުވަތަ ބޭރުވާ ނަގުދު ފައިސާ އެވެ. ފައިދާއަކީ އެނގިވަޑައިގަންނަވާނެ ފަދައިން ވިޔަފާރި މުޢާމަލާތެއް ކުރުމަށް ޚަރަދު ވީ އެއްޗެއް ކެނޑުމަށްފަހު ބަކީވާ ބައެވެ.

ކުންފުންޏެއްގެ ނަޒަރުން ވިސްނާލާނަމަ، ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްގެ އަހަރީ ހިސާބުތައް ހަދާ ނިންމާލާއިރު އެކުންފުންޏަށް އެއަހަރު ފައިދާ ވީ ކަމަށް ދައްކަފާނެއެވެ. އެހެންނަމަވެސް ކޭޝްފްލޯގެ މައްސަލަތަކާއިހުރެ އެކުންފުނީގައި ނަގުދު ފައިސާ ނުހުރެދާނެއެވެ.

ކުޑަ މިސާލަކަށް ބަލާލުމުން މިކަން ތަންކޮޅެއްބޮޑަށް ސާފުވެގެން ދާނެއެވެ. ބާޒާރުން ގަނޑުކޮށް މުދާ ގަނެގެން ރީޓެއިލްކޮށް އެވިއްކާ ވިޔަފާރިވެރިއަކަށް ބަލާލަމާތޯއެވެ. މިސާލަކަށް 1000ރ އަށް ގަންނަ އެއްޗެއް، ފައިދާ ލުމަށްފަހު 1200ރ އަށް ވިއްކާލުމުން، އޭނާއަށް 20 އިންސައްތަ ފައިދާއެއް ލިބުނީއެވެ. އަދި އޭނާގެ ހިސާބުތަކުން، އެފައިދާ ލިބުނުކަމަށް ފެންނަން އޮންނާނެއެވެ. ނަމަވެސް ކޭޝްފްލޯއަކީ އެއްކަލަ 1200 ރުފިޔާ އޭނާގެ އަތަށް އެރުމެވެ. ވިޔަފާރިވެރިޔާ އެއެތި ވިއްކީ ލޭންދޭނަށް ނުވަތަ ފަހުން ފައިސާ ދައްކާގޮތަށް ކްރެޑިޓަށްކަމުގައި ވާނަމަ، އަދި ވިއްކިތާ ދެތިންމަސް ވެގެންދާއިރުވެސް އެއްކަލަ ފަހުންދައްކާގޮތަށް އެއެތި ގަތް ފަރާތުން އެފައިސާ ނުދައްކާނަމަ، ވިޔަފާރިވެރިޔާއަށް އެއޮތީ ކޭޝްފްލޯގެ މައްސަލަ ކުރިމަތި ވެފައެވެ. ފައިސާ ނުލިބިދާ ދެތިންމަހުގައި ވެސް އެވިޔަފާރިވެރިޔާ އޭނާގެ ޚަރަދުތައް ބަލަހައްޓަން ޖެހޭނެއެވެ. ފިހާރައިގެ ކުއްޔެވެ. ކަރަންޓުބިލާއި ފެންބިލް ފަދަ ބިލްތަކެވެ. މުވައްޒަފުންގެ މުސާރައެވެ.

ކުރާ ވިޔަފާރިއާއި އެވިޔަފާރީގެ އާމްދަނީ ލިބޭގޮތަށް ބަލައި، އެކި ވައްތަރުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ކޭޝްފްލޯ ގެ މައްސަލަ ދިމާވާނީ އެކިވަރަށެވެ. ކޭޝްފްލޯ ރަނގަޅަށް މޭނޭޖް ނުކުރެވުމުން ދިމާވެދާނެ ބައެއް މައްސަލަތަކަށް ބަލާލަމާތޯއެވެ. ކުރީގައި ދެންނެވުނު މިސާލުގައިވެސް ބަޔާންކުރެވިފައިވާ ފަދައިން ދުވަހުން ދުވަހަށް ދައްކަންޖެހޭ ބިލްތައް ދެކުމާއި މުސާރަ ދިނުންފަދަ ކަންތައްތަކުގައި އަރާ ތާށިތަކުގެ އިތުރުން، ކުރިމަގުގައި ލިބެންއޮތް ފައިދާކުރަނިވި ވިޔަފާރި މުޢާމަލާތެއްގެ ފުރުޞަތުގެއްލިގެން ދިއުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ.

އިތުރު ދާއިރާއަކަށް އިންވެސްޓްކުރަން ގަސްދުކުރާ ވިޔަފާރިވެރިޔާ، ވޭތުވެދިޔަ އަހަރު އޭނާގެ މާލީ ހިސާބުތަކުން ދައްކާ ފައިދާ އަށް ބަލައިގެން އިންވެސްޓްކުރުމުގެ ހުރިހާކަމެއް ނިންމާ ހިސާބުން، ފައިނޭންސް ބަލަހައްޓާ ކޮންޓްރޯލަރ ކުންފުނީގައި އިންވެސްޓުކުރާނެ ފައިސާ ނެތްކަމުގައި ބުނަންޖެހުން ފަދަ މައްސަލަތަކީ ކޭޝްފްލޯ ރަނގަޅަށް މެނޭޖްނުކުރެވުމުން ނުކުމެދާނެ މައްސަލައެކެވެ. އާދެ، ކޭޝްފްލޯއާއި ފައިދާއަކީ އެކައްޗެއް ނޫނެވެ.

ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ އާދަކާދަ ހުންނަގޮތުން، ކޭޝްފްލޯ ރަނގަޅަށް މެނޭޖްނުކުރެވުމުން ނުކުންނަ މައްސަލަތައް އިތުރަށް ބޮޑުވެގެންވެސް ދެއެވެ. ވަކިން ޚާއްޞަކޮށް ކުޑަ އިންސައްތައެއްގެ ފައިދާ ލައިގެން، ނަމަވެސް ގިނަޢަދަދަކަށް މުދާ ވިއްކާކަހަލަ ވިޔަފާރިތަކަށް ކޭޝްފްލޯ އާއި ވިޔަފާރީގެ ފައިދާ ރަނގަޅަށް ނޭނގުމަކީ ވަރަށްބޮޑު މައްސަލައެކެވެ. މިސާލަކަށް، ތެލުގެ ވިޔަފާރި ހިންގާ ފަރާތެއްގެ ވިޔަފާރިއަށް ބަލާލަމާތޯއެވެ.

ރާއްޖޭގެ ތެލުގެ ވިޔަފާރި އޮންނަގޮތުން ތެޔޮ އިންޕޯޓްކޮށް ހޯލްސޭލް ކުރަނީ މަދު ބައެކެވެ. ދެން އުޅޭ ގިނަ ފަރާތްތަކަކީ އިންޕޯޓްކުރާ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ތެޔޮ ގަނެގެން ރީޓެއިލް ކުރާ ފަރާތްތަކެވެ. ރާއްޖޭގައި ތެލުގެ ވިޔަފާރިއަކީ ވަރަށް ވާދަވެރިކަން ބޮޑު ވިޔަފާރިއަކަށް ވުމުން، އަދި އިންޕޯޓްކުރާ ފަރާތްތަކުންވެސް އަމިއްލައަށް ރީޓޭލްކޮށް ތެޔޮ ވިއްކަމުންގެދިއުމުގެ ސަބަބުން، ރީޓެއިލްކޮށް އެވިޔަފާރިކުރާ އެއްވެސް ފަރާތަކަށް ތަފާތުބޮޑު ފައިދާއެއް ލެވޭ ވިޔަފާރިއެއް ނޫނެވެ.

މިސާލެއްގެގޮތުން ތެޔޮ ލީޓަރަކުން ރީޓެއިލްކުރާ ފަރާތަށް އޮންނަނީ 10 ލާރިކަމުގައި ބަލަމާތޯއެވެ. އަދި ހިސާބު ހަދާލުމުގެ ފަސޭހައަކަށް ތެޔޮ ލީޓަރެއް، ރީޓެއިލްކުރާމީހާ ގަންނަ އަގަކީ 9.90ރ ކަމުގައި ބަލާ، އޭނާ ތެޔޮ ލިޓަރެއް ވިއްކާ އަގަކީ 10ރ ކަމުގައި ބަލަމާތޯއެވެ. އަދި އޭނާ ހޯލްސޭލްކުރާ ފަރާތުން ތެޔޮ ހޯދީ ކްރެޑިޓަށް ފަހުންދައްކާގޮތަށް ކަމުގައި ބަލަމާތޯއެވެ. އެއްލައްކަ ލީޓަރުގެ ތެޔޮ އޭނާ ވިއްކައިފިކަމުގައި ވާނަމަ، އޭނާ ވިއްކި މުދަލުގެ އަގަކީ 1 މިލިއަން ރުފިޔާ އެހެންނޫންތޯއެވެ.

ބައެއް ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން އަތަށް ލާރިކޮޅެއް ލިބުމުން ވަރަށް ގިނަފަހަރަށް، ވިޔަފާރިން ބޭރު ބައެއްކަހަލަ ކަންތައްތަކަށް ޚަރަދުކޮށްލުމަކީ ވަރަށް ގިނައިން ކުރެވޭކަމެކެވެ. ނަމަވެސް މަތީގައި މިދެންނެވުނު މިސާލަށް ބަލާއިރު، ވިޔަފާރި ވެރިޔާއަށް އެއްމިލިއަން ރުފިޔާ ކޭޝްފްލޯގެ ގޮތުގައި ލިބުނުކަމުގައިވިޔަސް، އެމުޢާމަލާތުގައި އޭނާގެ ފައިދާ އަކީ ހަމައެކަނި ކޮންމެ ލިޓަރަކުން އޭނާ ފައިދާއަށް ލާ 10 ލާރި އެކަންޏެވެ. އާދެ 10000 ރުފިޔާއެވެ. ބާކީ ނުވަލައްކަ ނުވަދިހަ ހާސް ރުފިޔާއަކީ ހޯލްސޭލްކޮށް ތެޔޮ ވިއްކި ފަރާތަށް ތެލުގެ އަގުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާއެވެ.

އަދި ފައިދާގެ ގޮތުގައި އެ މުޢާމަލާތުން ދިހަހާސް ރުފިޔާ ލިބުނުކަމުގައި ވީނަމަވެސް، އެފައިސާ އަކީ އޭނާގެ ވިޔަފާރި ހިންގުމުގެ އެހެނިހެން ޚަރަދުތަކަށްވެސް ހޭދަކުރަންޖެހޭ ފައިސާއެވެ. މުވައްޒަފުންގެ މުސާރައާއި ތަނުގެ ކުއްޔާއި މިނޫންވެސް މިފަދަ ޚަރަދު ތަކެވެ. ވިޔަފާރިވެރިޔާގެ ސާފު ފައިދާ ނުކުންނާނީ، މިފަދަ ހުރިހާ ޚަރަދުތަކެއްވެސް ކެނޑުމަށް ފަހު އެހެންނޫންތޯއެވެ. އާދެ އެފައިސާ އޭނާގެ ވިޔަފާރި ނޫން ބޭނުންތަކަށް ބޭނުންކޮށް ހުސްވެއްޖެނަމަ މައްސަލައަކާ ކުރިމަތިވީ އެހެންނޫންތޯއެވެ.

ރާއްޖޭގެ ވިޔަފާރީގައި، އެންމެ ގިނައިން އިވެމުންދާ ޝަކުވާތަކަކީ މިފަދަ ކަންތައްތަކާއި ގުޅިގެން ދިމާވާ މައްސަލަތަކެވެ. މުވައްޒަފުން، އެމީހުންނަށް ލިބެންޖެހޭ މުސާރަ ނުލިބިގެން ޝަކުވާ ކުރާ އަޑެވެ. މީރާއަށް ދައްކަންޖެހޭ ޓެކްސް ތައް ޤަވާއިދުން ނުދެއްކިގެން އުޅެންޖެހޭ ވާހަކައެވެ. ވިޔަފާރި ހިންގާ ތަނުގެ ކުލި ނުދެއްކިގެން އުޅޭ ވާހަކައެވެ. ބޭންކުން ނަގާފައިވާ ލޯނާއި އެހެނިހެން ކްރެޑިޓް ފެސިލިޓީތަކަށް ފައިސާ ނުދެއްކިގެން އުޅޭ ވާހަކައެވެ. ފަހުން ދައްކާގޮތަށް މުދާ ގަނެގެން އުޅޭ ފަރާތްތަކަށް އެމުދަލުގެ އަގު ނުދެއްކިގެން އުޅޭ ވާހަކައެވެ. މިހެންގޮސް މިކަހަ އެތަށް ޝަކުވާތަކެއް އަބަދުމެ އިވެމުންދޭނޫންތޯއެވެ.

އާދެ މިފަދަ ކަންތައްތައް މެދުވެރިވާންޖެހޭ ހަމައެކަނި ސަބަބަކީ ކޭޝްފްލޯ މެނޭޖްނުކުރެވުމެއް ނޫނެވެ. މިނޫން ކިތަންމެ މައްސަލައެއްވެސް މެދުވެރިވެދާނެއެވެ. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ކޭޝްފްލޯ ރަނގަޅަށް މެނޭޖް ނުކުރެވިއްޖަނަމަ، ނުވަތަ ކޭޝްފްލޯ އާއި ވިޔަފާރީގެ ފައިދާ އާއި ރަނގަޅަށް ވަކިކުރަން ނޭގިއްޖެނަމަ، މިފަދަ މައްސަލަތައް ދިމާވެ، ވިޔަފާރި ކުރިއަށްގެންދިއުމުގައި މައްސަލަތައް ނުކުމެދާނެ ވާހަކައެވެ.

އާދެ ކޭޝްފްލޯއަކީ ފައިދާ އެއް ނޫނެވެ. މަތީގައި ދަންނަވާފައިވާ މިސާލުތަކުންވެސް ކޭޝްފްލޯ އާއި ފައިދާ އަކީ ތަފާތު ދެއެއްޗެއްކަން ހާމަވޭ ނޫންތޯއެވެ. އަދި ވިޔަފާރީގެ ކޭޝްފްލޯ ރަނގަޅަށް ނުބެލެހެއްޓިއްޖެނަމަ، ވިޔަފާރި ހިންގުމުގައި މައްސަލަތަކެއް ދިމާވެދާނެކަން އެބަ ފެނޭ ނޫންތޯއެވެ.

މިކަމުގައި ވިސްނާވަަޑައިގަތުން މުހިންމެ ބައެއް ކަންތައްތައް ވެއެވެ. އެހާ ފައިދާ ބޮޑުނޫން ވިޔަފާރިއެއްވެސް، ރަނގަޅު ކޭޝްފްލޯ މެނޭޖްމަންޓް އެއް އޮންނަނަމަ، މަދު ދުވަސް ކޮޅަކަށްނަމަވެސް ރަނގަޅަށް ހިންގިދާނެއެވެ. އެހެންނަމަވެސް، ވިޔަފާރީގެ ފައިދާ ބޮޑުކަމުގައި ވިޔަސް، ކޭޝްފްލޯގެ މައްސަލަތައް ދިމާވާނަމަ، އެވިޔަފާރިއެއް ހިންގުމުގައި މައްސަލަތައް ކުރިމަތިވާނެއެވެ. އަދި ފައިދާ ކިތަންމެ ބޮޑުކަމުގައި ވީނަމަވެސް، ކޭޝްފްލޯގެ މައްސަލަ އުޅޭނަމަ، އެލިބޭ ފައިދާއެއްގެ ފޮނިކަން ނުލިބި، ވިޔަފާރި ހަލާކުވެގެން ދިއުމަކީ ވެދާނެކަމެކެވެ.

* މިކަމާ ގުޅޭގޮތުން، އަދި މެނޭޖްމަންޓުގެ މިނޫން ދާއިރާތަކާއި ގުޅޭގޮތުންވެސް އިތުރު މައުލޫމާތު www.bizconsultancy.co/blog ގައި ޝާއިޢު ކޮށްފައި ހުންނާނެއެވެ.

އަލީ އާމިރަކީ ކާކު؟

އެޑިޓަރުގެ ނޯޓް: މ. އާސްތާނާ އަލީ ޢާމިރަކީ، ހިންގުމާއި މެނޭޖްމަންޓްގެ ދާއިރާގެ ތަޖުރިބާކާރެކެވެ. ސަރުކާރުގެ އިސް މަގާމުތަކެއްގައި ގިނަ އަހަރުތަކެއްގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން ކުޅިވަރުގެ ހިންގުމުގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އާމިރު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައި ވެއެވެ.