ޝަލަބީ އިބްރާހީމް އާއި މުހައްމަދު އިޝާން އަދި ލައިޝާ ޖުނައިދަކީ ސަޕްރައިޒެއް ނޫނެވެ. ހައްތަހާ ވެސް ފެވަރިޓުންނެވެ. މޯލްޑިވިއަން އައިޑޮލްގެ މި އާދަޔާހިލާފު ދަތުރެއް ފަށައި އޭގެ ފޯރިއެއްގައި މުޅި ގައުމު ޖެހުނު ހިސާބުން ފެށިގެން މި ތިން ލަވަކިޔުންތެރިން ވެފައި ވަނީ މި ޝޯއެއްގެ އެންމެ މަގްބޫލު އަދި އެންމެ ހުނަރުވެރި ތިން ލަވަކިޔުންތެރިންނަށެވެ.
ފަހަރެއްގައި މި ތިން ލަވަކިޔުންތެރިން ފަހު ތިން ޖާގަ ކަށަވަރުކުރުމުން ބެލުންތެރިންނަށް އެކަން "ސަޕްރައިޒަކަށް" ނުވި ސަބަބަކީ އެއީ އެވެ. އެހެން ނަމަވެސް ކުރިއަށް އޮތީ މި ޝޯގެ އެންމެ ބޮޑު ސަޕްރައިޒެވެ. އަންނަ ހޯމަ ދުވަހުގެ ރެއަކީ އެ ސަޕްރައިޒަކުން ސްޓޭޖު ފަޅަފަޅައިގެންދާނޭ ދުވަހެވެ.
އެކަމަކު މި ތިން ލަވަކިޔުންތެރިންގެ ތެރެއިން އެކެއްގެ ބޮލުގައި މޯލްޑިވިއަން އައިޑޮލްގެ އަލަތު ޖާތު އެޅުވިގެން ދިއުމުގެ ކުރިން، ޝޯގައި މިފަދަ ކާމިޔާބީއެއް ލިބިއްޖެ ނަމަ ދެން ހަދާނޭ ގޮތަކާ ބެހޭ ގޮތުން މި ތިން ބައިވެރިން އޭރު ދައްކާފައިވާ ވާހަކަތަކުން ފަށައިގަންނަމާ ހިނގާށެވެ.
އެމީހުންގެ ހުވަފެންތައް ވަރަށް ވެސް ސަޅި!
އެންމެ ރަނގަޅުވާނީ އެންމެ ބޮޑު ފެވަރިޓާ ހިސާބުން ފެށިއްޔާއެވެ. އެއީ ޝަލަބީ އެވެ. ޝަލަބީ ބުނެފައި ވަނީ އޭނާ އަށް މި މުބާރާތް ކާމިޔާބުކުރެވިއްޖެ ނަމަ އޭނާއާ އެކު މި ދަތުރުގައި ބައިވެރިވި އެކެއްގެ މަތިން ވެސް ހަނދާން ނައްތައިނުލާނެ ކަމަށެވެ.
"އަޅުގަނޑު ބަލާނަން އަޅުގަނޑުހެން މިހައި ހިސާބަށް އައި ކޮންމެ މީހަކަށް ވެސް އެހީވެދެވޭތޯ. ހެޔޮހިތުން ބަލާނަން. އެކީގައި އުޅޭ ރައްޓެހިން އަދި ވަކިން ހާއްސަކޮށް ޑިސްއެބިލިޓީސް ހުންނަ ކުދިންނަށް ކޮންމެވެސް ކަހަލަ އެހީއެއް ވެވޭތޯ ބަލާނަން. އެއީ ކުޑައިރުއްސުރެން މިހައި ހިސާބަށް އައިއިރު ވެސް ވަރަށް ގިނަ އެއްޗެހިތަކެއް ފެނުނު. ކިޔަވަން ބޭނުންވެފައި، އެކަމަކު ނުކުޅެދުންތެރިކަން ހުންނާތީ އެ ކުދިންނަށް ބޭނުންވާ ފަރުވާ ނުލިބިގެން ކިޔެވުމުގެ ފުރުސަތު ނުލިބިފައި ތިބި ކުދިން ވެސް،" ކުރިން އަވަސް އަށް ދިން އިންޓަވިއުއެއްގައި ޝަލަބީ ބުނެފައިވެ އެވެ.
"އެހެންވީމަ އެކަހަލަ ބަޔަކަށް އެހީވުން ކަހަލަ ކަމެއް ކުރަން ބޭނުންވަނީ. އެއްގޮތަށް ވެސް އަޅުގަނޑު މިއީ މާ ރަނގަޅު މީހެއްކަން ދެން ތިބި މީހުންނަށް އަންގާކަށް ނޫން."
އަންހެން ކުދިންގެ ހިތްތައް ކަތިލަމުން އަންނަ ރީތި ހިނިތުންވުމުގެ ވެރިޔާ އިޝާން ވެސް ބުނީ "ތިމާ މިއީ މާ މޮޅު މީހެއް ކަމަށް ދައްކަން" ބޭނުން ނުވާ ކަމަށެވެ. އޭނާ ވެސް ބޭނުންވަނީ ދެން ތިބި މީހުންނަށް އެހީވާށެވެ.
"ހަމަ ގައިމު ވެސް މުބާރާތް ކާމިޔާބުކުރެއްވިއްޖެ ނަމަ އަޅުގަނޑަކީ މޯލްޑިވިއަން އައިޑޮލްއޭ ކިޔާފައި ފޮންޏެއް ނުވާނަން. ބޭނުންވަނީ އަޅުގަނޑު މިހައި ހިސާބަށް އައިގޮތަށް އިތުރު ބަޔަކު މިހިސާބަށް އަންނަން،" އިޝާން ބުނީ މިހެންނެވެ.
ޝޯގައި ލައިޝާ މަޝްހޫރުކޮށްފައި ވަނީ ޑޮކްޓަރެއްގެ ގޮތުގަ އެވެ. ޑޮކްޓަރުންނަކީ ވެސް މީހުންނަށް އެހީވާ ބައެކެވެ. އެހެންކަމުން އޭނާގެ ހުރިހާ ސަމާލުކަމެއް ދީފައި ވަނީ ޑޮކްޓަރަކަށްވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ.
"ފައިސާގެ އިނާމު ލިބިއްޖެ ނަމަ ކުރަން ބޭނުންވަނީ މިއުޒިކާ ނުގުޅޭ ކަމެއް އަސްލު. މިހާރު މި މަސައްކަތްކުރަނީ ރައީސްގެ ސްކޮލާޝިޕަށް. އެއީ މެޑިސިން ކިޔެވުމަކީ ފުދޭވަރަކަށް ލާރި ޚަރަދުވާ ކަމެއް. ޕާސަނަލީ އަޅުގަނޑު ބޭނުމެއް ނުވޭ ލޯނެއް ނަގައިގެން ކިޔަވަން ދާކަށް. ބޮޑު ދަރަންޏެއް ބޮލުގައި އަޅައިގެން ދާކަށް،" އަވަސް އަށް ދިން އިންޓަވިއުއެއްގައި ލައިޝާ ކުރިން ބުންޏެވެ.
"އަޅުގަނޑަށް ހީވަނީ މޯލްޑިވިއަން އައިޑޮލް ކާމިޔާބުވެއްޖެ ނަމަ އެ ފައިސާ ހޭދަކުރެވޭނީ ކިޔެވުމަށް ހެން."
އަލީ ރަމީޒުގެ ޓިކެޓްގައި ނަސީބު ވަރަށް ގަދަ!
އެނގޭ ހެއްޔެވެ؟ ފައިނަލުގައި ވާދަކުރާ މި ތިން ލަވަކިޔުންތެރިންނަކީ ވެސް ދިވެހި ޕޮޕް މިއުޒިކްގެ ލެޖެންޑް، އަލީ ރަމީޒުގެ ލަވަތަކުން މި ޝޯގެ ދަތުރު ފަށައިގަތް ތިން ލަވަކިޔުންތެރިންނެވެ.
އޮޑިޝަނުގައި ޝަލަބީ ކީ ލަވައަކީ، "އަންނާށޭ މާ އެދޭ" އެވެ. އިޝާން ކިޔައިދިނީ "އައިޝާ" އެވެ. ލައިޝާގެ ހޮވުމަކަށްވީ "އަމާޒަކީ" އެވެ.
ޝޯގެ ވަކި ހިސާބަކުން ލައިޝާ އަލީ ރަމީޒުގެ ތޮށިގަނޑު ފަޅާލާފައި ނުކުތް ނަމަވެސް ޝޯގެ އެންމެ ފަހު ސްޓޭޖުގައި ވެސް އިޝާން އާއި ޝަލަބީގެ ފެވަރިޓަކަށް ވެފައި އޮތީ އަބަދުވެސް އަލީ ރަމީޒެވެ.
"އަލީ ރަމީޒުގެ ޓެކްނިކްސް، އޭނަ ލަވަކިޔާ ގޮތް އަދި އޭނާގެ މަހްރަޖު، އެ ހުރިހާ އެއްޗެއް ކަމުދަނީ. އޭނަ ކަމުގޮސްގެނެއް ނޫން،" އަލީ ރަމީޒުގެ ލަވަތައް ކަމުދާ ސަބަބު ކިޔައިދެމުން ޝަލަބީ ބުނެފައިވެ އެވެ.
"އެންމެ ކުރިންސުރެން ވެސް ފޯނަށް ލަވަ އަޅައިގެން އުޅެނީ. އަލީ ރަމީޒުގެ ލަވަތައް ގިނަވާނީ. ދެން ދޭތެރެއަކުން ޓޭލާ ސްވިފްޓް ވެސް މައިލޭ ސައިރަސްމެން ފަދަ ލަވަތައް ވެސް ޖަހަން. ފަށައިގަތްއިރު ކަމުދަނީ އަލީ ރަމީޒުގެ ލަވަތައް އެކަނި. އެންމެކުރިންސުރެ ވެސް އަޑުއިވެނީ އަލީ ރަމީޒުގެ ލަވަތައް. އަވާމެންދުރު ފަދަ ޕްރޮގްރާމްތަކުގައި ވެސް."
އިޝާން ވެސް ރޯލް މޮޑެލް އަކަށް ބެލި އެކަކީ އަލީ ރަމީޒުކަން ޔަގީނެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ އަލީ ރަމީޒު. އަޅުގަނޑު ކުރިއަށް މި ދަނީ ވެސް އޭނަ އަށް އިންސްޕަޔާވެގެން،" އިޝާން ބުނެފައިވެ އެވެ.
މި ހިސާބަށް ދާނެ ކަމަށް އަބަދުވެސް އުއްމީދުކުރި!
މީހުން ބުނެ އުޅެއެއް ނޫން ހެއްޔެވެ. ކާމިޔާބު ލިބޭނީ ގަދައަޅައި މަސައްކަތްކުރާ މީހުންނަށެވެ. މި ތިން ލަވަކިޔުންތެރިން އެމީހުންގެ ފައިނަލް ޕާފޯމެންސަށް ތައްޔާރުވަމުން އަންނައިރު މި ރޭހުގެ އެއްވެސް ހިސާބެއްގައި އުއްމީދު ގެއްލުވައެއް ނުލަ އެވެ. އަދި އެމީހުންގެ ޓާގެޓަކަށް އަބަދުވެސް ހަދާފައި ހުރީ ގްރޭންޑް ފިނާލޭކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.
"އުއްމީދަކީ އެންމެ ފަހު ޝޯގައި ވެސް ކިޔުން. ފައިނަލް ޝޯގައި ވެސް ލަވަކިޔަން ފުރުސަތު ލިބުމުން. އުއްމީދުކުރެވޭ. އެކަމަކު ފަށާއިރު އެއްވެސް މީހަކު މޮޅެއް ނުވާނެކަން އެނގޭ،" އިޝާން އޭރު ބުނީ މިހެންނެވެ.
މިއަދު އޭނާ އެހުރީ ފައިނަލް ސްޓޭޖުގަ އެވެ. އޭނާ އަކީ ޝޯގެ އެންމެ މޮޅު ތިން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ހިތްގައިމު އަޑެކެވެ.
ޝަލަބީ އޭރު ބުނީ ކީކޭތޯ ބަލައިލަމާ ހިނގާށެވެ.
"އެންމެ ފުރަތަމަ މިއަށް ކުރިމަތިލިއިރަކު ހިތަކަށް ނާރާ މިހާ ހިސާބަކަށް އާދެވިދާނެ ކަމަކަށް. އެކަމަކު އުއްމީދެއް އިން. ވާހަކަ އަކީ ވަކި ހިސާބަކަށް ދާނަމޭ. ދުރަށް. އަދި މިއަށް ވުރެ ވެސް. މިހައި ހިސާބަށް އާދެވުނީމަ ވެސް އުފާވޭ. ޑްރީމްއެއް ވީމަ، އޭތި ފުލްފިލްވާން އުޅޭހެން ވެސް ހީވޭ،" މިހެންނެވެ.
ޔަގީނަށް ވެސް އޭނާގެ މިހާރުގެ ޑްރީމަކަށް ވާނީ މި ޕްލެޓްފޯމް ކާމިޔާބުކުރުމެވެ. މިހާރު އެހުރިހާ ފިޔަވަޅަކާ ގާތުގަ އެވެ.
"ކުރިން ވެސް އަޅުގަނޑު ބުނެފައި އިންނާނެ ބޭނުންވަނީ ސަކްސަސްފުލް މީހަކަށް ވާށޭ. ލައި ކަހަލަ މީހަކަށް ވާން ބޭނުންވެއޭ އެހެން މީހުން ބުނާ ތަން ބަލަންށޭ އެންމެ ބޭނުންވަނީ. އެހެންވީމަ އަޅުގަނޑަށް ހީވަނީ މިހާރު މި އުޅެވެނީ އެހިސާބަށް ދެވުމުގެ މަގުމަތީގަހެން. އަދި އެހިސާބަކަށް ނުދެވޭ. އިރާދަކުރެއްވިއްޔާ ދެވޭނެ،" ލައިޝާ އޭރު ބުނީ މިހެންނެވެ.
އައިޑޮލް ކާމިޔާބުކުރާނެހެން ހީވަނީ ކާކު؟
މި ރޭހަކުން ކަޓައިގެން ދިޔަ ވަރަށް ގިނަ ބައިވެރިންނާ މީގެ ކުރިން ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބިފައިވެ އެވެ. ޝޯ ކާމިޔާބުކުރާނީ ކާކުތޯ ސުވާލުކުރުމުން އޭރު އެންމެން ވެސް ތަރުތީބުކުރި ގަދަ ތިނެއްގައި ލައިޝާ އާއި ޝަލަބީ އާއި އިޝާން ހިމެނެ އެވެ. މަޝްހޫރު ލަވަކިޔުންތެރިންނާއި މި ޝޯ ގަވާއިދުން ބަލާ މީހުން ކޮންމެ ހަފުތާ ބަންދަކު ތަރުތީބުކުރާ ލިސްޓްތަކުގެ ގަދަ ތިނެއްގައި ވެސް އެންމެ އާންމީ ޝަލަބީ އާއި އިޝާން އާއި ލައިޝާ އެވެ.
އެކަމަކު މިހާރު އުފެދިފައި އޮތް އެންމެ ބޮޑު ސުވާލަކީ މިއީ އެވެ. މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރާނީ މީގެ ތެރެއިން ކޮން ލަވަކިޔުންތެރިއެއް ހެއްޔެވެ؟ އެއެއް ކަނޑައަޅަން ބެލުންތެރިންނަށް ފުރުސަތު ލިބޭނެ އެވެ. މިރޭގެ ޕާފޯމެންސް ހާއްސަވަނީ ވެސް އެހެންވެގެންނެވެ.