ސަރުކާރު ވައްޓާލުމަށް ގިނަ ކަންތައްތަކެއް ކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އެމްޑީޕީ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ބުނާ އެގްރިމަންޓެއް ސޯޝަލް މީޑިއާގައި ލީކް ކޮށްލައިފި އެވެ.
މިފަދަ އެގްރީމެންޓެއް ލީކްވެފައިވެގެން އުޅޭއިރު ދެ ޕާޓީން ގުޅިގެން މަސައްކަތް ކުރުމުގެ އެގްރިމަންޓްގައި ސޮއި ކުރުން އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވަލްގައި ބާއްވާ ރެލީއެއްގަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ދެ ސޮފްހާގެ މައްޗަށް ލިޔެފައިވާ 10 ނުގުތާގެ އެ އެގްރިމަންޓްގައި ހުރި ކަންތައްތަކުގެ ތެރޭގައި، ސަރުކާރުން ހިންގާ މަޝްރޫއުތަކުން ރައްޔިތުންނަށް ގެއްލުން ވާނެ ކަމަށް މީޑިއާގެ ޒަރިއްޔާ އިން ވިސްނަ ދިނުމާއި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ މަޝްރޫއުތަކާ ދެކޮޅު ހަދައި އެއީ ގައުުމު ވިއްކާލުން ކަމަށް އާންމުންނަށް ވިސްނަ ދިނުމާއި ހޯމް މިނިސްޓަރު އުމަރު ނަސީރު އެ ހަރަކާތްތަކުގައި ބައިވެރިކުރުން ހިމެނެ އެވެ. އަދި ވެސް ކެބިނެޓްގައި ތިއްބެވި ރައީސް ޔާމީންގެ ސިޔާސަތުތަކާ ދެކޮޅު ބޭފުޅުން ދެނެގަނެ އެބޭފުޅުން އިދިކޮޅު ހަރަކާތްތަކަށް ގެނައުމަށް މަސައްކަތް ކުރުން ހިމެނެ އެވެ. އެގްރިމަންޓްގައި އަދިވެސް ބުނެފައި ވަނީ ޑިފެންސް މިނިސްޓަރު ކަމުން ވަކިކުރި، މުހައްމަދު ނާޒިމްގެ އެހީތެރިކަން ހޯދުމާއި ސިފައިންނާއި ފުލުހުންގެ ތެރޭގައި ތިބި ސަރުކާރާ ދެކޮޅު މީހުންގެ އެހީތެރިކަން ހޯދާނެ ކަމަށެވެ.
މީގެ އިތުރުން ބޭރު ގައުމުތަކުގެ މިޝަންތަކަށް ގޮސް ސަރުކާރުގެ ގޯސް ވާހަކަ ދެއްކުމާއި މުޒާހަރާތައް ވަރުގަދަ ކޮށް ފުލުހުން ފޫހިކޮށްލުމާއި ފުލުހުންގެ އަނިޔާވެރިކަން ހާމަވާ ގޮތަށް މުޒާހަރާގެ ބައިވެރިން އަމަލު ކުރުމުގެ އުސޫލުތަކެއް ރޭވުން ވެސް އެ އެގްރިމަންޓްގައިވެ އެވެ.
އެގްރިމަންޓްގެ މުއްދަތު ކަމުގައި ބުނެފައި ވަނީ ވެރިކަން ބަދަލުކޮށްލެވެން ދެން ނޫނީ 11 ނޮވެމްބަރު 2018 ގެ ނިޔަލަށެވެ.
އެ އެގްރިމަންޓްގެ އަސްލު ސާފު ކުރަން ގުޅުމުން ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ، އެމްޑީޕީ އާއި ޖޭޕީން އެއްބަސްވުމެއްގައި ސޮއި ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ނަމަވެސް ސޯސަލް މީޑިއާގައި ލީކް ވެގެން އެ އުޅެނީ އެ ލިޔުން ނޫން ކަމަށެވެ.