ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ ގައިގައި ތަޅައި މާރާލުމުގެ ތުހުމަތު ކުރެވިފައިވާ އެ ކުއްޖާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ ދިފާއީ ވަކީލު ކަމާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް )ޑީޕީޖީ( ހުސައިން ޝަމީމް ހަވާލު ވެޑައިގެންފި އެވެ.
އާފިޔާގެ ގާނޫނީ ވަކީލު ކަމާ ހިލޭ ސާބަހަށް ޝަމީމް ހަވާލުވެ ވަޑައިގެންނީ މިއަދު އެވެ.
އާފިޔާ ހައްޔަރު ކުރުމަށްފަހު ތަހުގީގަށް މާލެ ގެނެސްފައިވާއިރު މިވަގުތު ހދ. ކުޅުދުއްފުށީގައި ހުންނެވި ޝަމީމް ވިދާޅުވީ އާފިޔާގެ މައްސަލައާ އޭނާ ހަވާލުވެ ވަޑައިގެންނެވީ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ވެސް އިންސާފުވެރި ޝަރީއަތެއް ހިންގުމަށް ދީނީ ގޮތުން އޮންނަ ފުރުސަތު އާފިޔާއަށް ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.
"މީގެ ބޭނުމަކީ ކޮންމެހެން އޭނާ ދިފާއު ކުރާން މަސައްކަތް ކުރުމެއް ނޫން. އަޅުގަނޑުގެ ބޭނުމަކީ އިންސާފުވެރި ޝަރީއަތެއް އޭނާގެ މައްޗަށް ހިނގުމުގެ ބޭނުމުގައި އޭނާގެ ފަރާތް ތަމްސީލް ކުރުން،" ދެފަހަރެއްގެ މަތިން ޑިޕީޖީ ކަމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވި ވަކީލް ވިދާޅުވި އެވެ.
ކުރިން ބަންޑާރަ ނައިބު އޮފީހުގައި ވެސް މަސައްކަތް ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލު މި މައްސަލައާ ހަވާލު ވަޑައިގެންނެވުމަށްފަހު މާދަމާ މާލެ ވަޑައިގެން ފުރަތަމަ ފަހަރަށް އާފިޔާ އާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި މައްސަލައާ ޝަމީމް ހަވާލުވެ ވަޑައިގެންނެވީ އޭނާގެ ވަކީލު އެ މައްސަލައާ ހަވާލުވެ ވަޑައި ނުގެންނެވުމަށް ލަފާ އަރުވާފައި ވަނިކޮށެވެ.
މިވަގުތު ގާނޫނުލް އުގޫބަތުގެ ދިރާސާ މަސައްކަތްތައް ކުރެއްވުމުގައި ހުންނެވި ޝަމީމަކީ އަގު ކިޔައިގެން ކޯޓަށް ވަޑައިގަތުމަށް ވުރެ ބޮޑަށް ހިލޭ ސާބަހަށް ހިދުމަތްކޮށްދެއްވާ ބޭފުޅެކެވެ. އުޖޫރައަށް ޝަމީމް ކޯޓަށް ވަޑައިގަންނަވަނީ ވަރަށް މަދުންނެވެ.