ސިވިލް ސާވިސްގައި އާންމު އޮނިގަނޑުގައި ތިބި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރިއެރުން ނުލިބި ހަތް އަހަރުވެފައިވާއިރު މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމެއް ވަރަށް އަވަހަށް ލިބޭތޯ ސިވިލް ސާވިސް ކޮމިޝަނުން ސަރުކާރާއެކު މަޝްވަރާ ކުރަމުން ގެންދާކަމަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ވިދާޅުވެއްޖެ އެވެ.
މުސާރަ ބޮޑު ކުރާމަސައްކަތުގެ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ސިވިލް ސާވިސް ދުވަހު ގެ މުނާސަބަތުގައި އެ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ދެއްވި ހިތާބުގައި ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ ތުއްތު ދަރީން، އެ މުވައްޒަފުންގެ މަސައްކަތުގެ ވަގުތުތަކުގައި ބަލަހައްޓައިދޭނެ ޑޭކެއާ ސެންޓަރުތައް ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށާއި މުވައްޒަފުންގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ މުވައްޒަފުންނަށް ވަރަށް އަވަހަށް ސްޓަޑީ ލޯން ހަމަޖެހި އަދި ހައުސިން ސްކީމ ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަޒީފާއާއިގުޅޭ ކަންކަން ހަލުވިކޮށް ނިންމަށްޓަކައި މިދިޔަ އަހަރު "ވިއުގަ 2.0" ތަޢާރަފުކުރުމުން އެ ސިސްޓަމުގެ ތެރެއިން ވަޒީފާއާއިގުޅޭ ކަންކަން ހާމަކަން ބޮޑުގޮތެއްގައި ނިންމުމަށް ފުރުސަތު ތަނަވަސް ވެގެންދިޔަ ކަމަށެވެ. އަދި ވަޒީފާއާ ގުޅޭ މައްސަލަތައް ނިންމުމުގައި ލުއި ފަސޭހަވުމާއި، އަވަހަށް މައްސަލަތައް ނިމިގެންދިޔުމާއި، އިދާރީ އޮނިގަނޑުތަކަށް ގެންނަން ބޭނުންވާ ބަދަލުތައް ފަސޭހަކަމާއެކު ގެނަވުނު ކަމަށެވެ. އދި މި ސިސްޓަމްގެ ތެރެއިން އަލަށް އުފައްދާ މަގާމުތަކާއި އުވާލުމަށް ބޭނުންވާ މަގާމުތައް ފަސޭހަކަމާއެކު އުފެއްދުމާއި އުވާލުމަށް މަގުފަހިވި ކަމަށެވެ.
ޝަމީމްގެ ހިތާބުގައި ދެކުނު އޭޝިޔާގެ ސަރަހައްދުގައި ސިވިލް ސާވިސްގެ ހިދުމަތްތައް އެންމެ ރަނގަޅަށް ފޯރުކޮށްދޭ ގައުމަކަށް ދިވެހިރާއްޖެ ހެދުމުގެ މަގްސަދުގައި މަސައްކަތް ކޮށްދެއްވުމަށް އެންމެހާ ސިވިލް ސާވިސް މުވައްޒަފުންގެ އަރިހުން އެދިވަޑައިގެންފައިވެ އެވެ.