އޮފްބީޓް

ވެނެޒުުއެލާގެ ސަރުކާރު މުއައްޒަފުންގެ ހަފުތާ ބަންދަށް ފަސް ދުވަސް!

ވެނެޒުއެލާގެ ސަރުކާރުން މުއައްޒަފުން ވަޒީފާއަށް ނުކުންނަންޖެހޭ ދުވަސްތައް ދެ ދުވަހަށް މަދުކޮށް، ހަފުތާ ބަންދުގެ ގޮތުގައި ފަސް ދުވަހަށް ގިނަ ކޮށްފި އެވެ.

ސަރުކާރުގެ ނިންމުން އިއުލާންކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. މި ނިންމުމާއި ގުޅިގެން ސަރުކާރުގެ މަސައްކަތްތައް ހިނގާނީ ހަމައެކަނި ހޯމަ، އަންގާރަ މި ދެ ދުވަހު އެވެ.

ގައުމަށް ކުރިމަތިވެފައިވާ ހަކަތައިގެ މައްސަަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން އެޅި އިމަޖެންސީ ފިޔަވަޅުތަކާމެދު ގައުމުގެ ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މުސާރައަށް އެއްވެސް ބަދަަލެއް ނާންނަ އިރު، ގިނަ މުއައްޒަފުންނަށް އޯވަޓައިމްގެ މުސާރަ ނުލިބޭ މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

"ބޭކާރު ނިންމުމެއް. ސަރުކާރު މުއައްޒަފުންގެ މުސާރަ ބޮޑުވަނީ އޯވަޓައިމް ލިބޭތީ. މިހެން ހެދީމަ އޯޓީ ޖެއްސޭނެ ގޮތެއް ނެތް، މުސާރަ ކުޑަވޭ،" ވެނެޒުއެލާގެ ސަރުކާރު މުއާސަލާތީ ކުންފުނި، ކެންޓީވީގެ މުައައްޒަފެއް ބުންޏެވެ.

ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ހަފުތާގެ ބޮޑު ބައި ބަންދުކުރުމުން އޮފީސްތަކުންނާއި ސްކޫލްތަކުން ބޭނުންކުރާ ހަކަތައިގެ މިންވަރު ވަރަށް ބޮަޑަށް ދަށްވެގެންދާނޭ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ. ނަމަވެސް، މަސައްކަތަށް ނުގޮސް ގޭގައި ތިބުމުގެ ސަބަބުން ހަަކަތަ ބޭނުން ކުރާ މިންވަރު އިތުރުވާނޭ ކަމަށާއި އޭގެ ސަބަބުން ސަރުކާރުން އެޅީ އިމަޖެންސީ ފިޔަވަޅުން ލިބޭ ފައިދާ ގެއްލިގެންދާނޭ ކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

"ކްލާސްރޫމެއްގަ، އޮފީހެއްގަ، ތިރީސް މީހުން ކަރަންޓު ބޭނުންކުރާނީ ގާތްގަނޑަކަށް އެއްވަރަކަށް. ގޭގަ ވެއްޖެއްޔާ، ޓީވީ، ކޮމްޕިއުޓަރ، ފަދަ އެއްޗެހި ހުޅުވާނެ، ސްކޫލްގައި ކިޔަވާ ދުވަސްތައް މަދުކުރީމަ، ދަރިވަރުންނަށް އޭގެ ނޭދެވޭ އަސަރު ކުރަނީ. އެއް ދުވަހު ކިޔެވުން ހުއްޓާލީމަ، އެ އަލުން އަނބުރާ ހޯދަން އުނދަގޫވާނެ،" ޔުނިވަރސިޑާޑް ކަޓޮލިކާ އަންޑްރެސް ބެލޯގެ ޕްރޮފެސަރަ ލިއޮނާޑޮ ކަރްވަހާލް ބުނެފައިވެ އެވެ.

ސަރުކާރުގެ އިމަޖެންސީ ފިޔަވަޅުތަކުން އިސްތިސްނާވަނީ ސަރުކާރުން ހިންގާ ހޮސްޕިޓަލްތައް އެކަންޏެވެ.